ނޭޕާލް މުޒާހަރާތައް: ގެކޮޅުގައި ރޯކުރުމުން، ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ނޭޕާލްގެ މުޒާހަރާގައި ރޯކޮށްލާފައިވާ ގެ އެއް. ފޮޓޯ/އިންޑިއާޓީވީ

ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި, ކުރީގެ ބޮޑުވަޒީރު ޖަލާނާތު ޚަނާލްގެ ގެކޮޅުގައި ރޯކޮށްލުމުން، އަނބިކަނބަލުން ރާޖްޔަލަކްޝްމީ ޗިޓްރަކާރު ފިހިގެން އަވަހާރަވެއްޖެއެވެ.

ނޭޕާލްގެ އައުޓްލެޓް، ޚަބަރު ހަބުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ ބަޔަކު އެއްވެ ޗިޓްރަކާރު ގޭތެރޭގައި ތާށިކޮށް އެ އިމާރާތުގައި އަލިފާން ރޯކޮށްލީއެވެ.

އާއިލާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ޗިޓްރަކާރުގެ ހާލު ސީރިއަސްވެ، ކިރްތީޕޫރު ބާން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ފަރުވާ ދެނިކޮށް އަވަހާރަވީއެވެ.

އެ ހާދިސާގާއި ކުރީގެ ބޮޑުވަޒީރު ޖަލާނާތު ޚަނާލަށް ވެސް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނޭޕާލްގެ ގާނޫނު ހަދާ މަޖިލީސް އިމާރާތް ހުންނަ ސަރަހައްދުގައި އަލިފާން ރޯކޮށްލުމުން ދުން އަރަނީ -- ފޮޓޯ/ރޮއިޓާސް

ސަރުކާރާ ދެކޮޅަށް ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކުގައި, ނޭޕާލުގެ ގާނޫނު ހަދާ މަޖިލީގާއި ބައެއް މިނިސްޓްރީތައް ހިންގާ ކަތުމަންޑޫގެ ސިންގް ދަރުބާރާއި ރިޔާސީ ގެކޮޅު ކަމަށްވާ ޝީޓަލް ނިވާސް ފަދަ ގައުމުގެ އެންމެ މުހިންމު ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްފައެވެ. އަދި ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އާއި ކުރީގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދާހާލް ''ޕްރަޗަންޑާ'' އަދި ޝެރް ބަހާދުރު ދޭއުބާގެ ގެތައް ވެސް ވަނީ އަންދާލާފައެވެ. ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް ވެސް ގިނަ ބަޔަކު ވަނީ ހަމަލާދީފައެވެ.

އެ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރާއި ރައީސް މިހާރު ވަނީ އިސްތިއުފާދެއްވައިފައެވެ.

comment ކޮމެންޓް