އަންނަ އަހަރުގެ ބަޖެޓަކީ ދިވެހީން ދަރަނިން ސަލާމަތްކުރާނެ ބަޖެޓެއް: ފިނޭންސް މިނިސްޓަރު

މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ: އަންނަ އަހަރުގެ ބަޖެޓަކީ ދިވެހީން ދަރަނިން ސަލާމަތްކުރާނެ ބަޖެޓެއް ކަމަށް ވިދާޅުވި--- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ދިވެހީން ދަރަނިން ސަލާމަތް ކުރާނެ ބަޖެޓެއް ކަމަށް, ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް, ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅާފައި ވަނީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެކެވެ. އެއީ މި އަހަރަށް ވުރެ ހަތް ބިލިއަން ރުފިޔާ އިތުރު ވުމެކެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

"[އަންނަ އަހަރުގެ ބަޖެޓަކީ] މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް," ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ: އަންނަ އަހަރުގެ ބަޖެޓަކީ ދިވެހީން ދަރަނިން ސަލާމަތްކުރާނެ ބަޖެޓެއް ކަމަށް ވިދާޅުވި--- ފޮޓޯ: މަޖިލިސް

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ކަމަށެވެ. އަދި ހަމައެހެންމެ އަންނަ އަހަރުގެ ބަޖެޓަކީ ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރު ބަޖެޓަށް އާމްދަނީ ހޯދަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާ ކަމަށެވެ.

"އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާއިއެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައި. އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ. އަދި ރިފައިނޭންސްކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް." ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން، އާމްދަނީ ހޯދާ ގޮތްތަކުގެ ތެރޭގައި ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ އާއި ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ވަނީ ރާވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް