ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށް ދޫކުރާ ލުއިލޯނުތަކަށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުޅުވާލަން އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެ އިއުލާން ކުރެއްވީ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ބިލުން، ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ މީހުން ފާޅުކުރަމުންދަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުޅުވާލަން އަޅުގަނޑުވާނީ ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެފަދަ ޕްލެޓްފޯމްތަކުގައި ދައްކާ މަސައްކަތުން އާމްދަނީ ހޯދޭނެ ގޮތް ހެދުމަކީ ގިނަ ޒުވާނުންގެ އެދުމެކެވެ. އޭގެ ތެރޭގައި ޔޫޓިއުބް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކްގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.
މީޑިއާތައް ބަލަހައްޓާ ކޮމިޝަނެއް އެކުލަވާލައި، މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެކުލަވާލައިފައިވާ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލާ މެދު ނުރުހުން ފާޅުކޮށް، ބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ. އެގޮތުން ބިލުގައި އޮތް ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމާއި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އަޅަން ފުރުސަތު ދިނުމާ ގުޅޭ ކަންބޮޑުވުންތައް ނޫސްވެރިން ފާހަގަކުރިއެވެ.
އެކަމާ ގުޅިގެން މީޑިއާތަކުން މުޒާހަރާ ވެސް ކުރި ފަހުން، ސަރުކާރުން ވަނީ ބައެއް އިސްލާހުތައް ހުށަހަޅަން ނިންމައިފައެވެ. ނަމަވެސް ބިލުގައި މީޑިއާ މާނަކޮށްފައިވާ ގޮތުން، ސޯޝަލް މީޑިއާގައި ރެގިއުލޭޓް ކުރުމުގެ ބާރު ވެސް ލިބޭ ކަމަށް ބުނެ އަދިވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުގެ ގިނަ މެންބަރުން ތާއިދު ކުރައްވާފައިވާ އެ ބިލުން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ނޫޅޭ ކަމަށް، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ.