މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށް، އާންމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެއެވެ.

ފުލުހުން އާންކުރި ވީޑިއޯއިން ފެންނަނީ، އޭޓީއެމްއެއް ތެރޭ ކަޅު ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ހިނގާ މަންޒަރެވެ. އެ ތަނުގައި ފޯނު ކަންފަތުގައި ޖަހައިގެން އިރުކޮޅަކު އެމީހާ ހިނގާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ އެ މީހާއަކީ ސައިބާ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

ފުލުހުން ވަނީ، އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް ސައިބާ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައެވެ.

އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރުމަށް މީހުން ހޯދުމަށް ފުލުހުން ދޭތެރެއަކުން އިއުލާނުކުރެއެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު، އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އޮޅުވާލައި ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ. އެހެންވެ، އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި މައުލޫމާތު ހިއްސާކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް