ރައީސް މުއިއްޒު އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި، މީހުން ޖަހަނީ ޖޯކު: ޞާލިޙް

ކުރީގެ ރައީސް ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ހުވަފެނެއްގައި ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަށް މިހާރު ކޮންމެ ރައްޔިތަކު ވެސް ޖައްސަވަނީ ޖޯކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

އއ. ބޮޑުފޮޅުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ވަނީ ހުވަފެނީ ވައުދުތަކެއް ކަމަށާއި އެ ކަންކަމުން ރައްޔިތުންނަށް ފައިދާއެއްނުވާއިރު އެ ކަންކަމަށް މީހުން ޖަހަނީ 'ޖޯކް' ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކޮންމެ ރައްޔިތަކު މި ޖަހަނީ ޖޯކު ވާ ވައުދުތަކާ ދޭތެރޭގައި،" ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ދޭތެރޭގައި ވެސް 100 އެތައް ކައުންސިލަކުން ކަންބޮޑުވުން ފާޅުކުރި ކަމަށާއި އެ އިސްލާހުތައް އަނބުރާ ގެންދަން އެ ހުރިހާ ކައުންސިލަކުން ގޮވާލި ކަމަށެވެ. އެކަމަކު، ރައީސް ވިދާޅުވަނީ ބާރުތައް ދޫކޮށްލަނީއޭ ކަމަށް ވިދާޅުވެ، ޞާލިޙް ފާޑުވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށް -- ފޮޓޯ/ އެމްޑީޕީ

ހަމައެގޮތަށް ނޫސްވެރިކަމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ ދޭތެރޭގައި ވެސް ހުރިހާ ނޫސްވެރިން ނުކުމެ ފާޑުކިޔައި، އެއީ ބޭރުކޮށްލަންޖެހޭ އިސްލާހެއް ކަމަށް ބުނާއިރު ރައީސް ދައްކަވަނީ މުޅިން އެހެން ވާހަކަފުޅެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުންގެ ވިސްނުމާއި ފިކުރު އެ ގެންގުޅޭ ގޮތެއް،" ސަރުކާރަށް ފާޑުވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

"ޑޮލަރު ރޭޓު ހަމަ އެހެން. ވިދާޅުވޭ ނޫނެކޭ ހަމަ ތިރިއަށޭ ދާނީ. އެހެންވެގެންނޭ ތިމަންނަމެން ޑޮލަރު ސަރުކާރަށް މި ނަގަނީ. ހަމަ ދުވަހަކު ވެސް އެ ކަމެއް ނުވޭ. ހަމަ މައްޗަށް ދަނީ. މައްޗަށް ދަނީ،"

މީގެ އިތުރުން، ރަސްމާލެއާއި މާލެއާ ދޭތެރޭ އަޅަން ރައީސް މުއިއްޒު ވައުދުވެވަޑައިގެން ބިއްލޫރި ޓަނަލަށް ވެސް ޞާލިޙް ފާޑުވިދާޅުވިއެވެ.

"އެ އަޅަން އުޅުނު ބިއްލޫރި ޓަނަލް. އެ ބޭފުޅާގެ ކޮންސްޓްރަކްޝަން މިނިސްޓަރު، ޕްލޭނިން މިނިސްޓަރު ނުކުމެވަޑައިގެން މި ވިދާޅުވީ ކީކޭތޯ؟ އެ ކަމެއް ނުވާނޭ. އެހެން ނޫންތޯ ވާނީ. 200، 300 މީޓަރު އަޑީގައި ކަނޑު އަޑީގައި އަޅާ ޓަނަލެއްގެ ވާހަކަ މި ދައްކަނީ. މަސްތަކާއި އެއްޗެހި ބޭރުންދާތަން ފެންނާނެ ވާހަކަ މި ދެންނެވީ. އިރުގެ އަލިކަމެއް އެ ހިސާބަކަށެއް ނުހުންނާނެ. އެ ހިސާބު އަޑިއަށް ދާއިރަކުއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/198462

'ފޭކް ޝޭހެއް' ގެނެސްގެން އަޅަން އުޅުއްވި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަށް ވީގޮތެއް ވެސް މިހާރު ނޭނގޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ. އެ މަޝްރޫއުތަކަށް އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މި ކަހަލަ އެތައް އެތައް ހުވަފެނުގެ ތެރޭގައި އުޅުއްވާހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑާ ބައްދަލުވި ބޭރު މީހަކު، މީގެ ދެ ހަފުތާ ކުރިން. ވިދާޅުވީ، މި ބޭފުޅުންގެ ޕްރޮޖެކްޓްތައް މި ހުރީ މުޅިން އެހެން ހިސާބެއްގައޭ. މިއިން ރައްޔިތަކު ބޭނުންވާ އެއްވެސް ކަމެއް ނެތް،" މަޒާޖީ ގޮތެއްގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ކަހަލަ ހިޔާލީ ޕްރޮޖެކްޓްތަކެއް ދައްކައިގެން އެތާ އެ އިންނަވަނީ،"

ކުރީގެ ރައީސް ޞާލިޙް ބޮޑުފޮޅަދޫ އެމްޑީޕީ މެންބަރުންނާ އެކު: އެ މަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ފޮޓޯ/ އެމްޑީޕީ

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ޞާލިޙް ވިދާޅުވީ، މިއަދު ރައްޔިތުން ކަންބޮޑުވާންނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެ ގޮތުން، ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެއްޖެ ކަމަށާއި ދެމަފިރިން ރެއާއި ދުވާލު މަސައްކަތްކޮށްގެން ނޫނީ ގޭތެރޭގެ ޚަރަދުތައް ނުބެލެހެއްޓޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެއްޖެ. އާސަންދަ ލިބޭ މީހަކު ނެތް. އެހެންނަމަވެސް އާސަންދައަށް ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުވެއްޖެ. ވިޔަފާރިތައް މުޅިން ހުއްޓިއްޖެ، ބަނގުރޫޓުވެއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް