ޑްރަގް ފައިސާ ލޯންޑާ ކުރުން: 18 އަހަރުގެ ޖަލު ހުކުމަކާއެކު ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި ކޭސްގައި ހިމެނޭ ފަސްވަނަ މީހާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވައި އޭނާ 200،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ، ޖަނަވަރީ 12, 2021, ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ.

މި މައްސަލައިގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢިލް ޝަރީފް، މއ. ޙަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްގެ މައްޗަށް އުފުލީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.

ފަސްވަނަ މީހާއަކީ، ޅ. ހިންނަވަރު، ސުވާސާގެ، މުޙަންމަދު އަފްލާޙް ޢަބްދުﷲ އެވެ. އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި ފަސް މީހުންގެ ތެރެއިން، އަފްލާހް ފިޔަވައި އަނެއް ހަތަރު މީހުންނަށް، މިދިޔަ އަހަރުވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޮތީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ފަސްވަނަ މީހާ ކަމަށްވާ އަފްލާހުގެ މައްޗަށް ހުކުމް ކުރީ މިދިޔަ ހަފުތާގައެވެ. އަފްލާހުގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމަކާއެކު، 200،000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ. ޖޫރިމަނާ އެއް އަހަރު ތެރޭގައި ދައްކަންވަނީ އަމުރުކޮށްފައެވެ.

އަފްލާހުގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، މަސްތުވާތަކެތީގެ އެހެން ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ތިން އަހަރުގެ ދެ ހުކުމް ކުރިން އިއްވާފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މި މައްސަލައިގައި ހިމެނޭ ލޫތު ދިރިއުޅޭ ތަނުން ފެނުނު ދަބަހަކާއި ދެ ކޮތަޅަކުން 1،466،000ރ. ފެނުނެވެ. އަދި މި މައްސަލައިގައި ހިމެނޭ އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ގެސްޓް ހައުސްއަކުން ހައްޔަރުކޮށް ފާސްކުރިއިރު އެތަނުން މަސްތުވާތަކެތި ފެނިފައި ވާއިރު އިސްމާއިލްގެ ވޮލެޓުންނާއި އެތަނުގައި އޮތް ދަބަހަކުން 68،875ރ. އާއި އޮޕަރޭޝަން ކުރިއަށް ދަނިކޮށް މީހަކު އައިސް އޭނާއާ ހަވާލުކުރި 7،800ރ. ވެސް ފުލުހުން ހިފެހެއްޓި އެވެ.

މި ކޭސްގައި ހިމެނޭ ލޫތު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ހަސަން ރަޝީދު ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ޝާނިޔާ އާއި އިސްމާއިލް ޝަރީފް ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

މި ކޭސްއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރި ފުރަތަމަ ކޭސްއެވެ.

comment ކޮމެންޓް