ހެކި ހުށަހަޅާފައި ނެތުމުން ތިލަފުށިން ހައްޔަރުކުރި ލޮރީ ޑްރައިވަރު ދޫކޮށްލައިފި

ތިލަފުށީގައި ކުނި އުފުލުމަށް ބޭނުންކުރާ ލޮރީއެއް: ލަންކާ މީހަކަށް ސީރިއަސް އަނިޔާ ލިބުނު މައްސަލައިގައި ހައްޔަރުކުރި މީހާ ވަނީ ބަންދުން ދޫކޮށްލައިފަ --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ކ. ތިލަފުށީގައި ލޮރީއެއް ދަށުވުމުގެ ސަބަބުން ބިދޭސިއަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކުރި ލޮރީ ޑްރައިވަރު ރޭ ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:15 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ ސްރީލަންކާއަށް ނިސްބަތްވާ މީހަކަށެވެ. ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، މި ހާދިސާ ހިނގަން މެެދުވެރިވީ ހައިމާކެއް ކައިރީ އޭނާ މަސައްކަތްކުރަން ހުއްޓައި، ލޮރީއަކުން ޖެހި، ވެއްޓި އޭނާގެ ގައިމަތިން ދިއުމުން ކަމަށެވެ.

https://sun.mv/211182

މި މައްސަލައިގައި ހައްޔަރުކުރީ ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަޑުރާއީއެވެ.

ވިގްނޭޝްގެ މައްޗަށް ފުލުހުން ކުރަނީ އެކްސިޑެންޓްގެ ސަބަބުން، ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނިކޮށް ވިގްނޭޝް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ފިލިކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ކޯޓުން ރޭ ނިންމީ އޭނާ ދޫކޮށްލުމަށެވެ. އެގޮތުން ކޯޓުން ބުނީ، ފުލުހުންގެ ތުހުމަތާގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންވެ ކޯޓުން ވިގްނޭޝް ދޫކޮށްލީ އެއްވެސް ޝަރުތަކާނުލައެވެ.

https://sun.mv/211216

މި ހާދިސާގައި އަނިޔާވި އުމުރުން 53 އަހަރުގެ ސްރީލަންކާ މީހާއަށް އައިޖީއެމްއެޗްގެ ވޯޑުގައި އަންނަނީ ފަރުވާދެމުންނެވެ. "ސަން"އިން ސުވާލުކުރުމުން، އޭނާ ވޯޑަށް ބަދަލުކުރުން ފިޔަވައި، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އައިޖީއެމްއެޗުން ނުދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

comment ކޮމެންޓް