މި މީހާއަށް ފައިސާ ލިބެން ފެށީ ޝާހާ ވައްތަރުވުމުން

އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާން އަދި ޝާހުއާ ވައްތަރުކަމަށް ބުނާ އިބްރާހީމް ޤަދުރީ--ފޮޓޯ/ކޮއިމޮއި

ބޮލީވުޑްގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާންގެ ސްޓައިލަކީ ވަރަށް ގިނަ ބަޔަކު ނަކަލުކުރަން މަސައްކަތްކުރާ ސްޓައިލެކެވެ. ޝާހާއި ވައްތަރު ގޮތެއް ހުންނަ މީހުން މަދުން ނަމަވެސް ފެނިފައިވާއިރު ޝާހުގެ ސްޓައިލް ނަކަލު ކުރުމަކީ އެއްވެސް މީހަކަށް މާ ފަސޭހަ ކަމެއް ނޫނެވެ.

އިންޑިއާ ގުޖްރާތުގެ ޖޫނާގަދު ސިޓީއަށް ނިސްބަތްވާ އިބްރާހީމް ޤަދުރީ ކިޔާ މީހަކު ޝާހްރުކް ޚާނާ ވައްތަރު ކަމަށް ބަޔަކަށް ހީވި ހިސާބުން އޭނާގެ އަތުގައި ނަސީބުވަނީ ހިފާފައެވެ.

ކުރިން ވަރަށް ދަތި ހާލުގައި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރަމުން ދިޔަ އިބްރާހީމް ޤަދުރީގެ ދިރިއުޅުން ބަދަލުކޮށްލީ 2017 ވަނަ އަހަރު ރާޖްކޮޓްގައި އޮތް އައިޕީއެލް މެޗެއް ބަލަން ދިޔަ ހިސާބުންނެވެ.

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން އޭނާގެ ސިގްނޭޗާ ޕޯސްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެ ތަނަށް އެއްވެ ތިބި ގިނަ ބަޔަކު އޭނާއަކީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ކަމަށް ހީކޮށް އޭނާއާ ސަލާމްކޮށް އެކީގައި ފޮޓޯތައް ނަގަން ފެށި ހިސާބުން ދިރިއުޅުމާ މެދު އޭނާ ދެކޭގޮތް މުޅިން ބަދަލުކޮށްލި ކަމަށް ވަނީ ބުނެފައެވެ. އޭގެ ކުރިން އިބްރާހީމަކީ ޖޫނާގަދުގެ މަގުމަތީގައާއި އެކި ކަހަލަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބަހައްޓާފައި ހުންނަ ބޯޑުތަކުގައި ކުލަލުމުގެ މަސައްކަތް ކުރި މީހެކެވެ.

ގުޖްރާތުގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި އިބްރާހީމް ބުނީ، އެ ދުވަސްވަރަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް ގިނަ ދަތިތަކެއް ތަހައްމަލުކުރި ދުވަސްތަކެއް ކަމަށާއި ދުވާލުގެ ދެއިރުގެ ކޮއްތު ގަންނާނެ ފައިސާ ވެސް ބައެއް ދުވަސް ދުވަހު އޭނާއަށް ނުލިބޭ ކަމަށެވެ.

އޭނާގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލީ އާއިލާއާއި ރައްޓެހިންނަށް އޭނާގެ ސިފަ ޝާހްރުކް ޚާންގެ ސިފައާ ވައްތަރު ކަމަށް ބުނި ހިސާބުން ކަމަށާއި ދެން އޭނާ މަސައްކަތް ފެށީ ޝާހުގެ ސްޓައިލް ނަކަލުކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

ޝާހުގެ ޑޮޕްލްގޭންގާގެ ގޮތުގައި އިވެންޓުތަކަށް ދާން ފެށިއިރު ޝާހު ވާހަކަދައްކާ ސްޓައިލްއާ ޝާހުގެ ނެށުންތައް އެއްވެސް ވަރަކަށް ފަރިތަނުކުރާ ކަމަށް އިބްރާހީމް ވަނީ ބުނެފައެވެ. ބައެއް ފަހަރު އޭނާ ބައިވެރިވާ އިވެންޓުތަކުން އޭރު ފައިސާ ވެސް ނުލިބޭ ކަމަށާއި ޝާހުގެ ސްޓައިލް ނަކަލުކުރުމުގެ މަސައްކަތް ފެށީ އާއްމުންގެ ފަރާތުން ލިބެން ފެށި ފާޑުކިޔުންތަކާ ގުޅިގެން ކަމަށް ޤަދްރީ ވަނީ ބުނެފައެވެ.

ޝާހު ފިލްމުތަކުގައި ގެންގުޅޭ ސްޓައިލް ސީދާ އެކްޓަރާ އެއްވަރަށް ނުގެންގުޅެވުނު ނަމަވެސް ކުރެވުނު މަސައްކަތުން މިއަދު އިބްރާހީމަކީ އޭނާ ބައިވެރިވާ ކޮންމެ އިވެންޓަކުން 1.5 ލައްކައާއި 5 ލައްކަ އިންޑިއާ ރުޕީސްއާ ދެމެދުގެ އަދަދަކަށް އާމްދަނީ ހޯދާ މީހެކެވެ.

އެއީ، ގާތްގަނޑަކަށް ދިވެހި ރުފިޔާގެ 82،000 ރުފިޔާއެވެ. ޤަދްރީ ބުނެފައިވާ ގޮތުގައި ޝާހާ ވައްތަރު އިތުރު މީހުން ވެސް ތިބިއިރު އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަކީ އެ މީހުންގެ ތެރެއިން ޝާހުގެ ޑަބަލް ރޯލްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް މީހުން ހުށަހަޅާ މީހާއެވެ.

އިބްރާހީމް ބުނި ގޮތުގައި އޭނާގެ ސަބަބުން ޝާހާ ވައްތަރު އެހެން މީހުންނަށް ވެސް އާމްދަނީ ހޯދުމަށް މަގުފަހިވެފައިވާއިރު އޭނާއެކޭ އެއްގޮތަށް ބޮލީވުޑްގެ އެހެނިހެން ފިލްމީ ތަރިންނާ ވައްތަރު މީހުންނަށް ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ.

ޝާހުގެ ޑަބަލް ރޯލްގެ ގޮތުގައި ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު ނަމަވެސް އޭނާގެ ސިފައަށާއި ޝާހަށް ޖޯކު ޖަހާ މަލާމާތްކޮށް އިހުތިރާމް ކުޑަކޮށް ވާހަކަދައްކާ މީހުން އިންތިޒާމުކުރާ ޝޯތަކަށް ނުދިއުމަށް އޭނާ ވަނީ ނިންމާފައެވެ.

comment ކޮމެންޓް