4،000 ފްލެޓަށް 588 މީހުން ޑިޕޮސިޓް ދައްކައިފި، 909 މީހުން ތާވަލު ކޮށްފައި

ގެދޮރުވެރިޔާ ފްލެޓްގެ އެގްރީމެންޓްގައި ސޮއި ކުރަނީ-- ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން

މިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓަށް 500 އަށް ވުރެ ގިނަ ފަރާތްތަކުން ޑިޕޮސިޓް ދައްކާފައިވާ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

އެފްޑީސީން ބުނީ، މިހާތަނަށް ޑިޕޮސިޓް ދައްކަން 909 މީހަކު ތާވަލުކުރެވިފައިވާއިރު 588 ފަރާތަކުން ޑިޕޮސިޓް ދައްކާފައި ނިންމާފައިވާ ކަމަށެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެނީ 25,000 ރުފިޔާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޕަރޭޝަނުން "ސަން"އަށް ބުނީ، ޕޯޓަލް މެދުވެރިކޮށް ފްލެޓްތައް އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށާފައިވާއިރު، ޕޯޓަލާއި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން އަންގަމުން ދާނެ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މި 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

ފްލެޓްތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ތެރެއިން 3,000 ފްލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެ މީހުން, ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ 25,000ރ. ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށާއި، ފްލެޓުތައް ހަވާލު ކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ނަމަވެސް ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ސީދާ ދުވަހެއް އެފްޑީސީން އަދި ހާމަ ނުކުރެއެވެ.

comment ކޮމެންޓް