އެއީ ކިތަންމެ ތަޖުރިބާކާރު ޓީމެއް ނަމަވެސް ފުޓްބޯޅަ މެޗެއްގައި ޔަގީންކަމާ އެކު ކުޅެން ލިބޭނީ 90 މިނެޓެވެ. ރެފްރީއަށް ފެނިއްޖެ ހާލަތެއްގައި އިތުރު ވަގުތަށް މިނެޓް ކޮޅެއް ދީފާނެއެވެ. އެކަމަކު، މެޗުން މޮޅުވުމަށްޓަކައި ކުޅުންތެރިންނާއި މެނޭޖަރުގެ ސިކުނޑީގައި އިންނަން ވާނީ އެ 90 މިނެޓްގެ ތެރޭގައި ނަތީޖާ ނެރުމެވެ. އޭގެ ބަދަލުގައި ދަނޑު ބޭރުން އެހެން ކަންކަމާ އުޅެންވެއްޖެ ނަމަ ޔަގީނުން ވެސް މޮޅެއް ނުވާނެއެވެ.
މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙުން އެތައް ފަހަރަކު ފެނި, އެކަމަކު އެއްވެސް ވެރިއަކަށް އިބުރަތް ހާސިލުކުރެވިފައިނުވާ ކަމެކެވެ.
ވެރިކަމަށް ރައްޔިތުން ރައީސަކު ހޮވަނީ ފަސް އަހަރުގެ ދައުރަކަށެވެ. ދެން އިތުރަށް ވެރިކަމުގައި ބަހައްޓާނެތޯ ނުވަތަ ނޫންތޯ ރައްޔިތުން އަނެއްކާ ވެސް ނިންމާނީ އެ ފަސް އަހަރުގެ ޕާފޯމަންސްއަށް ބެލުމަށް ފަހުގައެވެ. އޮޅުވާނުލައި ރައްޔިތުންގެ ސީދާ ވޯޓަކުން ވެރިން ހޮވަން ފެށި ފަހުން މި ރާއްޖޭގައި އަދި އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް ނުލިބެއެވެ. ލިބެން ވާދަކޮށްލެވޭ ވަރުގެ ނަތީޖާއެއް ވެސް ރިޔާސީ އިންތިޚާބުތަކުން ނުލިބެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޕާފޯމަންސް ދަށްވުމެވެ. އެހެން އެކަން ދިމާވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

ޕީޕީއެމް އިން ޔާމީންގެ ވެރިކަމުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފައިލް ފޮޓޯ/ރައީސް އޮފީސް
ރާއްޖޭގެ ރައީސުން ގަބޫލުކުރައްވަން ޖެހޭ ހަގީގަތެއް އެބައޮތެވެ. މި ގައުމުގެ ގާނޫނުއަސާސީގައި އޮތީ ރައީސްކަން ކުރާ ވާހަކައެވެ. ރަސްކަން ކުރައްވާ ވާހަކައެއް ނޫނެވެ. އެހެންވީމާ ރައީސްގެ ބާރަކީ ސަރުކާރު ހިންގެވުމާއެކު ވެރިކަން ކުރެއްވުމެވެ. ދެން ހުންނަ ބާރުތަކަކީ ރައީސްގެ ކޮންޓްރޯލް އޮންނަން ޖެހޭ ބާރުތަކެއް ނޫނެވެ. ނަމަވެސް، ދަނޑު ބޭރާ މާ ބޮޑަށް އުޅުއްވެނީ އެ ބާރުތައް ހޯއްދަވަން އުޅޭ ހިސާބުންނެވެ.
