މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ގަނޑުކޮށް އެތެރެކުރަން ހަވާލުކުރި 23 ބާވަތުގެ ކާބޯތަކެތި މެދުނުކެނޑި އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ކުންފުނި، އެސްޓީއޯއިން މިއަދު ދީފިއެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް އުފުލެމުން އަންނައިރު، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ އިއްޔެއެވެ.
އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެންމެ ބޮޑަށް އަގު އުފުލިފައިވާ އާފަލާއި އޮރެންޖު އަންނަ ހަފުތާއިން ފެށިގެން ގަވައިދުން ލިބޭނެ ކަމަށެވެ.
މީހަކު ބާޒާރުގައި: މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް 23 ބާވަތުގެ ކާބޯތަކެތި މަދުނުވާވަރަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
ޝިމާދު ވިދާޅުވީ، މިދިޔަ ދެ ރޯދަ މަހު މެނޭޖުކުރީ، އެސްޓީއޯ ހޮޓާ ހިންގި ސައިޓުގައި ކޮންޓެއިނަރު ބަހައްޓައިގެން މުދާ ރައްކާކޮށްގެން ކަމަށެވެ. އެކަމަކު، އެއީ ދާއިމީ ހައްލަކަށް ނުވާނެތީ، އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ދެ ގުދަނެއް މިހާރު ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކާޑު ލިސްޓަށް މި އިތުރުވެގެން ދިޔަ 23 ޕްރޮޑަކްޓު އަޅުގަނޑުމެން ބަރާބަރަށް ގެންނަމުން ދާނަން. އަޅުގަނޑުމެންނާއި އިކޮނޮމިކް މިނިސްޓްރީއާއި މިކަން ކުރަން ފެށީ އިއްޔެއަކު ނޫންއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
ޝިމާދު ވިދާޅުވީ، ތަކެތީގެ އަގުތައް ހެޔޮކުރުމުގެ މަޝްވަރާތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ އެއްކޮށް ކޮންމެ ދެ ހަފުތާއަކުން ބައްދަލުކުރާ ކަމަށެވެ.
ޝިމާދުގެ އިތުރަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް އެބަވާތްތައް އެސްޓީއޯއިން އެތެރެކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެއެވެ.
ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގުތައް ބާޒާރުގައި އުފުލިފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެހެން އެކަން ދިމާވާ ސަބަބަކީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުން ކަމަށެވެ.
މީގެ ކުރިން ބްލެކް މާކެޓުން ޑޮލަރެއް ގަންނަން 16 ރުފިޔާއަށް ލިބޭއިރު މިހާރު ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.