އަބުރު ރައްކާތެރިކުރަން ތާއީދު، ކަންބޮޑުވަނީ މި ހުރި ކަންކަމަށް

މީޑިއާ ފާސް އަޅައިގެން ހުރި ނޫސްވެރިއަކު ފަހަތަށް ޖައްސަނީ: ބިލުގައި އޮތީ އަބުރު ރައްކާތެރިކުރުމެއް ނޫން --- ސަން ފޮޓޯ/ އަހުމަދު ފިރްޔަލް

އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ކޮންމެ މީހެއްގެ އަބުރާއި، ކަރާމާތާއި، އިއްޒަތާއި، ޝަރަފު ނަގަހައްޓަން ކޮންމެ މުސްލިމަކު ވެސް ބޭނުންވާނެއެވެ. ނޫސްވެރިން އިސްތިސްނާއެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވި ފަދައިން ހިތުހުރި ކޮންމެ ވާހަކައެއް ދެއްކުމަކީ ޑިމޮކްރަސީއެއް ނޫނެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ ހިތުހުރި ކޮންމެ ވާހަކައެއް ލިޔަން ނުލިބުމެއް ނޫނެވެ. މި ފަތުރާ ވިސްނުންގޮތަށް ފިތުނަ ނުވިއްކޭނެތީއެއް ނޫނެވެ.

އާންމު ވިސްނުމަކުން ވިސްނާއިރު ސުވާލު ނުއުފެދޭހެއްޔެވެ؟

އެވެނި މީހަކީ ލާދީނީ މީހެކޭ، މިވެނި މީހަކީ ވަގެކޭ، އަނެއް މީހާއަކީ އެވެނި މިވެނި ކަމެއް ކުރި މީހެކޭ އެންމެ ގިނައިން ތުހުމަތުތައް ކުރި މީހުންނަށް އަބުރުގެ އިއްޒަތާއި ނަފުސުގެ ކަރާމާތް މިއަދު ކުއްލިއަކަށް ވިސްނުނީ ކީއްވެތޯ ވިސްނާލިންހެއްޔެވެ؟ މީގެ ކުރިން އެންމެ ހަޑިހުތުރު ބަސްތަކުން މީހުންނަށް މައްލަވަކޮށް ހެއްދެވި ސިޔާސީ ބޭފުޅުން މިއަދު އަނބިދަރީންނާ އެކު ޓީވީ ބަލައިލަން ނުކެރޭ ވިދާޅުވާތީ ކުޑަކޮށް ނަމަވެސް ހައިރާންނުވޭހެއްޔެވެ؟

https://sun.mv/211412

ރާއްޖޭގައި މެދުނުކެނޑި ނޫސްވެރިކަން ޕްރެކްޓިސްކުރާ އެންމެ ދުވަސްވީ ނޫސްވެރިން ހިމެނޭހެން 160 އެއްހާ ނޫސްވެރިން، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލާ މެދު ނޫނީ ކޮންޓްރޯލް ބިލާ މެދު މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރިއެވެ. އެ ހުރިހާ ނޫސްވެރިންނަކީ ވެސް ހަމަ މަޖިލީހަށް ވަޑައިގަންނަވާ ހިތުން އުޅުއްވި ބަޔަކީބާއެވެ؟ ނޫނީ ހަގީގީ ކަންބޮޑުވުންތަކެއް ހުރީބާއޭ ހިތަށް ނާރާހެއްޔެވެ؟

އިސްލާހުތަކެއް ގެނައި، އެކަމަކު ކަންބޮޑުވުންތައް ހައްލުވިތަ؟

ބިލުގެ ދިފާއުގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވެސް އެ ނޫން ބޭފުޅުން ވެސް ދައްކަވަނީ އަބުރު ރައްކާތެރިކުރުމުގެ ވާހަކައެވެ. މި ބިލުން އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިއްޖެހެއްޔެވެ؟ ހަގީގަތުގައި އަބުރު ހިމާޔަތްކުރަން ނޫސްތަކާއި ޓީވީތަކުން ވެސް ދޮގެއް ހަދައިފި ނަމަ، ކޮންމެ މީހަކަށް ވެސް ހިނގޭނެ ގާނޫނީ މަގު މިހާރު ވެސް، އިއްޔެ ވެސް އޮތެވެ.