ޑިމޮކްރެޓިކް އުސޫލުން ރައްޔިތުންގެ ސީދާ ވޯޓަކުން ރާއްޖޭގައި ފުރަތަމަ އިންތިޚާބުކުރި ރައީސް މުޙައްމަދު ނަޝީދަށް ވެސް ހެއްދެވުނީ އެ ގޯހެވެ. ޚާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިނުގެން ހިސާބުން އެ މަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ބޮޑެވެ. އަދި، އެ މަނިކުފާން ހެއްދެވި ގޯސްތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާއަށް ދެއްވި ހަމަލާތައް ހިމެނެއެވެ. ވެރިކަން ކުރުމުގެ ބާރު ހިންގެވުމުގެ ބަދަލުގައި އެހެން ކަންކަމާ މާ ބޮޑަށް އުޅުއްވީއެވެ. ނަތީޖާއަކަށްވީ ގައުމީ ދިފާއީ ބާރުތަކުން އެ ވެރިކަމާ ދެކޮޅަށް ނުކުމެ, ކޮށްގެން ނުވާނެ އެތައް ކަމެއްކޮށް, އެ ވެރިކަން ބަދަލުކުރުމެވެ.
ދެން ރައްޔިތުން އިންތިޚާބުކުރި ރައީސް އަބްދުالله ޔާމީނަށް ވެސް އަމާން ވެރިކަމެއް ކުރައްވަން ވަރަށް ފަހި ފުރުސަތެއް ލިބިވަޑައިގެންނެވިއެވެ. ވަރަށް ގާބިލު ކެބިނެޓެއް އޮތެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކުގައި ތިބީ މީހުންނަށް ވާކަހަލަ މީހުންނެވެ. ވެރިކަމުގެ އިތުރުން މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ރައްޔިތުން އެ ސަރުކާރަށް ދެއްވިއެވެ. ނަމަވެސް، އެ ވެރިކަން ވެސް ވީ، ކުރަން ނުވާނެ އެތައް ކަމެއް ކުރެއްވުމަށް ފޯކަސްކުރެއްވި ފަސް އަހަރަށެވެ. ކޮރަޕްޝަންތައް ހިންގީ ފާޅުގައެވެ. އިދިކޮޅު ޕާޓީތަކާއި މީޑިއާތަކުގެ އަޑު ކަނޑުވާލަން ހަރުކަށިކަން ދެއްކިއެވެ. އިދިކޮޅު ހުރިހާ ލީޑަރުންނެއްހެން ތިބީ ޖަލު ހުކުމުގައެވެ. އަބުރު ގާނޫނުގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިން ބަންނަން އެތައް ކަމެއް ކުރެއްވިއެވެ.
ޔާމީންގެ އެ ފަސް އަހަރަކީ އެ ހުރިހާ ކަމަކާއެކު ވެސް ރާއްޖޭގެ ވެރިއަކު މިހާތަނަށް ގައުމަށް ގެނައި އެންމެ ބޮޑެތި ތަރައްގީ ގެނައި ފަސް އަހަރެވެ. ނަމަވެސް، އެއީ ގެނެވެން އޮތް މިންވަރަށް ވުރެ ކުޑަ މިންވަރެކެވެ. އެ ވެރިކަމުގައި ގައުމުގެ ހަމަޖެހުން ވަރަށް ދަށްވެފައި, ސިޔާސީ ހަލަބޮލިކަން ވަރަށް ބޮޑެވެ.

ބޮޑު ތާއީދަކާއެކު ދެން ވެރިކަމަށް ވަޑައިގެންނެވި, ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް, އެމްޑީޕީން އެދުނު ހުރިހާ ބާރެއް ރައްޔިތުން ދިނެވެ. އެ ޕާޓީގެ ކުރީގެ ވެރިކަމުގައި ނުލިބުނު މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ވެސް ޞާލިހުގެ ވެރިކަމުގައި ރައްޔިތުން ދިނެވެ. ގާނޫނާއި ގަވާއިދަށް ބޭނުން ގޮތެއް ހެދުމުގެ ފުރިހަމަ ބާރާއެކުއެވެ. ހަމަ އެހެންމެ ކައުންސިލްތަކުގެ ބޮޑު ބައެއް ވެސް ދިނެވެ. އެ ވެރިކަމުގައި ވެސް ރަނގަޅު ކަންތައްތަކެއް ކުރައްވާފައި އެބަހުއްޓެވެ. ޚާއްސަކޮށް ކޮވިޑާއެކު މުޅި ދުނިޔެ ހުއްޓުމުން ވެސް ނަތީޖާތަކެއް ވެސް ނެރުއްވިއެވެ. ނަމަވެސް، އެމްޑީޕީގެ އެންމެ ބޮޑެތި އަސާސްތަކާ އެ ވެރިކަމުގައި ހިލާފުވިއެވެ. އެ ޕާޓީ އުފެއްދީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.
