ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހޭދަކުރަން ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް 865 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް އެ ކުންފުނިތަކުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 109 މިލިއަން ރުފިޔާ ދަށްވިކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ބަޖެޓު އެކުލަވައިލިއިރު ސަރުކާރުން ވަނީ ފައިދާނުވާ ބައެއް ކުންފުނިތައް އުވާލައި، އަނެއްބައި ކުންފުނިތައް ފައިދާވާ އެހެން ބައެއް ކުންފުނިތަކާ އެއްކޮށްލާނެކަން އިއުލާނުކޮށްފައެވެ. ކުންފުނިތަކަށް މާލީ އިސްލާހީ ބަދަލުތަކެއް ގެނެސް އިސްރާފު ހުއްޓާލަން ނިންމިއެވެ. އެކަމަކު، އަހަރު ނިމެން ހަތަރު މަހަށްވިއިރު ވެސް އެ އިސްލާހުތައް ތަންފީޒެއް ނުކުރެވެއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ދައުލަތުން ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި ސަރުކާރުން އަހަރުގެ މިހާތަނަށް ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރަށްވުރެ 14 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ކުންފުނިތަކަށް ގެންނަން ނިންމި އިސްލާހީ ބަދަލުތަކާ އެކު ދައުލަތުން ކުންފުނިތަކަށް ކުރަން ޖެހޭ ހޭދައިގެ ގޮތުގައި ބަޖެޓުކުރީ 378.3 މިލިއަން ރުފިޔާއެވެ. އެކަމަކު، އަހަރު ނިމެން ހަތަރު މަހަށްވިއިރު މިހާރު ވެސް ބަޖެޓަށްވުރެ އިތުރަށް 865.2 މިލިއަން ރުފިޔާ ވަނީ ކުންފުނިތަކަށް ޚަރަދުކޮށްފައެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ރައީސް އޮފީހުގައި: ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައި -- ފޮޓޯ/ ރައީސް އޮފީސް
އެ ޚަރަދު އިތުރުވިއިރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ.
ފިނޭންސުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ލިބުނީ 463.7 މިލިއަން ރުފިޔާއެވެ. އެއީ، ބަޖެޓުކުރި 709.9 މިލިއަން ރުފިޔާގެ 65 އިންސައްތައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 108.9 މިލިއަން ރުފިޔާ ދަށްވެފައެވެ.
ސަރުކާރުން ވަނީ ފައިދާނުވާ ބައެއް ކުންފުނިތައް އުވާލައި، ގެއްލުމުގައި ހިންގާ ބައެއް ކުންފުނިތައް އެހެން ބޮޑެތި ކުންފުނިތަކާ އެއްކޮށްލަން ނިންމާފައެވެ. އެގޮތުން ގެންނަން އިއުލާނުކުރި ބައެއް ބަދަލުތައް:
- އެއާޕޯޓު ހިންގާ އެމްއޭސީއެލާއި ރީޖަނަލް އެއާޕޯޓްސް ކުންފުނި އެއްކޮށްލަން، އެ މަސައްކަތް އެބަ ހިނގާ
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލުން، އެ މަސައްކަތް ނުހިނގާއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ން ވަނީ އެ ކަމުން ގެއްލުންވާނެ ކަމަށް ބުނެފައި
- ދަރަނި ބޮޑުވެފައި އޮތް ފެނަކައާއި އެސްޓީއޯ އެއްކޮށްލަން ނިންމި، އެކަމަކު ފަހުން ނުކުރަން ނިންމި
- މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ވަޒީރުންގެ މަޖިލީހުން ނިންމި، އެކަމަކު އަދިވެސް އުވައެއްނުލާ
- އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި، އެކަމަކު އުވައެއްނުލާ
ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއްވިއިރު އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 އިންސައްތަ ސަރުކާރުން ހިއްސާވާ ކުންފުންޏެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ހުރީ 125 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީގެ ދަށުން ނެގި 12.67 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ. އަދި، އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޗްޑީސީއާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ވެސް ދަރަންޏާއި ހަރުމުދަލުގެ ރޭޝިއޯ ހުރީ 50 އިންސައްތައަށްވުރެ މަތީގައެވެ.
އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކުން މީހުންނަށް 'ވަޒީފާ ބަހާކަމުގެ' ތުހުމަތުވާއިރު މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 34،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.