އެކަމުގެ ހެއްކަކީ އަބުރުފުޅުގެ ދިފާއުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލައެވެ. އެއީ، އަބުރު ރައްކާކުރެވޭނެ ގާނޫނީ މަގު މިހާރު ވެސް އޮތްކަމުގެ ހެއްކެކެވެ.

https://sun.mv/211426

ކުރީގެ ނޫސްވެރިޔާ، މިހާރު އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވެސް އެއްބަސްވެލައްވައެވެ. ބިލު ހުށަހެޅިއިރު އޮތީ ކޮންޓްރޯލްކުރެވޭ ގޮތަށެވެ. އެކަމަކު، މިނިސްޓަރު ވިދާޅުވީ މިހާރު ކަންބޮޑުވުންތަކަށް ފަރުވާ ހޯދައިދެވިއްޖެ ކަމަށެވެ. ބެލެވެނީ އެއީ އޮޅިވަޑައިގަތުމެއް ކަމަށެވެ. ސަބަބަކީ، ކޮމިޓީ މަރުހަލާގައި ބިލަށް ގިނަ އިސްލާހުތަކެއް ގެނައި ނަމަވެސް ގިނަ ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގިނަ މާއްދާތަކެއް ބިލުގައި އެބަހުއްޓެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި މީޑިއާގެ އެންމެ މަތީ ވާޖިބު، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަތިވެރި ޒިންމާއަށް ހުރަސްއެޅޭ ފަދަ ހީލަތްތެރި މާއްދާތަކެއް އެބަހުއްޓެވެ. ނޫސްވެރިން ހަގީގަތުގައި ވެސް ކަންބޮޑުވަނީ އެ މާއްދާތަކާ މެދުގައެވެ. އަބުރު ކަތިލާ ހިތުންނެއް ނޫނެވެ.

ފާސްކުރިއިރު ވެސް ފަރުވާ ނުލިބި ހުރި ކަންބޮޑުވުންތައް:

ބިލުގެ 39 ވަނަ މާއްދާގައި ނޫސްވެރިކަން ކުރެވޭނެ ވަކި ހަމަތަކެއް ވަނީ ކަނޑައަޅާފައެވެ. އެއީ މުހިންމު ކަމެއް ނަމަވެސް ބިލު މިހާރު އޮތްގޮތުން ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މުޅި މާނަ އަނބުރާލަންވީއެވެ. ނުނިޔަތުގައި ވަކިވަކި މާއްދާތަކުގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށެވެ.

  • ހަމަތައް ބަޔާންކުރާ 39ވަނަ މާއްދާގެ ށ : ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން

ގައުމީ ސަލާމަތް އެއީ ވަރަށް ފުޅާ މާނައެއްގައި މާނަކުރެވިދާނެ ކަމެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ހާމަކުރުން އިސްތިސްނާކޮށްފައިވުމުން ކަންކުރާ ގޮތް އެއީ އެ ކަމުގެ ކުޑަކުޑަ މިސާލެކެވެ. މި ފަދަ މާއްދާތަކުގެ އާޚިރު ނަތީޖާ އާންމުންނަށްވުރެ ބޮޑަށް، އަވަހަށް ފެންނާނީ ނޫސްވެރިންނަށެވެ.

މިސާލަކަށް، ފުލުހުންނާއި ސިފައިންގެ ވެލްފެއާ ކޯޕަރޭޝަންތަކުން ޚިޔާނާތް ހިންގާކަމުގެ ތުހުމަތުތައް މި ފަހުން ވެސް ފެންމަތިވިއެވެ. އެ މާއްދާ މިހާރު އޮތް ގޮތުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނޭ ބުނެފައި އެ ވާހަކަދެއްކުން އެކީ ހުއްޓުވައި ވެސް ލެވިދާނެއެވެ.

https://sun.mv/205659

އެހެން މިސާލަކަށް ބަލާނަމަ، ސިފައިންގެއަށް އަގުބޮޑު ޓޭންކަރުތަކެއް މި ފަހުން ވެސް ގަތެވެ. އިގުތިސާދީ ހާލަތުގެ ސަބަބުން ޒަރޫރީ އެތައް ކަމެއް ނުވެފައި އާންމުން ތިއްބާ އެކަން ކުރުމުން، އެއީ މި ވަގުތަށް ކޮންމެހެން ބޭނުންވާ އެއްޗެއްތޯ ނޫސްވެރިއެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. ދާއިރާގެ މާހިރުންނާ އެ ސުވާލުތައް ކޮށްގެން ވެސް، ފުރިހަމަ ލިޔުމެއް ލިޔެވިދާނެއެވެ. އެކަމަކު، މިހާރު މި މާއްދާ އޮތްގޮތުން އެކަން ކޮށްފިނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ.

