ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ޕޯޓަލް މެދުވެރިކޮށް މިއަދު ހަވާލު ކުރަން ފަށައިފިއެވެ.
އެފްޑީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް މިއަދު ފްލެޓްތައް އޭގެ ވެރިފަރާތާ ހަވާލު ކުރަން ފަށާފައިވާއިރު, ޕޯޓަލް އާއި އެސްއެމްއެސްއެއް މެދުވެރިކޮށް ތަޅުދަނޑިއާ ހަވާލުވާން އަންގަމުން ގެންދާނެ ކަމަށެވެ.
މި 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް: --
ފްލެޓްތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން ބުނެއެވެ.
ހަތަރުހާސް ފްލެޓްގެ ތެރެއިން 3,000 ފްލެޓްގެ ވެރިފަރާތާއެކު އެގްރީމެންޓްގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެ މީހުން, ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ 25,000ރ. ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. ފްލެޓްތައް ހަވާލު ކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ސީދާ ދުވަހެއް އަދި އެފްޑީސީން ހާމައެއް ނުކުރެއެވެ.
ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި 'ވާނުވާގައި' ތިބެން ޖެހުމުގެ ކަންބޮޑުވުން ވަނީ މިފަހުން ބޮޑުވެފައެވެ. އެ މައްސަލައިގައި 100 މީހުން ވެސް ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ.
އެއީ 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ފެންމަތިވެފައެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިނިސްޓްރީން އޭސީސީއަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ހައެއްގައެވެ. ނަމަވެސް އޭސީސީއިން އަދިވެސް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެ ފަހުން މިއަދާ ހަމައަށް ވެސް ފުލެޓު ލިސްޓަށް ވާގޮތެއް ނޭނގި މީހުން ތިބީ 'ވާނުވާ'ގައެވެ.