މި އަހަރު ނިމެން ބާކީ ހަތަރު މަސް އޮތްއިރު ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖެހި އަދަދުގެ 92 އިންސައްތަ އަދި ނުލިބޭކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމާ 'ޖަންކް' ރޭޓިންއެއް ދީފައެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ހޯދަން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރު ނިމެން ބާކީ ހަތަރު މަހަށް ވީއިރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބުނީ އެންމެ 203.1 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި ލިބުނީ އެންމެ 372.4 މިލިއަން ރުފިޔާއެވެ. އެހެންވެ، މިދިޔަ އަހަރަށްވުރެ ވެސް 170 މިލިއަނެއްހާ ރުފިޔާ ހިލޭ އެހީން ދަށްވެއްޖެއެވެ.
ބަޖެޓުކުރި އަދަދަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި އަދި ލިބުނީ އެންމެ އަށް އިންސައްތައެވެ. ބަޖެޓުކުރި އަދަދުގެ 92 އިންސައްތަ އަދިވެސް ނުލިބެއެވެ.
ކްރެޑިޓް ރޭޓިން ދަށްވުމަކީ ހިލޭ އެހީއާއި ލޯނުތައް ލިބުން ދަތިވާ މައިގަނޑު އެއް ސަބަބެވެ.
ކްރެޑިޓް ރޭޓިން ދަށްކުރީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުންނެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރީ 134 އިންސައްތައިގައެވެ. އަންނަ މަހު ވެސް ދަރަންޏަށް 500 މިލިއަން ޑޮލަރު ދައްކަންޖެހޭއިރު ނޮވެންބަރުގައި އިތުރު 100 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އެހެންވެ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އަންނަނީ ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަމުންނެވެ. ސަރުކާރުން އަންނަނީ ކަންބޮޑުވުމެއް ނެތި ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަން ވެސް ދެމުންނެވެ. ނަމަވެސް، ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމައި 'ޖަންކް' ރޭޓިންއެއް ދީފައެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅައިދެއްވަނީ: ބަޖެޓުކުރި އަދަދާ ގާތަށް ވެސް ހިލޭ އެހީއެއް ނުލިބޭ -- ފޮޓޯ/ މިނިސްޓްރީ
ޖުމުލަގޮތެއްގައި ބަލާއިރު އަހަރުގެ މިހާތަނަށް ޚަރަދުކުރީ 25.4 ބިލިއަން ރުފިޔާއެވެ. އެއީ، މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 26.3 ބިލިއަން ރުފިޔާއަށް ވުރެ 868.7 މިލިއަން ދަށް އަދަދެކެވެ. އެހެންވެ، ޚަރަދު ކުރަނީ ލިބޭ އެއްޗަކުންނޭ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ. އެ އަދަދުތަކުގެ ތަފުސީލު ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންވެ، ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.
ހިސާބުތަކުން ދައްކާ އިތުރު ބައެއް ކަންކަން:
- މުސާރައަށް ކުރާ ޚަރަދު ކުޑައެއް ނުކުރެވޭ، މި އަހަރު 9.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
- މަޝްރޫއުތައް ނުހިނގާތީ އެ ޚަރަދުން 4.5 ބިލިއަން ރުފިޔާ ދަށް
- އިގުތިސާދު ދަށްވެ، އިމްޕޯޓު ޑިއުޓީއާއި ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބޭ އާމްދަނީ ދަށް
- އެހީގެ ގޮތުގައި ލިބުނީ އަންދާޒާގެ އެންމެ އަށް އިންސައްތަ