ނަމަވެސް. ހުރިހާ ބާރުތަކެއް ލިބި, ހަމަ ހެސް ކިޔާފައި ކޮރަޕްޝަން ހިންގީއެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރައްވަން ވެވަޑައިގެންނެވި ވައުދެއް ނުފުއްދަވައެވެ. އެންމެ ކުޑަ މިނުން ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އިސްލާހުކޮށް ނުލެއްވިއެވެ. ކަންކަން އިސްލާހުކުރުމުގެ ހުރިހާ އާރަކާއި ބާރެއް ލިބި އެންމެ އެދެވޭ ނަތީޖާއަށް ނުނެރެއްވުނެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ނަޝީދުގެ ސަޕޯޓަރުން ޕާޓީއެއް ހެދިޔަ ނުދޭން އުޅުއްވުން ކަހަލަ ދަނޑުން ބޭރު ކަންކަމާ އުޅުއްވީ މާ ބޮޑަށެވެ.
ރައީސް މުއިއްޒު ވެސް އެ އިބުރަތް ހާސިލެއް ނުކުރެއްވި
ކުރިން ފާހަގަކުރި ތިން ވެރީންނަށް ވެސް ރައްޔިތުން ދެވަނަ ފަހަރަށް ވެރިކަން ދީފައެއް ނުވެއެވެ. އިންތިޚާބުން ހަމަ ސީދާ ބުނީ ނޫނެކޭއެވެ. މިއީ މިއަދުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރަނގަޅު އިބުރަތެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ވެރިކަމުގެ އިތުރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިންތާ އަހަރެއްވެ ބޮޑުވީއެވެ. މިއީ ވެރިކަން ކުރާ ޕާޓީއަކަށް މަޖިލީހުގެ މިހާ ބޮޑު މެޖޯރިޓީއެއް ދިން ފުރަތަމަ ފަހަރެވެ. ހެޔޮ ނިޔަތާއެކު ރަނގަޅު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާ ހުރިހާ ބާރެއް ރައްޔިތުން އެ ވަނީ ދީފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތީ ސަރުކާރެއް ހިންގަން ފަސޭހަ ހާލަތެއްގައެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުން ގައުމު ބަނގުރޫޓްވުމުގެ ތުންފަތްމަތީގައި އޮތުމެވެ. އަދި ޒަމާނުންސުރެ ހިންގަމުން އައި ވެލްފެއާ ނިޒާމުތައް މި އޮތީ, އިސްރާފު ބޮޑުވެ, ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ. ގާބިލުކަމެއް ނެތް މީހުންނާއި އިހުލާސްތެރިކަމެއް ނެތް މީހުން މަތީ މަގާމުތަކުގައި ތިބުން އޮތީ އާއްމުވެފައެވެ. މިހެން ގޮސް ގައުމެއްގައި ހިނގަން ނުވާނެ ގިނަ ކަންކަން މި ގައުމުގައި ދިޔައީ އަދި ދަނީ ހިނގަމުންނެވެ.
އެކަންކަން އިސްލާހުކޮށް, ހެޔޮ ވެރިކަމެއް ކުރުމުގެ ފުރިހަމަ އާރާއިބާރު ރައީސް މުއިއްޒަށް ރައްޔިތުން ވަނީ ދީފައެވެ. ނަމަވެސް، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ވެސް ފެންނަނީ ކަންކަން އިސްލާހުކުރައްވަން އުޅުއްވުމަށް ވުރެ, ބާރުތައް އެއްކުރެއްވުން ފަދަ ދަނޑު ބޭރުގެ ކަންކަމާ މާ ބޮޑަށް އުޅުއްވާ ތަނެވެ.
