ސްޕެޝަލައިޒްވާން އުޅުނު ޑޮކްޓަރުންތަކަކާއި ޑޮކްޓަރުކަން ކިޔަވަން އުޅުނު ކުދިންތަކެއް އެތައް ހާސް ޑޮލަރުން ސްކޭމް ކުރި މައްސަލައިގައި ތުހުމަތުވާ އޭޖެންސީއަށް، ކްރިކެޓް ބޯޑުގެ އޮފީސް ނަހަމަ ގޮތުގައި ދޫކުރި މުވައްޒަފަށް ފިޔަވަޅު އަޅައިފިއެވެ.
ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ބަޔަކު އެތައް ދިވެެއްސެއްގެ އަތުން ފައިސާ ނަގައި، ކިޔަވަން ދިޔުމުގެ ކަންކަން ހަމަޖައްސައިދީފައި ނުވާ މައްސަލައެއް އެ ކުދިންނާއި އެ ކުދީންގެ އާއިލާތަކުން ވަނީ ސޯޝަލް މީޑިއާގައި މި ފަހުން ހާމަކޮށްފައެވެ.
މި މައްސަލަ ވަރަށް ބޮޑުވި ފަހުން އިއްޔެ ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީން ދަނީ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ފާމްގެ މެނޭޖިން ޕާޓްނަރު, އަދި ގާނޫނީ ވަކީލް, އިބްރާހީމް ހާފިޒް މިއަދު "ސަން" އަށް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުވާ އޭޖެންސީއިން, ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް ހިންގާ އޮފީސް ބޭނުންކޮށްގެން ކިޔަވަންދާ ދަރިވަރުންނާ ބައްދަލުކޮށް ޕްރެޒެންޓޭޝަންދީ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.
ކްރިކެޓު އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ހޯމަ ދުވަހު އެބޯޑުގެ އޮފީހަށް ފުލުހުންނާ އެއްކޮށް އިތުރު ބަޔަކު ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބުނު ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެތަނަށް އެ ބޯޑުގެ ސީނިއާ މެނޭޖުމަންޓުން ދިޔަ ކަމަށް ބަޔާނުގައިވެއެވެ.
އެ ތަނަށް ގޮސް ބެލިބެލުމުގައި، އެ ކްރިކެޓު ބޯޑުގެ އިމާރާތަށް ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބިދޭސީއަކު ވަދެފައިވާ ކަމާއި އެ މީހާ އޮފީހަށް ވެއްދުމުގައި އެތަނުގެ މުވައްޒަފަކު ބައިވެރިވި ކަމަށް ފާހަގަކުރެވުނު ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެހެންވެ، އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.
އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީއަށް ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން، ޒީޑް އިންޓަނޭޝަނަލްއިން ވަނީ މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި މެޑިސިންގެ ދާއިރާއަށް ޚާއްސަކޮށްފައިވާ ޕްރޮގްރާމްތަކަށް ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައެވެ.
މި ވަގުތު ވެސް އެ އޭޖެންސީ ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހާފިޒް ވިދާޅުވިގޮތުގައި އެ ކުންފުނި އެކި ނަންނަމުގައި ރާއްޖޭގައި އޮޕަރޭޓް ކުރާތާ ވަރަށް ދުވަސްވެއްޖެއެވެ. މީގެ ކުރިން އެ ކުންފުނިން ފިލިޕީންސަށް ސްޕެޝަލައިޒްވާން ފޮނުވި ދިވެހި ޑޮކްޓަރުންތަކެއްގެ އަތުން ތިން އަހަރު ދުވަހަށް 40,000 ޑޮލަރުގެ ފީއެއް ނެގުމަށް އެގްރީމެންޓް ހެދިއިރު އެ ކިޔެވުމުގެ އަސްލު އަގަކީ ތިން އަހަރަށް 10,000 ޑޮލަރުކަން ފަހުން އެނގިފައިވާ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޒީޑްގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފައި އޮންނާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ތުހުމަތު ކުރާ ގޮތުގައި އެ ކުންފުނި ހިންގަމުން އަންނަނީ ކުޅިވަރު ދާއިރާގައި އިސްކޮށް އުޅުއްވާ ދިވެއްސަކު ފަހަތުގައި ހުންނަވައިގެން އަވައްޓެރި ސްރީލަންކާގެ ބައެއް މެދުވެރިކޮށެވެ.