އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެސްޑީއެފްސީން ބުނީ، އެ މަގާމަށް އައްޔަންކުރީ ފާތިމަތު ފާރިހަތު ވަހީދު ކަމަށެވެ.
އެ ކުންފުނިން ބުނީ، އޮޕަރޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އިދާރީ ކަންކަމާއި ޕްރޮކިއުމަންޓާއި އެޗްއާރުގެ އިތުރުން ވިޔަފާރިއާއި އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓް ބަލަހައްޓަވާނީ ފާރިހަތު ކަމަށެވެ.
މާލީ ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާރިހަތު ވަނީ، ގައުމީ ބޭންކް ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ މަގާމާއި ހެޑް އޮފް ކާޑް ޕޭމަންޓްސް އެންޑް ގަވަނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ފުރުއްވައިފައެވެ.
ފާރިހަތު ވަނީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީން އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައި، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް އިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލުކުރައްވައިފައެވެ.
އޭނާ އެސްޑީއެފްސީގެ ބޯޑަށް އައްޔަންކުރީ މި މަހުގެ ތިންވަނަ ދުވަހުގައެވެ.