މީޑިއާ ކޮންޓްރޯލް ބިލުގެ ދިރާސާ ސިއްރުކުރުމުން ނޫސްވެރިން މުޒާހަރާކުރަނީ

ނޫސްވެރިން މުޒާހަރާ ކުރަނީ: މީޑިއާ ބިލުގެ ދިރާސާ ވަނީ ސިއްރުކޮށްފައި -- ފޮޓޯ/ ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލުގެ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރަން ނިންމުމުން މަޖިލިސް އިދާރާ ސަރަހައްދުގައި ނޫސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާ 'ކޮންޓްރޯލް' ބިލެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ވަނީ މީޑިއާތަކާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މީޑިއާއަކުން ވެސް ވަނީ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ގިނަ މީޑިއާތަކުން ވަނީ ބިލު ބޭރުކުރަން ގޮވާލާފައެވެ.

https://sun.mv/211047

ބިލު ދިރާސާކުރަން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވަނީ ސިއްރުކުރަން ނިންމާފައެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އެހެންވެ، ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީ ސިއްރުކުރަން ނިންމާފައެވެ.

ނޫސްވެރިން މަޖިލީސް ކައިރީގައި މުޒާހަރާކުރަނީ: ކޮމިޓީ ސިއްރުކުރުމުން ނުރުހުން ވަނީ އަމާޒުވެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އޭރު ކޮމިޓީ އަޑުއަހަން ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާގައި ތިއްބެވެ. ކޮމިޓީ ސިއްރުކުރުމާ އެކު އެ ބައްދަލުވުމަށް ގޮސް ތިބި ނޫސްވެރިން ވަނީ ނެރެފައެވެ.

އެ ނޫސްވެރިން މިހާރު އަންނަނީ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އަދި ބިލު ދިރާސާކުރާ ކޮމިޓީ ވެސް ސިއްރުކުރުމުން ނުރުހުން ފާޅުކޮށް މުޒާހަރާކުރަމުންނެވެ. ނޫސްވެރިން މުޒާހަރާ ކުރަނީ މަޖިލީސް ކުރިމަތީގައެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް އެބަތިއްބެވެ. އެކަމަކު، ފުލުހުން މުޒާހަރާއަށް ހުރަސް އަޅާފައެއް ނުވެއެވެ.

ނޫސްވެރިން އިހުތިޖާޖުކުރަނީ: ބިލު ދިރާސާ ކުރާ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން އަންނަނީ މުޒާހަރާކުރަމުން -- ފޮޓޯ/ ހުސައިން ހަސަން

ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދާފައެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލުން ވެސް ވަނީ ބިލު އިތުރަށް ދިރާސާކޮށް، ރަނގަޅުކުރަން ޖެހޭކަމަށް ބުނެފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
comment ކޮމެންޓް