ސަރުކާރާ ގުޅުން ބޮޑު ތުޅާދު ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތް މީޑިއާ ބިލު ދިރާސާކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގަދަކަމުން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވައިދާ ޚިލާފަށް ވަދެ، ހުރަސް އެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.
މަޖިލިސް މިހާރު ޗުއްޓީގައި އޮތްއިރު، ސަރުކާރު މެންބަރު ވަނީ އިއްޔެއާއި މިއަދު ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބާއްވާފައެވެ. އެ ކޮމިޓީގައި މައިގަނޑު މަސައްކަތަށް އޮތީ މީޑީއާތައް ކޮންޓްރޯލް ކުރެވޭ ބިލު ދިރާސާކުރުން ކަމަށްވާއިރު، ކޮމިޓީގައި މަސައްކަތް ކުރައްވާ ޕީއެންސީ މެންބަރުން ނިންމެވީ ކޮމިޓީ ސިއްރު ކުރުމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޣައްރިރު ހުސައިން ރިޒާ: އެކޮމިޓީން ނޫސްވެރިން ނެރުނީ ގަވައިދާ ޚިލާފަށް ސިއްރު ކޮމިޓީއަކަށް ވަދެ، ހުރަސް އެޅުމުން ކަމަށް މަޖިލީހުން ބުނޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އިއްޔެ ކޮމިޓީން ނިކުތް ނަމަވެސް، މިއަދު ކޮމިޓީ ސިއްރުކުރި ސަބަބު ސާފުކުރަން އުޅުނު ނޫސްވެރިންތަކެއް ވަނީ، މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ގަދަކަމުން ކޮމިޓީން ނެރެފައެވެ. އޭގެ ތެރެއިން، ބައެއް ނޫސްވެރިން ނެރުނީ، ހަތަރެސްފައިގައި ހިފައި އުފުއްލާލައިގެންނެވެ.
އޭގެފަހުން، މަޖިލީހުން ވަނީ ނޫސްވެރިން ގަދަކަމުން ނެރެން ޖެހުނު ސަބަބު ހާމަކޮށްފައެވެ. އެގޮތުން، ތިން ނޫސްވެރިން ކޮމިޓީއަށް ވަނީ އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައި ވަނިކޮށް ގަދަކަމުން ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، އެ ނޫސްވެރިން ގަދަކަމުން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވައިދާ ޚިލާފަށް ވަދެ، ކޮމިޓީ ކުރިއަށް ގެންދަން ހުރަސް އެޅުމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލީހުން އިތުރަށް ބުނީ، ކޮމިޓީ ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއް ގޮތުގައި ކަމަށްވާއިރު، އެތަނުގައި ތިބެވޭނީ ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއަޓްއަށް އެކަނި ކަމަށެވެ.
މިއަދުގެ ކޮމިޓީއަށް ދިޔަ, ދައުރު ނޫޙުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމް, ކަން ހިނގިގޮތް "ސަން"އަށް ކިޔައިދެމުން ބުނީ، ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އެ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކުރާ ސަބަބާ ސާފުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެހުމުން ވެސް މެންބަރުން އެކަމަށް ޖަވާބެއް ނުދެއްވި ކަމަށެވެ. އަދި، ނޫސްވެރިން އެ ސުވާލު ތަކުރާރުކޮށް އެހުމުން ވެސް އެކަމަށް ޖަވާބު ނުދެއްވައި ގަދަކަމުން ނޫސްވެރިން ކޮމިޓީން ނެރުނީ ކަމަށް އޭނާ ބުންޏެވެ.

މީޑިއާ ކޮންޓްރޯލް ބިލުގެ ދިރާސާ ސިއްރުކުރުމުން ސަބަބު ސާފުކުރަން އުޅުނު ނޫސްވެރިން ގަދަކަމުން ނެރުން: އެ ނޫސްވެރިން ނެރުނީ ގަވައިދާ ޚިލާފަށް ކޮމިޓީއަށް ވަނުމުން ކަމަށް މަޖިލީހުން ވަނީ ބުނެފައި -- ފޮޓޯ/ ނިޝާން އަލީ
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަން ވާނީ އާއްމުކޮށް ނޫސްވެރިންނާއި އާއްމުންނަށް ހުޅުވާލައިގެންނެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މެންބަރުންގެ މެދުގައި ވޯޓަކަށް އަހައި ފާސްވެއްޖެ ނަމަ ބައްދަލުވުންތައް ސިއްރުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ ސިއްރުކުރުމުން އާންމު އުސޫލުން ނުކުންނަން ޖެހޭނެއެވެ. އެ ފަދައިން އަމަލުނުކުރާނަމަ ކޮމިޓީ މެދުކަނޑައިވެސްލައެވެ. މިގޮތުން، ބައްދަލުވުންތައް ސިއްރު ކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ގަވާއިދުގައި ބުނަނީ، ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތެއް ހިއްސާ ކުރާ ބައްދަލުވުމަކަށް ވުން ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެން ނުވާ މައުލޫމާތު ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ. ނުވަތަ މީހެއްގެ ޒާތީ, ނުވަތަ ފަލީހަތްވާ ފަދަ މައުލޫމާތެއް ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ.
ހައްނާން ހުށަހެޅުއްވި, މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ.
މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.