ޗައިނާގައި އީ-ސިމް އަށް ހުއްދަ ލިބުން ލަސްވުމާ ގުޅިގެން، އެޕަލްގެ އައިފޯން 17 ސީރީޒްގެ ތެރެއިން އައިފޯން އެއާ ޗައިނާގެ ބާޒާރަށް ނެރުން ފަސްކޮށްފިއެވެ.
އެޕަލް އިން ދުނިޔޭގެ ގިނަ ގައުމުތަކުގައި އައިފޯން 17 ސީރީޒް މި މަހުގެ 19 ގައި ނެރުމަށް ހަމަޖައްސާފައި ވެއެވެ. ނަމަވެސް އީ-ސިމް އެކަނި ބޭނުންކުރެވޭ އައިފޯން އެއާ ޗައިނާގައި ނެރުން ލަސްވެފައިވަނީ، އީ-ސިމް ބޭނުންކުރުމަށް ރެގިއުލޭޓަރީ ހުއްދަ ނުލިބުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.
އެޕަލްގެ ވެބްސައިޓްގައިވާ ގޮތުން، ޗައިނާގެ ސަރުކާރު ހިއްސާވާ ތިން ނެޓްވޯކް ކުންފުނި ކަމަށްވާ ޗައިނާ މޯބައިލްއާއި، ޗައިނާ ޓެލެކޮމް އަދި ޗައިނާ ޔުނިކޮމް އިން އައިފޯން އެއާ އަށް އީ-ސިމް ސަޕޯޓް ދޭނެއެވެ. ނަމަވެސް ފޯނު ނެރޭނެ ތާރީޚެއް ރެގިއުލޭޓަރީ ހުއްދައަށް ބިނާވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މި ސީރީޒްގެ އެހެން ފޯނުތަކަށް ޕްރީ-އޯޑަރު ނަގަން މި ހަފުތާގެ ހުކުރު ދުވަހު ފަށާނެއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕަލް އިން ލޯކަލް މީޑިއާއަށް ބުނެފައިވަނީ، އައިފޯން އެއާ ޗައިނާއަށް "ވީހާވެސް އަވަހަކަށް" ގެނައުމަށް ރެގިއުލޭޓަރީ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ރިޕޯޓްގައި، ޗައިނާ މޯބައިލްގެ ވެއިބޯ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އެ ނެޓްވޯކުން މޯބައިލް ފޯނުތަކަށް އީ-ސިމް ހިދުމަތް ދިނުން ފަށާފައިވާ ނަމަވެސް، ފޯނު ނެރޭނެ ތާރީޚެއް ފާހަގަކޮށްފައެއް ނުވެއެވެ.
ޗައިނާ ޓެލެކޮމް އިން ރެޑްނޯޓްގައި ޕޯސްޓްކޮށްފައިވާ ގޮތުން، އައިފޯން 17 ސީރީޒް ނެރެން ހަމަޖައްސާފައިވާ ސެޕްޓެމްބަރު 19 ގައި އެ ކުންފުނިން އީ-ސިމް ހިދުމަތް ފަށާނެއެވެ. ނަމަވެސް، އެ ޕޯސްޓް މިހާރު ވަނީ ނަގައިފައެވެ.
މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.