މި ސަރުކާރަށް އަދި ދެ އަހަރު ނުވާއިރު އެފަދަ އެތައް ކަމެއް އެބަ ހިނގައެވެ. ޑޮލަރު މާރުކުރުމުގެ މައްސަލައިގައި ވިޔަފާރިވެރިންނާ ދެބަސްވި ހިސާބުން ކުއްލި ގޮތަކަށް, ކުޑަ ވަގުތު ކޮޅެއްގައި ތެރޭގައި ގާނޫނުއަސާސީ އިސްލާކޮށް, ރައްޔިތުން އިންތިޚާބުކުރި މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމިޓީއަކަށް ދިނީއެވެ.
އެއީ، ސީދާ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް އެތައް ގާނޫނީ ވަކީލުންނެއް ވިދާޅުވެ, އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދިޔަ ހިސާބުން ދެން ކަން ހިނގި ގޮތަކީ ވެސް, ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ހިތާމަވެރި މަންޒަރެކެވެ. ކުއްލި ގޮތަކަށް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްލީއެވެ. އެއަށް ފަހު ވަކިކޮށް މަގުމަތި ކޮށްލީ, ރީތި ގޮތަކަށް ނޫނެވެ.
އެ ހުރިހާ ބާރެއް އެއްކުރެއްވުމަށް ފަހު، މިހާރު ދެން ޓާގެޓަކީ މީޑިއާއެވެ. މީޑިއާތައް ކޮންޓްރޯލްކުރުމަށް ބިލެއް އަމިއްލަ މެންބަރެއްގެ ނަމުގައި ހުށަހަޅުއްވައި ފުރަތަމަ އެއީ ސަރުކާރުން ދެނެހުރި ކަމަކަށް ވެސް ނުހެދިއެވެ. ނަމަވެސް، އެންމެ ފަހުން ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމާއި މުޅި ސަރުކާރު ޑިފެންސަށް ކުޅުއްވައި އެ ބިލު ފާސްކުރަން ކުރަން ޖެހޭ ކަންކަން އެ ދަނީ ކުރައްވަމުންނެވެ. ބައެއް އިސް މަޖިލިސް މެންބަރުންނާއި ބައެއް މީޑިއާތަކާ މައްސަލަ އެބައޮތެވެ. އެހެންވީމާ ބާރު އޮތް ދުވަހު އެ ބާރު ދައްކަން އެ މެންބަރަކު ބޭނުންފުޅުވާނެއެވެ. އެކަމަކު، ވަކި ބޭފުޅެއްގެ ނުވަތަ ބައެއްގެ ޒާތީ ކަމަކަށް ވެރިކަމެއް ކުރުބާން ކުރައްވަނީ ކީއްކުރަންތޯއެވެ؟
ރައީސް މުއިއްޒުގެ މި ވެރިކަމުގައި ވެސް މި ފެންނަނީ އެހެން ވެރީން ހެއްދެވި ގޮސް ހަމަ ތަކުރާރުކުރައްވާ މަންޒަރެވެ. ދަނޑު ބޭރުން ކުޅުއްވައި, މުހިންމު ނޫން ކަންކަމާ އުޅުއްވުން މާ ގިނައީއެވެ. އޭގެ ސަބަބުން ގައުމު ހަލަބޮލިވުން ނޫން އިތުރު ކަމެއް ނުވެއެވެ. އޭގެ ބަދަލުގައި ހެޔޮ ނިޔަތަކާއެކު މަސައްކަތް ކުރައްވައި ގައުމުގެ ކަންކަން އިސްލާހުކުރައްވަން އެބަޖެހެއެވެ.
މިދިޔަ އަހަރު ސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގުނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ޖެއްސުންކުރުމުން ކަމަށް ސީދާ ވިދާޅުވީ ރައީސް މުއިއްޒެވެ. މި އަހަރަށް މި ސަރުކާރުން އެދުނު ގޮތަކަށް ސަރުކާރުގެ މެންބަރުން ބަޖެޓު ފާސްކޮށްދެއްވިއެވެ. ރައީސް ވިދާޅުވީ، އެ ބަޖެޓާއެކު މިއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވާނެ އަހަރު ކަމަށެވެ. ނަމަވެސް، އަހަރު ނިމެން ހަތަރު މަހަށް ވީއިރު އެފަދަ އެއްކަމެއް ވެސް އަދި ނުފެށެއެވެ. މާލެއާއި ރަށްރަށުގައި މަޝްރޫއުތަކެއް ނުހިނގައެވެ. އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކާއި އިގުތިސާދު އޮތީ ހުއްޓިފައެވެ. ޑޮލަރެއްގެ އަގު 20 ރުފިޔާއިން މައްޗެވެ. ބަޖެޓުގެ ހިސާބުތަކުން ފެންނަނީ ތަރައްގީއަށް ކަމެއް ނުކުރެވޭއިރު ވެސް ވަޒީފާތަކަށް މީހުން ގިނަވާތަނާއި މުސާރައަށް ކުރާ ހޭދަ އިންތިހާ އިތުރުވާ ތަނެވެ.
މިދިޔަ ދައުރުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅަކު މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސުން ހައްދަވާ އެންމެ ބޮޑު ގޯހަކީ ފުރަތަމަ ވެވަޑައިގެންނެވި ވައުދުތައް ފުއްދުވުމުގެ ބަދަލުގައި ދެވަނަ ދައުރެއް ހޯއްދެވުމަށް ފޯކަސް ކުރެއްވުން ކަމަށެވެ.
"އެހެންވީމާ މިވާ ގޮތަކީ ދުރުރާސްތާއަށް ވިސްނައި ރަނގަޅު ކަމެއް ވެސް ނުކުރައްވަނީ. ކަންކަން ދައްކަން މާ ބޮޑަށް ކަންކުރައްވަނީ. ވަގުތީ ކަންކަމަށް މާ ބޮޑަށް އިސްކަން ދެވެނީ," އެ ބޭފުޅާ ވިދާޅުވިއެވެ.
މިއަދު މެޖޯރިޓީ އޮތަތީ, އަދި އާރާއި ބާރު އޮތަތީ ބޭނުން ކަމެއް ކުރެވިދާނެއެވެ. ނަމަވެސް، އެއީ ވަގުތީ ކަމެކެވެ. ރާއްޖޭގެ މި ފަހުގެ ސިޔާސީ ވެއްޓަށް ބެލި ނަމަވެސް ރަސްރަސްކަލުންގެ ފެންވަރުގައި ތިބެފައި ހަމަ ބިމަށް ތިރިވި އެތައް ބޭފުޅުންނެއް އެބަ ތިއްބެވިއެވެ. ތިޔަ މެޖޯރިޓީއާއި އާރާއި ބާރަކީ ހިނދުކޮޅެއްގެ ކަމެކެވެ. އެ ގިނަ އިރަށް ބޭނުންވާނަމަ ކުރަންވީ ކަމަކީ ރަނގަޅު ޚިދުމަތެއް ކޮށްދެއްވުމެވެ.
އެހެންކަމުން މިއަދު ގައުމަށް ހަގީގަތުގައި ބޭނުންވަނީ ހިންގުމުގެ ނިޒާމު އިސްލާހުކުރުމެވެ. އިސްރާފު ކުޑަކުރުމެވެ. ކޮރަޕްޝަން ނައްތާލުމެވެ. ދުރުރާސްތާ ޕްލޭނަކަށް ގައުމު ތަރައްގީކުރުމެވެ. ނަމަވެސް، އޭގެން ކަމަކާ މާ ބޮޑަށް އުޅުއްވާ މަންޒަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި މުޅިންހެން މި އުޅުއްވަނީ ދަނޑުބޭރާ ކުޅުއްވާށެވެ. ނަތީޖާއަކަށް ވާނީ މެޗުގެ 90 މިނެޓް ހަމަވާއިރު މޮޅުނުވެ އޮތުމެވެ.