ޖަލު އޮފިސަރެއްގެ ބޯ ފަޅާލި ގައިދީންތަކަކަށް ޖޫރިމަނާއެއް

ޖަލު އޮފިސަރުންތަކެއް: ޖަލު އޮފިސަރެއްގެ ބޯ ފަޅާލި ބަޔަކަށް ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި ތިން ގައިދީއަކު، ޖަލު އޮފިސަރަކަށް ހަމަލާދީ ބޯފަޅާލި މައްސަލައާ ގުޅިގެން އެ ތިން މީހުން ޖޫރިމަނާކޮށްފިއެވެ.

މިއީ، 2020 ވަނަ އަހަރުގެ ތެރޭގައި މާލޭ ޖަލުގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި ޖަލު އޮފިސަރަކަށް ހަމަލާދީ ބޯ ފަޅާލި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެއީ،

  • ޙަސަން ޢަލީމް ޒުހުރީ، ސ.ހިތަދޫ / ފާނަވިލާގެ،
  • އަޙްމަދު ލުޖައިން، ސ.މީދޫ / ހުވަނދުމާވިލާ
  • އަޙްމަދު ޒިހާން އިސްމާޢީލް، ސ.މީދޫ / ހުވަނދުމާވިލާ

މި ތިން މީހުންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ހާދިސާއަކީ، މިއީ، އެ ތިން ގައިދީން އެ މީހުންގެ އާއިލީ މެންބަރަކަށް ފޯނުކުރުމަށް، ގޮޅިން ނެރެގެން ގެންގޮސް ފޯނުކޮށް ނިންމައި އެނބުރި ގޮޅިއަށް ގެންދިޔަ މަގުމަތީގައި ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލައެވެ.

ހާދިސާގެ ފަސް އަހަރު ފަހުން މި މައްސަލައިގެ ޝަރިއަތް މިދިޔަ ހަފުތާގައި ނިމުނުއިރު، ދައުވާއަށް އެ ތިން މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އެކަމަކު، މި މައްސަލައިގައި، އަނިޔާ ލިބުނު ޖަލު އޮފިސަރާ އެކު މަސައްކުރާ ކަރެކްޝަންސްގެ އެހެން އޮފިސަރުންވަނީ އަނިޔާ ދިން ތިން މީހުންނާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ދީފައެވެ.

މި މައްސަލަތަކުގެ ތެރެއިން އަނިޔާއެއް ދިނުމުގެ މައްސަލައިގައި ޙަސަން ޢަލީމް ޒުހުރީގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްވަނީ 14،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށްވަނީ 3،600 ރުފިޔާގެ ޖޫރިމަނާ ހުކުމެއް ކޮށްފައެވެ.

ގައިގައި އަތްލުމުގެ ކުށް ސާބިތުވެ، އަނެއް ދެ މީހުންވަނީ 7،200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް