ރާއްޖެއަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރުކަން ދިނުމަށް އެދި ހުށަހެޅި އެޕްލިކޭޝަން އެ ޖަމިއްޔާއިން މިއަދު ބަލައިގެންފިއެވެ.
ދިވެހި ފޮރިން މިނިސްޓްރީން ބުނީ، އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަން ކަމަށްވާ ޖެނެރަލް ކޮންފަރެންސުން މިއަދު އޮސްޓްރިއާގައި އާންމު ބައްދަލުވުމެއް ފަށައިފައިވާ ކަމަށެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ އެ ބައްދަލުވުމުގައި މިއަދު ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެޕްލިކޭޝަން ބަލައިގަތީ ފުރިހަމަ އަޣުލަބިއްޔަތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެގޮތުން، އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، ސަލްމާ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަގުރީރުކުރައްވާފައެވެ.
އޭނާ ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އެ ކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އައިއޭއީއޭގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުވާ މުހިންމު ކުރިއެރުމަކަށް ވާނެ ކަމަށް ސަލްމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ޖަމިއްޔާގެ މިއަދުގެ ނިންމުމަކީ، ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި އައިއޭއީއޭ އާ ގުޅުމާއެކު، ސިއްޙަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ރާއްޖެއަށް ފުރުސަތުތައް ހުޅުވޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. މި ގައުމުން އެ އޭޖެންސީގެ މެންބަރަކަށްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިންއާއި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެހީތެރިކަން ހޯދުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އައިއޭއީއޭއަކީ އަސްކަރީ މަގުސަދުތަކަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު އުފެއްދި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.