  • އެ މާއްދާގެ ރ: މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން

މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން، ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިސްތިސްނާނުވެ އޮތުމުން ކޮންމެ ގޮތަކަށް ވެސް މާނަކުރެވިދާނެއެވެ. އެއްވެސް ގޮތަކަށް ބައެއްގެ ޒާތީ ދިރިއުޅުމާއި އަބުރުގެ ނަގާލުމުގެ ފުރުސަތު ބަންދުވުމަށް ވުރެ ބޮޑަށް، މައުލޫމާތު ފޮރުވައި ސިއްރުކުރަން ހުޅުވޭ ދޮރަކަށް ވާތީއެވެ.

https://sun.mv/205679

އެ ކަމުގެ އެއް މިސާލަކީ ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތެވެ. އެއިން އެއްވެސް ބޭފުޅެއްގެ ނަމާއި މަގާމު ވެސް އެއީ ސިއްރެއް ކަމަށް ރައީސް އޮފީހުން ނިންމީ އެއީ ޒާތީ މައުލޫމާތެއް ކަމަށް ބަލައިގެންނެވެ. އެކަމަކު، އެއީ ސަރުކާރުގެ ސިޔާސީ މަގާމެއްކަމުން އާންމުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ނޫންހެއްޔެވެ؟

ވަކިކުރި މީހުން ސަރުކާރު ކުންފުނިތަކަށް 'ޓްރާންސްފާ' ކުރީއޭ ވިދާޅުވަނީ ސަރުކާރުގެ ވެރިންނެވެ. އެކަމަކު، ވަކިކުރީ ކޮން ބައެއްކަން ވެސް ސިއްރުކޮށްފައި އޮންނަ ނަމަ، އެކަން ސާބިތުކުރާނީ ކިހިނަކުން ހެއްޔެވެ؟ މި ފަދަ މާއްދާތަކުގެ ކަންބޮޑުވުމަކީ އެއީއެވެ.

މި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ގާނޫނާ އެއްގޮތްވާ ސުލޫކީ މިންގަނޑެއް ހަދަން ޖެހެއެވެ. ނޫސްވެރިކަން ކުރެވޭނެ ސުލޫކީ މިންގަނޑު އެންމެ ސާފުވާނީ އެ އާންމުކުރުމުންނެވެ. އެކަމަކު، ގާނޫނުގައި މިހާރު ވެސް އެ ގަވާއިދު އޮންނަން ވާނެ މިންގަނޑެއް ބަޔާންކޮށްފައި އެބައޮތެވެ. އެ މާއްދާތަކުގައި ވެސް މި ފަދަ، ނާޖާއިޒު ގޮތެއްގައި ބޭނުންކުރެވޭނެ ކިތަންމެ މާއްދާއެއް އެބަހުއްޓެވެ.

ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރާ 40 ވަނަ މާއްދާ:

  • ށ. ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާ އެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރަންވާނެ.

ނޫސްވެރިކަމަކީ ވަކި އަތަކަށް ޖެހިގެން ވެސް ކުރެވިދާނެ ކަންކަމެވެ. ދުނިޔެއަށް ބެލި ނަމަވެސް ފޮކްސް ނިއުސް، ސީއެންއެން ފަދަ ތަންތަން އެއީ އެކަމުގެ މިސާލެކެވެ. ރާއްޖެއަށް ބަލާނަމަ، ރާއްޖެ ޓީވީއާއި ޗެނަލް 13 ފަދަ ތަންތަނެވެ. މީޑިއާގެ ޒިންމާއަކީ ތެދު، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ. ވަކި ފިކުރެއް ޕްރޮމޯޓުނުކުރެވޭނެ ގޮތަށް އޮތުމަކީ މިނިވަން މީޑިއާގެ އުސޫލީ ހަމައެއް ނޫނެވެ.

  • ޅ. މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ، ނުވަތަ ކޮންމެ ވެސް ސިފައެއްގައި ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި، މުޖުތަމައުގައި ބޭނުންކުރަން އެކަށިގެންނުވާ ބަސްތަކާއި، އިޝާރާތާއި، ހަރަކާތާއި، އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން ނުވަތަ ޝާއިއުނުކުރުން.

https://sun.mv/199339

މިއީ ވެސް އެހާ ނުރައްކާތެރި، އެހާ ފުޅާ މާނައެއްގައި މާނަކުރެވިދާނެ މާއްދާއެކެވެ. މިސާލަކަށް، ރައްޔިތުންގެ އިއްޒަތްތެރި މަޖިލީހުގެ މެންބަރުން ތިއްބަވަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފާނެއެވެ. އަދި، ޓީވީއެއްގެ ޕްރޮގްރާމެއްގައި މީހަކު އެފަދަ މޭރުމަކުން ވާހަކަދައްކައިފާނެއެވެ. މި މާއްދާ އޮތްގޮތުން އެއީ ފިޔަވަޅު އެޅިދާނެ ނުރައްކާތެރި ކަމެކެވެ.

  • ވ. ފަރުދުންގެ މިނިވަންކަމަށް އިހުތިރާމުކުރުން

މި މާއްދާގެ ވެސް ކަންބޮޑުވުމަކީ ދައުލަތުގެ މަގާމުތަކާއި، އިންތިޚާބީ މަގާމުތަކާއި، ރައްޔިތުންގެ މަސްލަހަތާ ގުޅިފައި ހުންނަ ކަންކަމާއި ބޭފުޅުން އިސްތިސްނާކޮށްފައި ނެތުމެވެ. ވަރަށް ފުޅާކޮށް މާނަކުރެވޭ ގޮތަށް، ވަކިވަކި އަކުރުތަކުގައި ބަސްތައް ލިޔެފައި އޮތުމެވެ.

https://sun.mv/205184

މިސާލަކަށް، މަޖިލީހުގެ މެންބަރަކު ވަގުވަގަށް ސުލޫކީ ގޮތުން އޭނާއާ ނުބައްދަލު އަމަލެއް ހިންގަނީއެވެ. މި މާއްދާ ވަރަށް ފުޅާކޮށް މާނަކޮށްފި ނަމަ، އެއީ އޭނާގެ އަމިއްލަ މިނިވަންކަމޭ ބުނެވިދާނެއެވެ. އެއަށް އިހުތިރާމުކުރުމުގެ ގޮތުން އެ ވާހަކަ ޝާއިއުކުރި މީޑިއާއަށް ފިޔަވަޅު އެޅިދާނެއެވެ. އެކަމަކު، އެއީ އާންމުންނާ ގުޅުމެއް ނެތް، ނޫނީ އެނގެން ނުވާނެ މައުލޫމާތަކަށް ހެދިދާނެހެއްޔެވެ؟ ނުހެދޭނެއެވެ.

  • ފ. ދޮގު މައުލޫމާތާއި ޚަބަރު ނުފެތުރުން

މިއީ ވެސް އެހާ ނުރައްކާތެރި މާއްދާއެކެވެ. އާންމު ވިސްނުމަކުން ވިސްނައިފި ނަމަ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު، ތަންކޮޅެއް ފުޅާކޮށް ވިސްނާލުމުން ވަރަށް ބޮޑެތި ގޯސްތައް ފެންނާނެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާއަކީ ވަކި ދެ ބާރެކެވެ. ޝަރީއަތް ހިމެނޭހެން ދައުލަތް ހިންގުމުގެ ތިން ބާރަކީ ގާނޫނުއަސާސީގައި ސާފުކޮށް ލިޔެގެން ވަކިވަކިކޮށްފައި، މިނިވަންކޮށް އޮންނަ ތިން ބާރެވެ. އެކަމަކު، ހަގީގަތުގައި އެ ތަންތަން މިނިވަންހެއްޔެވެ؟

https://sun.mv/207363

މި މާއްދާ އޮތް ގޮތުން މިހާރު މި އޮތް މަޖިލީހަކީ 'ރަބާ ސްޓޭމްޕް' ޖަހާ މަޖިލީހެކޭ ބުނުމުން ވެސް ފިޔަވަޅު އެޅިދާނެއެވެ. ސަބަބަކީ، އުސޫލެއްގެ ގޮތުން މަޖިލީހަކީ މިނިވަން ތަނެކެވެ. ގާނޫނުއަސާސީގައި އެހެން އެބައޮތެވެ. އަޑިއަޑިން ހިނގާ ކަންކަން އެއީ ހުސް 'ދޮގެވެ'.

