ހުރިހާ ބާވަތެއް ސަރުކާރުން އިމްޕޯޓް ކުރުމަކީ ކާނާގެ ޔަގީންކަން ކަށަވަރު ކުރާ ގޮތް ނޫން ކަމަށް, އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, ހުސައިން އަމްރު، ރޭ ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އާއްމުކޮށް ހަތަރު ރުފިޔާ އާއި ފަސް ރުފިޔާއާ ދެމެދުގެ އަގަކަށް ލިބޭ އާފަލާއި އޮރެންޖުގެ އަގު މިހާރު ވަނީ 13 ރުފިޔާއަށް ވުރެން ބޮޑުވެފައެވެ. މީގެ އިތުރުން ވެސް ބައެއް ކާބޯތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ރައީސް މުއިއްޒު އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި, އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ރޭ އަމްރު ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރު ކުރަން, ކުރަންވީ ކަމަކީ ހުރިހާ ބާވަތެއް ސަރުކާރުން އެތެރެ ކުރުން ނޫން ކަމަށާއި އެއަށް ވުރެން މުހިންމު, ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން ވިޔަފާރި ކުރާ މީހުންނަށް ރަސްމީ ރޭޓްގައި ޑޮލަރު ދޫ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.
ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ބާޒާރުގައި އުފުލިފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެހެން އެކަން ދިމާވާ ސަބަބަކީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުން ކަމަށެވެ. މީގެ ކުރިން ބްލެކް މާކެޓުން ޑޮލަރެއް ގަންނަން 16 ރުފިޔާއަށް ނުވަތަ އެއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކޮށް ލިބޭއިރު މިހާރު ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
އަމްރުގެ އަނެއް ހިޔާލަކީ ރާއްޖޭގައި ހެއްދޭ ބާވަތްތައް އުފައްދަން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަމައެހެންމެ ކާބޯތަކެތި ގަތުމަށް އަބަދުވެސް މަދުވެގެން ހަތަރު މަހުގެ ފައިސާ ރައްކާކޮށްފައި ބަހައްޓަން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ.
"ދިމާވެދާނެ ކުއްލި ހާލަތެއްގައި ވެސް ކާޑުގެ ބާވަތްތައް ހުސްނުވާނެހެން ގޮދަން އަދި ހަނޑޫ ފަދަ ތަކެތި ގިނަ ދުވަހަށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ," އަމްރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުން އެތެރެ ކުރާ, ގޮދަނާއި ހަނޑުލުގެ ބަދަލުގައި ރާއްޖޭގައި ހެދޭ އޮޅުއަލަ ފަދަ ބާވަތްތަކުން ފުށް ތައްޔާރު ކުރުމަކީ ވެސް ކުރަން ޖެހޭ ކަމަށެވެ.
ކެބިނެޓުން އިއްޔެ ނިންމި ނިންމުމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ، ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށާއި، ފުޑް ސެކިއުރިޓީއަކީ އެތެރެކުރުމަށް ނިންމި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަށަވަރުވާ ކަމެއް ކަމަށެވެ. އަދި، މިހާރު ކެބިނެޓުން ނިންމި ގޮތުން، ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯއިން ވަންނަނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ކާނާގެ ބާވަތްތައް އަމިއްލައަށް ހެއްދުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެ ބޮޑު ޕްރޮޖެކްޓް ހިންގުމަށް އުތުރުތިލަފަޅުން ބިމެއް ވެސް ހަމަޖެއްސިއެވެ. ނަމަވެސް ފަހުން ވަނީ އެ ބިން ރަސްމާލެއިން ހިއްސާ ސަރަހައްދަކަށް ބަދަލު ކުރަން ނިންމައިފައެވެ. އެ ޕްރޮޖެކްޓްގެ މާ ބޮޑު އަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެއެވެ.