ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން 60 ގަސް އިންދައިފި

އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ގަސް އިންދުމުގެ ހަރަކާތުގައި އެޗްޑީސީގެ އެމްޑީ ޒުހައިރު ގަހެއް އިންދަވަނީ --- ފޮޓޯ/ އެޗްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީއާއި އިންޑިއާގެ ހައި ކޮމިޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި 60 ގަސް އިއްޔެ އިންދައިފިއެވެ.

އެޗްޑީސީން ބުނީ، އިއްޔެ ހަވީރު 5:00ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިންގެ އިތުރުން، އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަނާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ހަރަކާތުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެޗްޑީސީން ބުނީ، އިއްޔެ ގަސްތައް އިންދާފައިވަނީ ރައީސްގެ ވައުދުފުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. މޯދީ ވަނީ މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާފައެވެ.

comment ކޮމެންޓް