އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް އެމެރިކާގެ ޔޫޓާ ވާލީ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ މަރާލީ 200 މީޓަރު ދުރުގައި ހުރި އިމާރާތަކުން ބަޑި ޖަހައިގެން ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބަޑިޖަހާފައިވަނީ ލޫސީ ސެންޓަރުގެ ފުރާޅުންނެވެ. ބަޑިޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މީހަކު ދުވެފައިދާ ހިޔަނި ފެނިފައިވާ ކަމަށް ރިޕޯޓްގައިވެއެވެ. އޭނާ މަރާލާފައި ވަނީ ވާހަކަ ދައްކަން ފެށިތާ ގާތްގަޑަކަށް 20 މިނެޓް ފަހުންނެވެ.
އެ ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް އަންނަނީ ކުރަމުންނެވެ.
ހަމަލާއާ ގުޅިގެން މީގެކުރިން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް ހާދިސާއާއި އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.
ބަޑިޖެހި މީހާއާ ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް މައުލޫމާތެއް އެނގޭ ކަން ސާފެއް ނޫނެވެ. ނަމަވެސް ފުލުހުން އަދިވެސް ތިބީ ޔޫޓާ ޔުނިވާސިޓީގެ ކެމްޕަސް ތެރޭގައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ކާކް ގަޔަށް ބަޑި ޖެހީ ނަހަމަ ގޮތުގައި ބަޑި ގެންގުޅުމާބެހޭ ގޮތުން ކުރި ސުވާލަކަށް ޖަބާދު ދިން ތަނާއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ކާކްގެ މަރުގެ މައްސަލައިގައި ބައިވެރިވި އެންމެންގެ އިތުރުން 'ސިޔާސީ އަނިޔާވެރިކަން' ހިންގާފައިވާ އެހެން މީހުންވެސް ހޯދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން މިއީ އެމެރިކާއަށް 'އަނދިރި' ވަގުތެއް ކަމަށްވެސް ކާކްގެ މަރާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ކާކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅުއްވައި ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގަވާފައެވެ.
ޔޫޓާގެ އިދާރާތަކުން ބުނީ ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ކާކް މަރުވީ ސީދާ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ އޭނާގެ ވައަތްފަރާތުން ކަނދުރާއަށް ބަޑީގެ ވަޒަން އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެއެވެ.
ކާކް ލިންކްޑްއިން އެކައުންޓުން ބުނާ ގޮތުގައި އޭނާ އަކީ އެ ގައުމުގެ އެންމެ ބޮޑު ގައުމީ ދަރިވަރުންގެ ކޮންޒަވޭޓިވް ޖަމިއްޔާތަކުގެ ތެރެއިން އެއް ޖަމިއްޔާ ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ"ގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ.
"ޓާނިން ޕޮއިންޓް ޔޫއެސްއޭ" އަކީ މިނިވަން މާކެޓްތަކާއި، ލިމިޓެޑް ސަރުކާރުގެ އުސޫލުތައް ކުރިއެރުވުމަށް ޒުވާނުން ދެނެގަނެ، އިންތިޒާމުކޮށް، ބާރުވެރިކުރުވުމަށް ޚާއްސަ ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ދެހާސް ބާރަ ވަނަ އަހަރު އެ ޖަމިއްޔާ އުފެދުނު ފަހުން، އޭރު އުމުރުން 18 އަހަރުގެ ކާކް ވަނީ ޖަމިއްޔާ ފުޅާކޮށް މުޅި ގައުމުގެ 2،000 އަށް ވުރެ ގިނަ ހައި ސްކޫލާއި ކޮލެޖް ކެމްޕަހުގައި ތަމްސީލުކޮށް، 260،000 އަށް ވުރެ ގިނަ ދަރިވަރުން މެމްބަރުންގެ ގޮތުގައި އިތުރުކޮށްފައެވެ.
ކާކް އަކީ ވަރަށް ގިނައިން ޓީވީތަކުން ފެންނަ މޫނެކެވެ. އޭނާއަކީ ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާއާ ގާތްގަޅުމެއް އޮންނަ މީހެއް ކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.