ވަރުންއާއި ޖާންވީގެ ފިލްމުގެ ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފި

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ޖާންވީ ކަޕޫރާއި ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޓްރެއިލާ އާންމުކުރުމާ އެކު ބެލުންތެރިންނަށް ފިލްމުގެ ޓްރެއިލާ ވަރަށް ބޮޑަށް ކަމުގޮސްފިއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

ހަމައެއާއެކު ދާދިފަހުން ފިލްމުގެ ޕޯސްޓަރުތަކާއީ ޓީޒާ ރިލީޒްކުރުމުން މިއީ ބެލުންތެރިން އިންތިޒާރުކުރާ ކަހަލަ ހެއްވާ މަޖާ ހާދިސާތަކެއް އެކުލެވޭ ފިލްމަކަށްވާނެ ކަމުގެ އުންމީދު ބެލުންތެރިންގެ މެދުގައި ބޮޑުވިއެވެ.

ކޮންމެއަކަސް 174 ސިކުންތުގެ ޓްރެއިލާ ބެލުމަށް ފަހު ބެލުންތެރިޔަކު އުފާފާޅުކުރަމުން ބުނެފައިވަނީ އެކްޓަރު ވަރުން ދަވަން އޭނާގެ ޕްރައިމް މޯޑުގައި އެނބުރި އަތުވެއްޖެ ކަމަށެވެ.

ވަރުން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަވާލް"ގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ

ހަމައެއާއެކު ބޮލީވުޑްގެ 'އޯޖީ' ރޮމް-ކޮމް ސިނަމާއަށް އެނބުރި އަތުވެއްޖެ ކަމަށް އެއްބަޔަކު ބުނެފައިވާއިރު ފިލްމުގެ ސްޓޯރީ ލައިންއާއި ވަރުންގެ އެކްޓިންގް ވަރަށް ޝައުގުވެރި ކަމަށް ބުނެ ބެލުންތެރިން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

މި ފިލްމަކީ ވަރުންގެ މަގުބޫލު ފިލްމުތައް ކަމަށްވާ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަދި "ބަދުރިނާތު ކީ ދުލްހަނިއާ" ފަދަ ފިލްމުތަކުގެ ހަނދާން އާކޮށްދޭނެ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއަށް ޝަޝާންކް ކައިތާން ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުގައި ސާނިއާ މަލްހޯތުރާ، ރޯހިތު ޝަރަފް، އަކްޝޭ އޮބޮރޯއި އަދި މަނީޝް ޕޯލް ވެސް ހިމެނެއެވެ.

ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަކީ ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިންގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ 2023 ގައި ގެނެސްދިން ފިލްމު "ބަވާލް"އެވެ.

comment ކޮމެންޓް