މިދިޔަ ޖުލައި މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާ ބޮކްސް އޮފީހުގައި ވެސް ރިކޯޑުތަކެއް މުގުރާލި ލޯބީގެ ފިލްމު "ސައްޔާރާ" ތިއޭޓަރުގައި 50 ދުވަސް ވަންދެން ދެއްކުމަށް ފަހު މިއަދު ނެޓްފްލިކްސްއަށް ދޫކޮށްލައިފިއެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށް ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން "ސައްޔާރާ"އަކީ، ވައިއާރްއެފްއިން ނެޓްފްލިކްސްގައި ޕްރީމިއާކުރާ އެ ޕްރޮޑަކްޝަން ކުންފުނީގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.
ރިލީޒްކުރިތާ މާ ގިނަ ދުވަސްތަކެއްނުވެ، ހާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި "ސައްޔާރާ"އަކީ ވައިއާރްއެފް އަދި އެ ފިލްމުގެ ލީޑް ތަރިންނަށް ހުރިހާ ގޮތަކުން ވެސް ޚާއްސަ ފިލްމެކެވެ. އެގޮތުން، މިއީ މިހާތަނަށް ވައިއާރްއެފްއިން ޑައިރެކްޓަރު މޯހިތު ސޫރީއާ ގުޅިގެން ގެނެސްދިން ފުރަތަމަ ފިލްމެވެ.
ހަމައެއާއެކު މިއީ ފިލްމުން ބޮލީވުޑަށް ތައާރަފުވި ޒުވާނާ އަހާން ޕަންޑޭ ބޮލީވުޑަށް ތައާރަފުވުމުގެ ހުވަފެން ދެކޭތާ އަހަރުތަކެއްވެފައިވަނިކޮށް ލިބުނު ފުރުސަތެކެވެ.

ފިލްމު "ސައްޔާރާ"ގެ މަންޒަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް
ފިލްމުގައި ބަތަލާގެ ރޯލް ކުޅުނު އަނީތު ޕައްޑާ މީގެ ކުރިން ސްކްރީނުން ބެލުންތެރިންނަށް ފެނިފައިވީ ނަމަވެސް ސްޓާޑަމްގެ ހަގީގީ ރަހަ ބަތަލާއަށް ލިބުނީ "ސައްޔާރާ"އިން ކަމަށް އަނީތު ވަނީ ބުނެފައެވެ.
ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމު "ސައްޔާރާ"އަށް މިހާތަނަށް ޖުމްލަ 577.63 ކްރޯޑް ރުޕީސް (65.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިހާތަނަށް އިންޑިއާގެ ސިނަމާގައި ރިލީޒްކުރި ލޯބީގެ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.
މި ރިކޯޑާ އެކު "ސައްޔާރާ" ތާރީޚުން ޖާގަ ހޯދާފައިވާއިރު ފިލްމު އޮންލައިން ޕްލެޓްފޯމަކަށް އަންނާނެ އިރަކަށް ވަރަށް ގިނަބަޔަކު އައީ އިންތިޒާރުކުރަމުންނެވެ. ގިނަ ބަޔަކު ސިނަމާގައި މި ފިލްމު ބަލާފައިވީ ނަމަވެސް ގޭގެ ސިޓިންރޫމްގައި ތިބެގެން ދެވަނަ ފަހަރަށް ވެސް މި ފިލްމު ބަލާހާ ރީތި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން "ސައްޔާރާ" ނެޓްފްލިކްސްގައި ޕްރީމިއާ ކުރަނީ އާ ދެ ލަވަޔާ އެކު ފިލްމުން އުނިކޮށްފައިވާ ބައެއް މަންޒަރުތަކާ އެކުއެވެ.