ހުޅުމާލޭގައި ހިލޭ ބައިވެރިވެވޭ ގުރުއާން ކްލާސްތަކެއް ހިންގުމަށް، އަލް އަސްރު ޖަމިއްޔާއާއެކު އެޗްޑީސީން މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެޗްޑީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ. އަދި އަލް އަސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހެވެ.
އެޗްޑީސީން ބުނީ އެއް އަހަރު ދުވަހުގެ އެ އެމްއޯޔޫގެ ދަށުން، އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީއާއި އަލް އަސްރުން އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީން ބުނީ އެ ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީނު ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން ކަމަށެވެ.
އެ އެއްބަސްވުން ހެދީ އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށާއި އެއީ، ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް މުޖްތަމައުއަށް ފައިދާހުރި އެފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަލް އަސްރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް މީގެ ކުރިން ދީނީ އެކި މަސައްކަތްތައް ކޮށްފައިވެއެވެ.