ދައުރު ދަންމާލަން ރައީސް ކުޑަކޮށް ވެސް ތާއީދުނުކުރައްވާނެ: ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހާއި ރައީސް މުއިއްޒު: ފަލާހް ވިދާޅުވީ ދައުރު ދަންމާލަން ރައީސް ތާއީދުނުކުރައްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ވެރިކަމުގެ ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި އެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުނުކުރައްވާނެ ކަމަށް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު ހުށަހެޅުއްވި ފެންނަ ނުފެންނަ ވޯޓުގެ ބިލާ މެދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި، އެ ކަމަށް ސަރުކާރުން ތާއީދު ވެސް ނުކުރާނެ ކަމަށެވެ. ޚުދު ރައީސް ވެސް އެ ކަމަށް ތާއީދުނުކުރައްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ރިޔާސީ ދައުރު މި އުޅެނީ ކުރުކޮށްލަން، މަޖިލީހުގެ ދައުރު ވެސް މި އުޅެނީ ކުރުކޮށްލަން ކުރިއަށް އޮތް ދުވަސްތަކުގައި،" އޭނާ ވިދާޅުވިއެވެ.

މިހެން ވިދާޅުވުމަށް ފަހު ފަލާހު ވިދާޅުވީ، އެއީ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލާ ވާހަކަ ކަމަށެވެ.

"ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށް ވެސް ތާއީދެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/211312

ފަލާހު މިފަދައިން ވިދާޅުވެފައިވަނީ ފަސް އަހަރުގެ ރިޔާސީ ދައުރު ދަންމާލަން ތާއީދުކުރައްވާ ކަމަށް، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު)، ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައިވަނިކޮށެވެ. އިބްރާހިމް މުހައްމަދަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބައްޕާފުޅު ބޭބެއެވެ.

'މެންދުރު ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، ރާއްޖޭގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސަރުކާރަކުން ކިތަންމެ ހަރުދަނާކަމެއް ކުރިޔަސް ދެން އަންނަ ސަރުކާރުތަކުން އެކަން ނުކޮށް ބާއްވާ ކަމަށާއި، އެހެންވެ، ރިޔާސީ ދައުރު ފަސް އަހަރަށްވުރެ ދިގުކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް އެނގޭތޯ، ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ [ރިޔާސީ] ދައުރު މި ދަންނަވާހެން ދަންމާލުމަކީ ވެސް ހަމަ ގޯސް ކަމެއް ނޫން އެނގޭތޯ. އެ ކަމަކީ ހަމަ މަޝްވަރާކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެ ކަމަކީ ހަމަ ރަނގަޅު ކަމެއް ކަމަށް،" މެޑަމް ސާޖިދާގެ އެއްބައްޕާފުޅު ބޭބެ، ޖަނާބު ވިދާޅުވިއެވެ.

"ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ބޭނުންވާނެ. ހަމަ އެގޮތަށް އެކްސްޕާޓް އޮޕީނިއަން ބޭނުންވާނެ، ކެބިނެޓްގެ މަޝްވަރާ ބޭނުންވާނެ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ބޭނުންވާނެ،"

އެ ވާހަކަ އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

https://sun.mv/211325

ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކުރި އެ ބަހުސްގައި ބައިވެރިވެފައެވެ. އެ ގޮތުން، ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން އެ ޚިޔާލަށް ތާއީދުކުރެއްވިއިރު އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ބައެއް މީހުން ވަނީ އެ ކަމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އެ މުއްދަތަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް އެ ނިންމުމެއް ނުނިންމޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ވެސް ރޭ ވަނީ ރިޔާސީ ދައުރު ދަންމާލާ ވާހަކަދައްކަނީ އެ ދެއްކޭ ވާހަކައެއް ނޭނގި ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދައުރު ދަންމާލުމަކީ ނިޒާމު އެފުށް މިފުށަށް ޖެހުން ކަމަށެވެ.

comment ކޮމެންޓް