ސަބްސިޑީއަށް ކުރާ ޚަރަދުތައް ރިފޯމްކުރަން ސަރުކާރުން އިއުލާނުކޮށް، އެ ގޮތަށް ބަޖެޓު ތައްޔާރުކުރި ނަމަވެސް އެކަން ނުކުރެވި، ބަޖެޓުގެ ބޭރުން ސަބްސިޑީއަށް 335.5 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ރިފޯމްކުރަން ނިންމި ނަމަވެސް ސަބްސިޑީ ރިފޯމްނުކުރެވި، ޚަރަދު ބޮޑުވާކަމުގެ ޝަކުވާ ބޮޑެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރު ސަބްސިޑީއަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އެކަމަކު، އަހަރު ނިމެން އަދި ހަތަރު މަސް އޮއްވާ މުޅި ބަޖެޓު ހުސްވެއްޖެއެވެ. ބަޖެޓަށްވުރެ އިތުރަށް މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް 335.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޖުމުލަ 2.2 ބިލިއަން ރުފިޔާ ސަބްސިޑީއަށް ޚަރަދުކޮށްފިއެވެ.
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކޮށް ލިޔުނީ އެ ޚަރަދުތައް ރިފޯމްކުރާނެކަން އިއުލާނުކޮށްފައެވެ. އެ ގޮތުން، ގިނަ ސަބްސިޑީތައް ޓާގެޓުކޮށް، ހަމައެކަނި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް ބަދަލު ގެންނާނެކަން ސަރުކާރުން އިއުލާނުކުރިއެވެ. އެއީ، ބޭރުގެ މާލީ އިދާރާތަކުން ވެސް އެދިއެދި އޮތް ބަދަލެކެވެ.
އެކަމަކު، އިއުލާނުކުރި ގޮތަށް އެކަމެއް ނުކުރެވުނެވެ. އެހެންވެ، ބަޖެޓަށްވުރެ އިތުރަށް ސަބްސިޑީއަށް ވަނީ ޚަރަދުކުރަން ޖެހިފައެވެ. އެހެންވިޔަސް އަހަރުން އަހަރަށް ބަލާއިރު ސަބްސިޑީއަށް ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 609.1 މިލިއަން ރުފިޔާ ދަށެވެ.
ދަރަނި ބޮޑުވެ، މާލީ ދަތިކަމާ ކުރިމަތިލާން ޖެހުމުން ބޭރުގެ މާލީ އިދާރާތަކުން އެންމެ ބޮޑަށް ގޮވާލީ ސަބްސިޑީތަކާއި އެ ނޫން ވެސް ޚަރަދުތައް ރިފޯމްކުރާށެވެ.
އެކަމަކު، އާންމުންނަށް ދަތިވާނެތީ އެ ބަދަލުތައް ނުގެންނަން ސަރުކާރުން ނިންމީއެވެ. އޭގެ ބަދަލުގައި މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސްގެން ޚަރަދު ކުޑަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، މިހާރު ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ސަރުކާރު ކުންފުނިތަކާއެވެ. އެގޮތަށް ހަވާލުކުރާއިރު ބައެއް މަސައްކަތްތައް ކަމާ ނުގުޅޭ ކުންފުނިތަކާ ހަވާލުކުރާކަމުގެ ޝަކުވާ ވެސް ބޮޑެވެ.
ޖުމުލަގޮތެއްގައި ބަލާއިރު އަހަރުގެ މިހާތަނަށް ޚަރަދުކުރީ 25.4 ބިލިއަން ރުފިޔާއެވެ. އެއީ، މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 26.3 ބިލިއަން ރުފިޔާއަށް ވުރެ 868.7 މިލިއަން ދަށް އަދަދެކެވެ. އެހެންވެ، ޚަރަދު ކުރަނީ ލިބޭ އެއްޗަކުންނޭ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ. އެ އަދަދުތަކުގެ ތަފުސީލު ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންވެ، ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަބްސިޑީއަށް ބަޖެޓުން ބޭރުން 335.5 މިލިއަން ވަނީ ޚަރަދުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
ހިސާބުތަކުން ދައްކާ އިތުރު ބައެއް ކަންކަން:
- މުސާރައަށް ކުރާ ޚަރަދު ކުޑައެއް ނުކުރެވޭ، މި އަހަރު 9.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
- މަޝްރޫއުތައް ނުހިނގާތީ އެ ޚަރަދުން 4.5 ބިލިއަން ރުފިޔާ ދަށް
- އިގުތިސާދު ދަށްވެ، އިމްޕޯޓު ޑިއުޓީއާއި ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބޭ އާމްދަނީ ދަށް
- އެހީގެ ގޮތުގައި ލިބުނީ އަންދާޒާގެ އެންމެ އަށް އިންސައްތަ
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ދަރަނި ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 134 އިންސައްތައަށް އަރާފައެވެ. ރާއްޖެއިން އަންނަ މަހު ދަރަންޏަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ނޮވެންބަރުގައި ވެސް އިތުރު 100 މިލިއަން ޑޮލަރެއް ދައްކަންޖެހެއެވެ. އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އެހެންވެ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އަންނަނީ ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަމުންނެވެ. ސަރުކާރުން އަންނަނީ ކަންބޮޑުވުމެއް ނެތި ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަން ވެސް ދެމުންނެވެ. ނަމަވެސް، ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމައި 'ޖަންކް' ރޭޓިންއެއް ދީފައެވެ.