އެ އެކަންޏެއް ނޫނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ ސަރުކާރުން ބުނި 922 އެއް ނޫނޭ ނޫސްވެރިއަކު ލިޔެދާނެއެވެ. އޭނާގެ ލިޔުމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް އެތައް ބަޔަކު ސިޔާސީ ނުފޫޒުން، އެއްވެސް ޒިންމާއެއް އަދާކުރަން ނުޖެހޭ މަގާމުތަކުގައި އެބަތިއްބެވިއޭ ލިޔެދާނެއެވެ. މި މާއްދާ މިހާރު އޮތް ގޮތުން އެއީ ދޮގެއް ކަމަށް ނިންމާ ފިޔަވަޅު އެޅިދާނެއެވެ.

އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމާ ބެހޭ 42 ވަނަ މާއްދާ:

  • ހ. މައްސަލައިގެ ހަގީގަތާއި، އެ ހަގީގަތުގެ މައްޗަށް މީހަކު ފާޅުކުރާ އެ މީހެއްގެ އަމިއްލަ ޚިޔާލު، ދެ ކަންތައް ތަފާތުކޮށް އެނގޭ ގޮތަށް ހާމަކުރުން.

މީގެ މާނައަކީ ކޮބައިބާވައެވެ؟ މިސާލަކަށް ސިޔާސީ މުވައްޒަފުންގެ އަދަދެވެ. ހަގީގަތަކަށް ވާނީ އުސޫލެއްގެ ގޮތުން 922 އެވެ. އެއީ، ހަގީގަތް ކަމަށް ބަލައިގެން ނޫސްވެރިއަކު ލިޔުމެއް ލިޔާއިރުގައި އަސްލު ކަންވެފައި އޮތްގޮތް ދެން އޮންނަންޖެހޭނީ އަމިއްލަ ޚިޔާލެއްގެ ގޮތުގައި ނޫންހެއްޔެވެ؟

  • ނ. މައްސަލައިގެ ހަގީގަތެއް ހާމަކުރާއިރު، އެއީ ތެދު މައުލޫމާތު ކަމަށް ނުބެލެވޭ ގޮތަށް ނުވަތަ ހަގީގަތުގެ ސައްހަކަމާ މެދު ޝައްކު އުފެދޭ ގޮތަށް، ނުވަތަ ހަގީގަތް ތެދެއް ކަމަށް ބެލެވޭ ކަމެއް ހާމަކޮށްދެވޭ ގޮތުން ތެދަށްވުރެ ބޮޑަށް ދޮގުކަމަށް ބެލެވޭ ގޮތަށް މައުލޫމާތު ހާމަނުކުރުން.

https://sun.mv/208664

މި ކަމުގައި ވެސް އެންމެ ފަސޭހައިން ވިސްނާލެވޭނެ އެއް މިސާލަކީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. އުސޫލެއްގެ ގޮތުން، އެ އަދަދު ޖަހާއިރުގައި، "މިހެން ބުނި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ބޭނުމަށް ވަޒީފާ ދޭކަމުގެ ކަންބޮޑުވުން އޮވެއެވެ." މި ޖުމުލައާ ދޭތެރޭގައި ވެސް ފިޔަވަޅު އެޅިދާނެ ނޫންހެއްޔެވެ؟

އަދި، މިސާލަކަށް ކަނޑު އަޑީގެ ބިއްލޫރި ޓަނަލެއް އަޅަން ރައީސް ވައުދުވެލެއްވުމުން އެއީ ނުވާނެ ކަމެކޭ ނޫސްވެރިއަކު، ދާއިރާގެ އެކްސްޕާޓުންގެ ބަހާ އެކު ލިޔެދާނެއެވެ. އެ ހާލަތުގައި ތެދާއި ދޮގު ނިންމާނީ ކިހިނެއްހެއްޔެވެ؟

  • ބ. އެއްވެސް ފަރާތެއްގެ އަބުރުވެރިކަމުގެ ގޮތުގައި އަމިއްލަ މައުލޫމާތު އަދި އޭނާގެ އަބުރަށް ނުވަތަ ގަދަރަށް އުނިކަން އަތުވެދާނެ ފަދަ ނުވަތަ މީހުންނަށް ކަންކަން އޮޅިދާނެ ފަދަ ހަގީގަތެއް ނެތް ވާހަކަ ހާމަނުކުރުން.

