ޝަރުއީ ދާއިރާ މިނިވަން ކުރަން ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން ރައީސް ނިންމަވައިފި

އުއްތަމަފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޣަނީ: ރައީސް ވަނީ ޝަރުއީ ދާއިރާއަށް ދައުލަތުން ހިލޭ އެހީދޭނެކަން އިއުލާންކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އިތުބާރާއި މިނިވަންކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ, ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިހާރު ދޭ ވަރަށް ވުރެން އިތުރަށް, ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ނިންމަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ. އެހެންކަމުން އެކަމަށް މަގުފަހިކުރުމަށްޓަކައި މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ އެކަން ކުރެއްވުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ފައިސާ ޚަރަދު ކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި. މިކަމަށްޓަކައި ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި," ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވަނީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ.

https://www.sun.mv/209406

ސުޕްރީމް ކޯޓާ ކުޅުނު ހިސާބުން ގޯސްވި

ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި އެ ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށް, އެންމެ ފަހުން ވަކިކުރި ގޮތުން މަޖިލީހާއި ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ޝަރުއީ ދާއިރާއަށް ސީދާ އެތައް ނުފޫޒެއް ފޯރުވާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި މީގެ ކުރިން ފަނޑިޔާރުކަން ކުރައްވާފައި ނުވާ, އަދި ޕީއެންސީގެ އިސް އެކްޓްވިސްޓަކަށް އުޅުއްވި ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމުމާއެކު ވެސް އެ ފާޑުކިޔުންތައް ބޮޑުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރަކު ވެސް ހިމެނެއެވެ.

https://www.sun.mv/206009

މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސާއި ސަރުކާރުގެ ވެރިން ވިދާޅުވާއިރު, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ވިދާޅުވީ ދެހާސް އަށްވަނަ އަހަރަށް ފަހު މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ކުއްލި ސަސްޕެންޝަނާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދުމާ އެކު، އެ ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ.

https://www.sun.mv/208880

ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ ޖޫން މަހުގެ 14ގައެވެ.

އެ ހުރިހާ ކަމެއް ހިނގިއިރު އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި, މުއުތަސިމް އަދުނާން, ފަނޑިޔާރުންގެ ދިފާއުގައި ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ބުނެ ގާނޫނީ ވަކީލުން ވެސް ވަނީ އެ މަނިކުފާނަށް ފާޑު ވިދާޅުވެފައެވެ. އެހެން އެކަން އޮއްވައި މުއުތަސިމް ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރައީސް މުއިއްޒު ވަނީ, ދައުލަތުގެ އިސް މަގާމުތަކަކާއި ޝަރުއީ ދާއިރާގެ ވެސް ގިނަ އިސް މަގާމުތަކެއް ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި, މުއުތަސިމަށް, ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، އަރުވައިފައެވެ.

comment ކޮމެންޓް