ކުޅުދުއްފުށީ ފަރަށް ދެ އަހަރު ކުރިން އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފި

ކުޅުދުއްފުށީ ފަރަށް އަރާފައި އޮންނަތާ ދެ އަހަރުވީ ބާޖު--

ހދ. ކުޅުދުއްފުށީ ފަރަށް، މީގެ ދެ އަހަރު ކުރިން އެރި ބާޖު ފުންކޮށް، އެ ސަރަހައްދު ސާފު ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ޖުލައި މަހު، ކުޅުދުއްފުށީ ފަރަށް އެރީ، ގާތްގަނޑަކަށް 6000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށަށް ދިޔަ، ޓިއާން ޖިއާން ނަމަކަށް ކިޔާ ބާޖެކެވެ. މި ބާޖު ފުން ކުރަން ހަވާލުކޮށްފައި އޮތީ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ކިޔާ ކުންފުންޏަކާއެވެ.

ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަރު މައްޗަށް މި ބާޖު ބީއްސާލުމުގެ ސަބަބުން ލިބޭ ގެއްލުމާހުރެ، މި މައްސަލަ ކޯޓަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ނުވަތަ މިހާރުގެ ނަމުން ނަމަ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީންނެވެ. މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރީ މި އަހަރު ކުރީކޮޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބާޖުގައި ހުރި ހިލަތައްވަނީ ހުސްކޮށްފައެވެ. އަދި އެ ބާޖު އެ ތަނުން ފުން ކުރުމަށް، އެތައް ފަހަރަކު ބާޖުގެ ވެރި ފަރާތަށް އެންގި ނަމަވެސް މިހާތަނަށް ފުންކޮށްފައި ނުވެއެވެ.

މި މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ކިޔާ ކުންފުންޏަށް ރައްދުވާ ގޮތަށެވެ. މި މައްސަލައިގައި އެ ކުންފުނިން އެކަމަކު ކޯޓަށް ޖަވާބުދާރީވެފައި ނުވާތީ މައްސަލަ ނިންމާފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ބާޖު ފުންކޮށް، އެ ސަރަހައްދު ސާފު ކުރުމަށެވެ.

މި ބާޖު އޮތް ސަރަހައްދަކީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދު ކަމުން، އެ ބާޖުގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަންވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް