"ތިބާގެ މައިންބަފައިންނަށް ދިރުންދީފިއްޔާ، ތިމަންނާއަކީ ތިބާގެ އިލާހު ކަމަށް ޤަބޫލުކުރާނަންތޯ؟" އޭނާ ސުވާލުކުރާނެއެވެ. އަދި އޭނާ އެ މައިންބަފައިން އަލުން ދިރުމަށް ގެންނާނެއެވެ. އެކަން ހެކިކުރާ ބަޔަކު އޭނާގެ އިލާހުކަމަށް ވެސް ހެކިދޭނެއެވެ.
ބުނެ މި އަންގަނީ ދައްޖާލުގެ ވާހަކައެވެ. އޭނާއަކީ ދޮގުވެރިއެކެވެ. އަނިޔާވެރިއެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ފިތުނައެވެ. އޭނާއާމެދު ސަމާލުވެ ތަންބީހުވާށެވެ! އޭނާގެ ފިތުނައިން ސަލާމަތްވުން އެދި ﷲއަށް ދެންނެވުމުގައި ދެމިހުންނާށެވެ! ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެން އެންމެން ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވާނދޭވެ! آمين.
މީސްތަކުންގެ މައްޗަށް ޤިޔާމަތް ޤާއިމުވުމުގެ ކުރިން ދެކޭނެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި ދައްޖާލު ފާޅުވުން ހިމެނެއެވެ. އޭގެ ކުރިން ފެންނާނެ ކުދި ޢަލާމާތްތަކުގެ ބައެއް ކަންކަން މިއަދު އަޅުގަނޑުމެންގެ ލޯމަތީ މިހިރަ ފެނި ތަކުރާރުވަނީއެވެ. އޮރިޔާން ހާލުގައި ފައިވާނަށް ނާރާ އުޅުނު ބަދަވީން، އިމާރާތްތައް އުސްކުރުމުގައި އެތިބަ ވާދަޖަހާނީއެވެ. މިއަދުގެ މަންމައިން އެ މީހުންގެ ބަނޑުން އެ މީހުންގެ ސާހިބުން ވިހަނީއެވެ. މިއަދު މަންމައަށް އަމުރުކުރާ ފަރާތަކީ ކުދިކޮށް އެތިބަ ދަރިން ކަމުގައި ވެއްޖެއެވެ. ވަގުތުގެ ބަރަކާތްކެނޑި، ދުވަސް ކުރުވެ، މީސްތަކުން އަވަދިނެތިވެއްޖެއެވެ. މިހެންގޮސް ކިޔާނެނުކިޔާނެ ކަމެއް ނެތެވެ. މާދަމާ ވެސް ބޮޑެތި ޢަލާމާތްތައް ފާޅުވެދާނެއޭ ހީވާވަރަށް ޒަމާން ފަސްވެއްޖެއެވެ.
ފަހު ޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ފިތުނައަކީ ދައްޖާލުގެ ފިތުނަކަމާމެދަކު ޝައްކެއްނެތެވެ. އަބޫ އުމާމާ އަލްބާހިލިއްޔުގެ އަރިހުން އިބުނު މާޖާ ރިވާކުރެއްވި ވަރަށް ދިގު ޙަދީޘެއްގެ ފެށުމުގައި ވެއެވެ. «خَطَبَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَكَانَ أَكْثَرُ خُطْبَتِهِ حَدِيثًا حَدَّثَنَاهُ عَنِ الدَّجَّالِ وَحَذَّرَنَاهُ فَكَانَ مِنْ قَوْلِهِ أَنْ قَالَ " إِنَّهُ لَمْ تَكُنْ فِتْنَةٌ فِي الأَرْضِ مُنْذُ ذَرَأَ اللَّهُ ذُرِّيَّةَ آدَمَ أَعْظَمَ مِنْ فِتْنَةِ الدَّجَّالِ» (إبن ماجه: ٤٠٧٧) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ތިމަންމެންނަށް ޚުޠުބާ ދެއްވައެވެ. އޭގެތެރެއިން އެންމެ ގިނައިން ޙަދީޘްކުރައްވާނީ ދައްޖާލުގެ ވާހަކައެވެ. އެ ވާހަކައިން އެކަލޭގެފާނު ތިމަންމެންނަށް އިންޒާރުކުރައްވައެވެ. ޙަދީޘްކުރައްވައެވެ. ދުނިޔޭގައި އާދަމުގެ ދަރީން ލެއްވީއްސުރެން، ދައްޖާލުގެ ފިތުނައަށް ވުރެ ބޮޑު އެއްވެސް ފިތުނައެއް ކުރިމަތިނުވާނެއެވެ."
