ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު ވަކިކުރައްވައި، އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އަނބިކަނބަލުން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ވަނީ އެކަން ހާމަކޮށްފައެވެ.
ސްޓެލްކޯގެ ބޯޑަށް އާމިރު އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ސްޓެލްކޯ ބޯޑަށް އައްޔަނުކުރި މުޒްނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އެ ފަހުން އޭނާ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރެއްވީ ނޮވެމްބަރު 28، 2023ގައެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
އަދި 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ މުޒްނާ ވަނީ ލީގަލް ޑިޕާޓްމަންޓްގެ ހެޑް ކަމާއި، ސްޓެލްކޯ ބިއުރޯގެ ހެޑް ކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ހެޑްކަން ކުރައްވައިފައެވެ. އަދި ހެޑް އޮފް ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަގާމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑްކަމުގެ އިތުރަށް ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމު ފުރުއްވިއެވެ.