މި ފަހުން ގިނަ ގައުމުތަކެއްގައި ވެރިކަންތައް ވެއްޓުނީ ކޮރަޕްޝަނާއި ދަރަނީގެ ސަބަބުން ކަމަށާއި ހެޔޮ ވެރިކަމެއް ނުހޯދިއްޖެ ނަމަ އިތުރު ގައުމުތައް ހަލަބޮލިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާއި ވައްކަން ފޮރުވަން ހިޔާލު ފާޅުކުރުން ހަނިކުރަން ސޯޝަލް މީޑިއާ މަނާކުރާ ބިލެއް ފާސްކުރުމުން ނޭޕާލްގެ މަސްރަޙު ވެސް ހަލަބޮލިވެ، އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ވެސް އިއްޔެ ވަނީ އިސްތިއުފާދެއްވާފައެވެ. އޭގެ ކުރިން އަވައްޓެރި ސްރީލަންކާއާއި ބަންގްލަދޭޝްގެ ވެރިކަން ވެސް ވެއްޓުނެވެ.
އެ ކަންކަމާ ގުޅުވައި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑު ދަރަންޏާއި ކޮރަޕްޝަން އަދި މިސްމެނޭޖްމަންޓްގެ ސަބަބުން ސަރުކާރަކަށް ފަހު ސަރުކާރެއް ހަލަބޮލިވަމުން އަންނަ ކަމަށެވެ. އެހެންވެ، ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި ރީސްޓްރަކްޗާނުކޮށް، ހެޔޮވެރިކަމެއް ނުހޯދައިފި ނަމަ އިތުރު ގައުމުތައް ހަލަބޮލިވާނެކަމަކީ ޔަގީންކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދުނިޔެ މި ކަމަށް ހޭލަންޖެހޭ، ނޫނީ އިތުރު ހަމަނުޖެހުމާ ކުރިމަތިލާންޖެހޭނެ،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަންތައް ވެއްޓުމާ ގުޅޭ ގޮތުން ނަޝީދު ވާހަކަދެއްކެވިއިރު އެ މަނިކުފާނު ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ މުޅި މާލެ ހަލަބޮލިވުމާ ގުޅިގެންނެވެ. ފެބްރުއަރީ 7، 2012ގައި ހިނގި ހަމަނުޖެހުންތަކަކީ ބަޣާވާތެއްކަމަށް އެމްޑީޕީގެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެ މައްސަލަ ބަލަން އެކުލަވައިލި ކޮމިޓީން ހެދި ކޯނީ ރިޕޯޓުގައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމާފައެވެ.
އަވައްޓެރި ސްރީލަންކާގައި އޮތް ގޮޓާބަޔާ ރާޖަޕަކްސާގެ ވެރިކަން ވެއްޓުނީ 2022 ވަނަ އަހަރެވެ. އޭރު އެ ގައުމު އޮތީ ބަނގުރޫޓުވެ، ވަރަށް ބޮޑަށް ނިކަމެތިފައެވެ. އެ ގައުމުގެ އާންމުން ނުކުމެ، ގައުމު ހަލަބޮލިވުމުން އެ ގައުމުގެ ވެރިން ވަނީ އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.
އެއަށް ފަހު މިދިޔަ އަހަރު ބަންގްލަދޭޝްގައި ޝެއިހް ހަސީނާ ކުރައްވަމުން ގެންދެވި ދިގު ވެރިކަން ވެސް ނިމުނީ ގައުމު ހަލަބޮލިވެގެންނެވެ. އަސްކަރިއްޔާގައި ގައުމަށް ޚިދުމަތްކުރެއްވި މީހުންގެ އާއިލާއަށް ވަޒީފާ ދިނުމުގައި އިސްކަން ދޭފަދަ ގާނޫނެއް ފާސްކުރުމުން އުފެދުނު ހަމަނުޖެހުންތަކުގައި އެ ގައުމުގެ މަސްރަޙު ހޫނުވިއިރު ބަންގްލަދޭޝް ވެސް އޮތީ އިގުތިސާދީ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެންމެ ފަހުން އިއްޔެ ނޭޕާލްގެ ރައީސް ރާމް ޗަންދްރަ ޕުޑެލް ވެސް، ބޮޑުވަޒީިރު ކޭޕީ ޝަރުމާ އޮލީއާ އެކު އިސްތިއުފާދެއްވާފައި ފިއްލަވަން މަޖުބޫރުވީއެވެ. އިއްޔެ ނޭޕާލްގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވިއިރު އެ ގައުމުގެ ފިނޭންސް މިނިސްޓަރަށް އަނިޔާކުރާ ވީޑިއޯއެއް ވެސް އާންމުވިއެވެ.
މަސްރަޙު ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ތިން ގައުމު ވެސް ހަލަބޮލިވީ އާންމުންނަށް ފަގީރުކަން އިހުސާސްކުރަން ޖެހިފައި އޮއްވާ ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް އިތުރުވުމުންނެވެ.