ދައްޖާލުގެ ފިތުނައިން މީސްތަކުން ސަލާމަތްވެތިބުމަށް އިންޒާރުކުރައްވަމުން އޭނާ ދެނެގަންނާނެ ގޮތްތަކާއި އޭނާގެ ފިތުނައިން ސަލާމަތްވުމަށް އެދި ކުރާނެ ދުޢާތައް ވެސް ވަނީ އުނގަންނަވައި ދެއްވައިފައެވެ. އޭނާގެ އެއް ލޯ ހުންނާނީ އަވަރުވެފައި ކަމާއި އޭނާގެ ދެ ބުމަ ދޭތެރޭ ނިތްކުރީގައި "ކާފިރު" ލިޔެވިފައި އޮންނާނެކަން ބަޔާންކުރެއްވިކުރެއްވުން އެއީ އޭނާ ދެނެގަންނާން ދަސްކޮށްދެއްވި ފާހަގަތަކެކެވެ. ކޮންމެ ނަމާދެއްގެ ފަހު އައްތަހިއްޔާތުގައި ދުޢާކުރާއިރު ދައްޖާލުގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވަން އެކަލޭގެފާނުވަނީ އަންގަވައިފައެވެ.
ދައްޖާލުގެ ފިތުނަ އެހައި ބޮޑުވެގެން އަންނަ އެއް ސަބަބަކީ، ﷲ އޭނާއަށް ދެއްވާނެ ކުޅަދާނަކަމެވެ. އޭނާގެ އެއް އަތުން ބަގީޗާއެއް އަނެއް އަތުން އަލިފާންގަނޑެއް ގެންގުޅޭނެ ވާހަކައަކީ އޭގެ ތެރެއިން އެއްވާހަކައެވެ. އޭނާ އުޑަށް އިޝާރާތްކޮށް ވާރޭ ވެހޭށޭ ބުނުމުން، ﷲގެ އިޒުނަފުޅަށް އުޑުން ވާރެ ވެހޭނެ ކަމަށް ވެސް ޞައްޙަ ޙަދީޘުގައި ވާރިދުވެގެން ވެއެވެ. ބިމަށް އޭގެ ގޮވާންތައްފެޅުމަށް އޭނާ އެންގީމައި، ﷲގެ އަމުރުފުޅަށް އެ ބިމުގެ ގަސްތައް ފަޅައިގެން ގޮވާން ހެދޭނެކަމަށް ވެސް ވެއެވެ.
މި ހުރިހާ ކަމެއްގެ މައްޗަށް އޭނާ އިލާހުކަމަށް ކުރާ ދައުވާގެ ފުރިހަމަ މުއުޖިޒާތެއް ކަމަށް ދައްކާނެ އެއް ކަމަކީ މީހެއްގެ މަރުވެފައި އޮތް މައިންބަފައިން ދިރުވުން ކަމަށް ވެސް ޙަދީޘުން ސާބިތުވެއެވެ. «وَإِنَّ مِنْ فِتْنَتِهِ أَنْ يَقُولَ لأَعْرَابِيٍّ أَرَأَيْتَ إِنْ بَعَثْتُ لَكَ أَبَاكَ وَأُمَّكَ أَتَشْهَدُ أَنِّي رَبُّكَ فَيَقُولُ نَعَمْ. فَيَتَمَثَّلُ لَهُ شَيْطَانَانِ فِي صُورَةِ أَبِيهِ وَأُمِّهِ فَيَقُولاَنِ يَا بُنَىَّ اتَّبِعْهُ فَإِنَّهُ رَبُّكَ» (إبن ماجه: ٤٠٧٧) މާނައީ: އަދި، ދައްޖާލުގެ ފިތުނައިގެތެރެއިން އެއް ކަމަކީ، އޭނާ އަޢުރާބީއަކަށް ބުނާ މި ބުނުމެވެ. "ތިބާގެ މަރުވެފައި އޮތް ބައްޕައާއި މަންމަ، އަލުން ދިރުމަށް ގެނެސްފިއްޔާ، ތިމަންނާއީ ތިބާގެ ރައްބުކަމަށް ހެކިވާނަމުހެއްޔެވެ؟" އޭނާ އާނއެކޭ ބުނާނެއެވެ. ދެން ފަހެ، ދެ ޝައިޠާނުން އޭނާގެ ބައްޕައާއި މަންމަގެ ސޫރައިގައި އޭނާއަށް ފެންނާނެއެވެ. އަދި އެ ދެ މީހުން އޭނާއަށް ބުނާނެއެވެ. "ދަރިފުޅާއެވެ! އޭނާއަށް ތަބާވާށެވެ. އެއީ ތިބާގެ ރައްބެވެ."
ޒަމާން ފަސްވެ ޤިޔާމަތުގެ ޢަލާމާތްތައް ގިނަވެއްޖެއެވެ. ހެވާއި ނުބައި މަސްހުނިވެ ޙައްޤު ފަނޑުވެ ހޯދާން އުނދަގުވެއްޖެއެވެ. ބާޠިލު ފާޅުވެ އޭގެން ސަލާމަތްވެތިބުން ދަތިވެއްޖެއެވެ. ދައްޖާލު ފާޅުވާދުވަހާ ހަމައަށް ދުނިޔޭގައި ތިބި މުސްލިމުން އެ ފިތުނައިން ރައްކާތެރިކޮށްދެއްވާނދޭވެ! آمين.