ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ވަޒީރެއްގެ ގޮތުގައި އަލްބޭނިއާ ސަރުކާރުން އާޓިފިޝަލް އިންޓެލިޖެންސް ބޮޓެއް ތައާރަފްކޮށްފިއެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރާމާ، އެގައުމުގެ ސަރުކާރުގެ ހަތަރުވަނަ ދައުރު ފަށާއިރު، އާ ބޮޑުވަޒީރުގެ ކެބިނެޓްގައި ހިމެނޭ އާ މެންބަރަކީ އޭއައި އިން އުފައްދާފައިވާ ބޮޓެއް ކަމަށް ވަނީ އިއުލާންކުރައްވާފައެވެ.
"ދިއެލާ" މިނަމުން ނަންދެވިފައިވާ މި ބޮޓްގެ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ ހުރިހާ ބިޑުތަކެއް ބެލެހެއްޓުމާއި ކޮންޓްރެކްޓްތައް ދިނުމެވެ. "ދިއެލާ" އަކީ އަލްބޭނިއާ ބަހުން "އިރު" މި މާނަ ދޭހަކޮށްދޭ ނަމެކެވެ.
ބޮޑުވަޒީރު ރާމާ ބުރާސްފަތި ދުވަހު އޭނާގެ އާ ކެބިނެޓް އިޢުލާން ކުރެއްވުމުގެ ތެރޭގައި ވިދާޅުވީ، "ދިއެލާ" އަކީ ހަށިގަނޑެއް ނެތި، ވާޗުއަލްކޮށް އޭއައި އިން އުފައްދާފައިވާ ފުރަތަމަ ކެބިނެޓް މެންބަރު ކަމަށެވެ. މީގެ ސަބަބުން އަލްބޭނިއާގައި ޢާންމުކޮށް ދޭ ބިޑުތައް %100 ކޮރަޕްޝަނުން އެއްކިބާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ކޮންޓްރެކްޓްތައް ދިނުމަކީ އަލްބޭނިއާގައި ގިނަ ދުވަސްތަކެއް ވަންދެން ކޮރަޕްޝަންގެ މައްސަލަތައް އުފެދޭ އެއް ސަބަބެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ބަލްކަން ގައުމަކީ މަސްތުވާތަކެތި އަދި ހަތިޔާރު ޓްރެފިކްކޮށްގެން ލިބޭ ފައިސާ ނަގުދުކުރުމުގެ މަރުކަޒެކެވެ.
ކޮރަޕްޝަން ވަނީ ސަރުކާރުގެ މަތީ ފަންތިއަށް ވެސް ފެތުރިފައެވެ. މިކަމުގެ ސަބަބުން އަލްބޭނިއާ ޔޫރަޕިއަން ޔޫނިއަނާ ގުޅުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.
ބޮޑުވަޒީރު ރާމާ 2030 ވަނަ އަހަރާ ހަމައަށް ޔޫރަޕިއަން ޔޫނިއަނާ ގުޅުމަށް އަމާޒު ހިފާފައިވީ ނަމަވެސް، ސިޔާސީ ތަޖުރިބާކާރުން މިކަން ދެކެނީ ވަރަށް ދުރު އަމާޒެއްގެ ގޮތުގައެވެ.
"ދިއެލާ" އަށް އިންސާނީ ބެލެހެއްޓުން އޮންނާނީ ކިހާވަރަކަށް ކަމެއް ނުވަތަ މި އޭއައި ބޮޓް މެނިޕިއުލޭޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
"ދިއެލާ" ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅު "އީ-އަލްބޭނިއާ" ޕްލެޓްފޯމްގައި އޭއައި ގެ ބާރު ލިބިފައިވާ ވާޗުއަލް އެސިސްޓެންޓެއްގެ ގޮތުގައެވެ. އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ސަރުކާރުގެ ލިޔެކިޔުންތައް ހޯދުމަށް އެހީތެރިވުމަށްޓަކައެވެ. ނަމަވެސް، މިކަމަށް އާއްމުންގެ ބައެއް ފަރާތްތަކުންދަނި ފާޑުކިޔަމުންނެވެ.
ފޭސްބުކް ބޭނުންކުރާ އެކަކު ބުނެފައިވަނީ، "އަލްބޭނިއާގައި ދިއެލާ ވެސް ކޮރަޕްޓް ވެދާނެ" ކަމަށެވެ. އަނެކަކު ބުނެފައިވަނީ، މިކަމުގެ ސަބަބުން ވައްކަން ކުރަމުންދާ މިންވަރު އިތުރުވާނެކަމަށާއި، އަދި މިފަދަ ކޮންމެ ވައްކަމެއް ދިއެލާ ގެ ބޮލުގައި އަޅުވާނެ ކަމަށެވެ.