ވަކީލަކު ހޯދަން ވަރަށް މަސައްކަތްކުރަން، މި އުޅެނީ ހަމަނުޖެހިގެން: ބައްސާމް

ބައްސާމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި: އޭނާ ވަނީ ވަކީލެއް އަދި ހަމަނުޖެހޭ ކަމަށް ވިދާޅުވެފައި --

އެފްއޭއެމްގެ ފައިސާއިން އަމީން އެވެނިއުގެ އެޕާޓްމެންޓެއްގެ ގަތް މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދިފާއުކޮށްދޭން ވަކީލެއް ހޯދަން ވަރަށް މަސައްކަތްކުރައްވައިފި ކަމަށާއި އަދި ވަކީލެއް ހަމަ ނުޖެހޭ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ވަކީލަކު ހޯދަން ވަރަށް މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް އަދި ވަކީލަކު ހަމަ ނުޖެހޭ ކަމަށް ބައްސާމް ވިދާޅުވީ، އަމީން އެވެނިއު އެޕާޓްމެންޓް މައްސަލައިގައި ދައުލަތުން އުފުލި ދައުވާގެ ޝަރިއަތުގެ މަޖިލީހުގައެވެ. މި މައްސަލައިގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށްވަނީ އުފުލާފައެވެ.

ބައްސާމް މިއަދު އޮތް ޝަރިއަތުގައި ވިދާޅުވީ، ވަކީލަކު ހޯދަން އަދި ދުވަސްކޮޅެއް ލިބުމަށް އެދޭ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުން ޝަރީއަތުން މިއަދު ނިންމީ، ވަކީލެއް ނެތް ނަމަވެސް މައްސަލަ ކުރިއަށް ގެންދަން ފަށާށެވެ. އެގޮތަށް ނިންމައި މިއަދުވަނީ އިބުތިދާއީ މަރުހަލާ ފަށާފައެވެ. އިބުތިދާއީ މަރުހަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ، ވަކީލަކު އައްޔަންކުރަން ބައްސާމަށް 10 ދުވަސް ދީފައެވެ.

ޝަރީއަތުން އެންގީ 10 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެހުނަސް، ނުޖެހުނަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، ދެން އޮންނަ އަޑު އެހުން މި މަހު ފަހުކޮޅު ބާއްވާނެކަމާއި، އެ ދުވަހު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ޝަރީއަތުން އެންގިއެވެ.

https://sun.mv/210964

ބައްސާމު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކުރީ މިދިޔަ ޑިސެންބަރު މަހެވެ.

ދައުލަތުން ބައްސާމްއާ ދެކޮޅަށް މިއަދު އުފުލި ދެ ދައުވާގެ ތެރެއިން ޚިޔާނާތުގެ ދައުވާއަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1,200,000 ޑޮލަރު (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު)އަށް ޚިޔާނާތްތެރިވެފައިވާތީ އެ މައްސަލައެވެ.

އެ މައްސަލަ ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް ބައްސާމަށް އިއްވާނެއެވެ.

https://sun.mv/211016

ބައްސާމްގެ މައްޗަށް މިއަދު އުފުލި ދެވަނަ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދައުވާއެވެ. މަނީ ލޯންޑްރިންގެ މައްސަލައިގައި ދައުލަތުންވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައެވެ.

މިއީ، ބައްސާމު، އަމީން އެވެނިއުގެ ބްލޮކް އޭގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީއާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާ މައްސަލައެވެ.

މި ދައުވާއާ ގުޅިގެން ދައުލަތުންވަނީ މި ޚިޔާނާތުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ 1.2 މިލިއަން ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް އެދިފައެވެ. އަދި، ލޯންޑާކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު، ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުންވަނީ އެދިފައެވެ.

މަނީ ލޯންޑްރިންގެ މި މައްސަލަ ސާބިތުވެއްޖެނަމަ، 100,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވާނެއެވެ.

ބައްސާމަށް ވަކީލަކު ހޯދަން މިއަދު 10 ދުވަސް ދިންއިރު، އޭނާގެ މައްޗަށް އުފުލާފައިވާ އެހެން ދެ ދައުވާއެއް ވެސް ވަނީ ފެށިފައެވެ. އެ މައްސަލަތަކުގައި ބައްސާމްގެ ވަކީލުންގެ ޓީމެއް އޮވެއެވެ.

comment ކޮމެންޓް