އެފްއައިވީބީ ލެވެލް ތިނެއްގެ ކޯޗިން ކޯސް ފުރިހަމަކުރި ފުރަތަމަ ދިވެހި އަންހެން ކޯޗަކަށް މުނާ މުނީރު ވެއްޖެއެވެ.
މުނާ މި ކޯސް ފުރިހަމަކުރީ މިމަހުގެ ފަހަކުން 12 އަށް ޖޯޑަންގައި ކުރިއަށްދިޔަ އެފްއައިވީބީ ލެވެލް ތިނެއްގައެވެ.
ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުގެ ކޯޗުކަން ކުރި ތަޖުރިބާކާރު ކޯޗު މުނާ އެފްއައިވީބީ ލެވެލް ތިނެއް, މުނާ ހޯދުމުން މި ޝަރަފު ފާހަގަކޮށް ވީއޭއެމުން ވަނީ ކޯޗު މުނާއަށް އިތުރު ކާމިޔާބީއަށް އެދޭކަމަށް ބުނެ އޭނާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.
ވީއޭއެމުން ވަނީ މިއީ ލިބުނު ފަހުރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ކޯޗު މުނާގެ މި ކާމިޔާބީއަކީ އެހެން ކޯޗުންނާއި އެތުލީޓުންނަށް ލިބިގެންދާ ހިތްވަރެއް ކަމަށް އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.
މިއަހަރުގެ އޭޕްރީލް މަހު ނިމިގެންދިޔަ ގައުމީ ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބުގެ ކޯޗު މުނާ ވަނީ އެ މުބާރާތުގައި ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައެވެ.
ދެހާސް ބާވީސް ވަނަ އަހަރު ކުލަބު އީގަލްސްގެ ކޯޗުކަމާ ހަވާލުވި މުނާ ކޯޗުކޮށްދިން ޓީމުތަކުން ބައިވެރިވި މުބާރާތްތަކުގައި ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކޯޗުންގެ ނޮމިނޭޝަންސްގައިވެސް މުނާ ހިމެނުނެވެ.