އެކިކަހަލަ ޖޯންރާތަކުގެ ފިލްމުތަކުން ފެނިފައިވާ ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ދެން ބޭނުންވަނީ ދަރިފުޅު ރަހާއަށް ބެލޭނެ ކަހަލަ ފިލްމެއް ކުޅެން ކަމަށް ބުނެފިއެވެ.
މިހާތަނަށް ލޯބީގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ ދާދިފަހުން ވަނީ ސައިންސް ފިކްޝަން އަދި އެކްޝަން ފިލްމުތަކުން ވެސް ފެނިފައެވެ. އެހެންކަމުން ދަރިފުޅު ރަހާއަށް އެންމެ އެކަށީގެންވާ ޖޯންރާއަކަށް ވާނީ މިހާތަނަށް އާލިއާ ތަޖުރިބާ ނުކުރާ ކޮމެޑީ ޖޯންރާގެ ފިލްމުތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ދާދިފަހުން ގްރޭޒިއާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ، މީގެކުރިން ވަރަށް ޖަޒުބާތީ ފިލްމުތައް ކުޅެފައިވާއިރު އެއީ ދަރިފުޅުގެ އުމުރާ ނުގުޅޭ ކަހަލަ ފިލްމުތައް ކަމުން ދެން ބޭނުންވަނީ ރަހާއަށް ބެލޭނެ ކަހަލަ ފިލްމުތަކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

އާލިއާ ދަރިފުޅު ރަހާ ކަޕޫރާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް
ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ފިރިމީހާ ރަންބީރު އާއި އާލިއާގެ ފިލްމުތައް ބަލަން ބޭނުންވާނެ ކަމަށާއި ނަމަވެސް ދަރިފުޅު ހެއްވާލެވޭނެ ކަހަލަ މަޖާ ރޯލެއް މިހާތަނަށް ކުޅެވިފައި ނުވާތީ ދެން ބޮޑަށް ބަލާނީ ކޮމެޑީ ފިލްމަކުން ފުރުސަތު ލިބޭތޯ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އާލިއާ މިފަދަ ޝުއޫރުތަކެއް ފާޅުކޮށްފައިވާއިރު ރަންބީރު ކަޕޫރު ވަނީ ކޮންމެވެސް ވަރަކަށް ކޮމެޑީ ޖޯންރާގެ ފިލްމުތައް ކުޅެފައެވެ.
ފިލްމު "އަލްފާ" އަދި "ލަވް އެންޑް ވޯ"ގައި މަސައްކަތް ކުރަމުން އަންނަ ބަތަލާ ބުނީ، މިހާތަނަށް ކޮމެޑީ ފިލްމަކުން އަދި ފުރުސަތު ނުލިބޭ ކަމަށާއި ނަމަވެސް ވަރަށް ޝައުގުވެރި ފިލްމީ ޕްރޮޖެކްޓުތަކެއް ކުރިއަށް އެބަހުރި ކަމަށެވެ.
ނަމަވެސް އެ ޕްރޮޖެކްޓުތަކާ ބެހޭ މައުލޫމާތު ބެލުންތެރިންނާ ހިއްސާކުރަން އަދި މާ އަވަސް ކަމަށް އާލިއާ ވަނީ ބުނެފައެވެ. އާލިއާ މިހާރު މަސައްކަތް ފަށާފައިވާ ދެ ފިލްމުގެ ތެރެއިން "ލަވް އެންޑް ވޯ"އަކީ ފިރިމީހާ ރަންބީރުއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ވިކީ ކޯޝަލް ވެސް މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެކެވެ.