ބަންޔަން ޓްރީ ވައްބިންފަރު ސަރަހައްދުގައި، އެމްއެންޔޫއިން ރިސޯޓާ ގުޅިގެން ދިރާސާތައްކުރަނީ

ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް އެމްއެންޔޫ އާއި ވައްބިންފަރު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވުން -- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ބަންޔަން ޓްރީ ވައްބިންފަރު ގުޅިގެން، އެ ރިސޯޓުގެ ފަރު އޮންނަ ސަރަހައްދުގައި ދިރާސާތައް ކުރިއަށްގެންދަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ވައްބިންފަރާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ގަައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ބަންޔަން ޓްރީ ވައްބިންފަރުގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އެލިއަސް ޕާޓޮފްޓެވެ.

އެމްއެންޔޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން ބަންޔަން ޓްރީގެ ވަށައިގެންވާ ފަރު ވާނީ ދިރާސާ މަރުކަޒަކަށްކަމަށެވެ. މިކަމުގެ ސަބަބުން އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް ތަފާތު އަދި ސާފު ކަނޑުގެ ވެއްޓެއްގައި ދިރާސާ މަސައްކަތްތައްކޮށް، ޙަގީގީ ދުނިޔޭގެ ޙާލަތްތަކުގައި ފީލްޑް އަދި ތަޖުރިބާއަށް ބިނާކޮށް ދިރާސާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއިން ބަންޔަން ޓްރީ ވައްބިންފަރާއެކު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެމްއެންޔޫ

ގައުމީ ޔުނިވާސިޓީން ބުނީ އެ ޚާއްސަ ދިރާސާ މަޝްރޫޢުތައް ރާވައިފައިވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ މުހިންމު ތިމާވެށީގެ ގޮންޖެހުންތަކަށް އަމާޒުކޮށް ކަމަށާއި މީގެ ތެރޭގައި ފަރުތަކުގެ ޞިއްޙަތު ބެލުމަށްޓަކައި ކުރެވޭ މޮނިޓަރިން މަސައްކަތްތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން ފަރުތައް ހުދުވުމުގެ ޙާދިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން ވަޒަންކުރުމާއި، ކަނޑުމަހާއި ވެލާފަދަ ބޮޑެތި ކަނޑުގެ ދިރުންތަކުގެ އާބާދީއާ ގުޅޭ ދިގު މުއްދަތުގެ ދިރާސާތައް ހިމެނެއެވެ.

އެ ދިރާސާތަކުގައި ދެ ފަރާތުން ގުޅިގެން ސުވާލުތައް އެކުލަވާލުމުން، ސީދާ ރިސޯޓުގެ ތިމާވެށި ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތަކަށް މަޢުލޫމާތު އެއްކުރެވޭނެކަން ވެސް އެމްއެންޔޫއިން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން ވަގުތުން ޢަމަލީ ނަތީޖާ ފެންނަ އަދި ދިގު މުއްދަތުގައި ވެސް ހެޔޮ ބަދަލުތައް ގެނެވޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން، ބަންޔަަން ޓްރީ މެރިން ލެބް މެދުވެރިކޮށް، އެ ރިސޯޓުގައި މަސައްކަތްކުރާ މެރިން ބަޔޮލޮޖިސްޓުންގެ އިރުޝާދުގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށް ޕްރޮފެޝަނަލް އިންޓާންޝިޕްތަކާއި، ސައިންޓިފިކް ޑައިވިންއާއި އިކޮލޮޖިކަލް މޮނިޓަރިން އަދި ތިމާވެށި ހިމާޔަތްކުރުމުގެ އުކުޅުތަކާ ގުޅޭ ތަޖުރިބާ ލިބޭނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

އެ އަގުހުރި ތަޖުރިބާގެ ސަބަބުން، މުސްތަގުބަލުގައި ކަނޑުގެ ސައިންސުވެރިންނަށް ގައުމުގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި އިތުބާރު ލިބޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

comment ކޮމެންޓް