އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ ޝަރީއަތުގައި ނަގަން ޖެހޭ ހެކިބަސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ހ. ޝީރީންވިލާގައި 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ޝަރީއަތް ފެށުނުތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. ހުރިހާ ދައުވާއެއް ވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެހެންކަމުން މި ޝަރިއަތްތަކުގެ މާ ބޮޑު ތަފުސީލެއް އާއްމެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް މިއަދަށް ވެސް ތާވަލުކުރިއެވެ. އެކަމަކު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލްވީއެވެ.
މިއަދަށް ތާވަލުކޮށްފައި އޮތީ ދެ މީހެއްގެ ހެކިބަސް ނެގުމެވެ. އެ ދެ ހެކިންގެ ހެކިބަސް މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާ އެކު ނަގަން ދައުލަތުން ވަނީ އެދިފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޝިއާއުގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.