މި މާއްދާއިން ވެސް ނޫސްވެރިކަމުގެ މިންގަނޑުން ކަންބޮޑުވުންތައް ފެންނާނެއެވެ. މިސާލަކަށް، ވެރިއެއްގެ ގެކޮޅުގައި ބޭއަދަބީ ކަމެއް ހިނގީއެވެ. އެ ބޭފުޅާގެ ނުފޫޒުން އެކަން ފަސްއަޅައި ފޮރުވަނީއެވެ. އެ ވާހަކަ އިދާރާތަކުން ވެސް ސިއްރުކޮށްދެނީއެވެ. އެއީ، ހަމަ ހަގީގަތުގައި ހިނގި ކަމެއް ވިޔަސް މީޑިއާއަށް އެ މައުލޫމާތު، ހެއްކާ އެކު ހާމަ ނުކުރެވޭނެހެއްޔެވެ؟ ނޫނީ އެ ހާލަތުގައި ތެދާއި ދޮގު ނިންމާނީ ކިހިނަކުން ހެއްޔެވެ؟

އިދާރާތަކާއި ރަސްމީ ގޮތުން ދޭ މައުލޫމާތަކީ ދޮގަކަށްވާ ހާލަތެއް އަތުވެއްޖެ ނަމަ، ދެން ވާނީ ކިހިނެއްހެއްޔެވެ؟ ކަންބޮޑުވުމަކީ އެއީއެވެ.

ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާ މަތިކުރާ 44 ވަނަ މާއްދާ:

  • ހ. ކަނޑައެޅިގެން ދޮގުކަން އެނގޭ، ނުވަތަ އެއީ ދޮގަކަށް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ބޮޑު މައުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތަކުން ހާމަނުކުރުން.

https://sun.mv/202961

މިއީ ވެސް އެހާމެ ފާޑެއްގެ އަކުރެކެވެ. ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެ އޮތީ ވަރަށް ފަހިކޮށެވެ. ނޫސްވެރިން ކަންބޮޑުވަނީ އެ މާއްދާއިން އެ ފުރުސަތު ފަހިވާތީއެވެ. ދޮގު ހެދުން މަނާވުމަށް ވުރެ ބޮޑަށް، ބައެއް ކަހަލަ ހަގީގަތްތައް ވަންހަނާކޮށް، ފޮރުވުމުގެ ފުރުސަތު ލިބެނީއެވެ.

މިސާލަކަށް، ޖުޑިޝާރީއާއި މަޖިލީސް މިނިވަނެއް ނޫނޭ ސިޔާސީ ބޭފުޅަކު ވިދާޅުވެދާނެއެވެ. ތިން ބާރު އޮތީ މަސްހުނިކޮށްލާފައޭ ވެސް ތުހުމަތުކުރައްވައިފާނެއެވެ. މި މާއްދާ އޮތް ގޮތުން، އެ ވާހަކަ ލިޔުމުން ވެސް ނޫސްތަކަށް ފިޔަވަޅު އެޅިދާނެއެވެ. އެއީ، ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ތިން ބާރު އޮންނާނީ ވަކިވެފައޭ ބަޔާންކޮށްފައި އޮތީމައެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ދޮގެއް ކަމަށް ނިންމާފައި ފިޔަވަޅު އަޅަންވީއެވެ.

  • ށ. މީޑިއާއަށް ލިބޭ މައުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތު އޮވެ، އެކަން ކަށަވަރުކުރަން އެކަށިގެންވާ މަސައްކަތެއް ނުކޮށް، އެ މައުލޫމާތު ހާމަކުރުން.

މި މާއްދާއަކީ ވެސް ހަނި ވިސްނުމަކުން ވިސްނައިފި ނަމަ ވަރަށް ރަނގަޅު މާއްދާއެކެވެ. އެކަމަކު، ރަނގަޅަށް ވިސްނާލީމާ ކަންބޮޑުވުންތަކެއް ވެސް ފެންނާނެއެވެ.

https://sun.mv/196059

މިސާލަކަށް، ކުރިން ބަޔާންކުރި ގޮތަށް، ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކިކުރި ކަމަށް އިއުލާނުކުރެއްވި ބޭފުޅުން ތިއްބެވީ ކުންފުނިތަކުގައޭ ނޫސްވެރިއަކު ލިޔެދާނެއެވެ. އެންމެ ފަސޭހައިން އެ ވާހަކަ ސާބިތުކޮށްދެވޭނެ ގޮތަކީ، ވަކިކުރި މީހުންގެ ނަންތައް އެނގުމެވެ. އެކަމަކު، އެއީ ޒާތީ މައުލޫމާތެއް ކަމުން އޮތީ ސިއްރުކުރެވިފައެވެ. ދެން އޮންނާނީ އެނގިލައްވާނެ ބޭފުޅުން ގާތުން މައުލޫމާތު ސާފުކުރެއްވުމެވެ. ނަން ނުޖަހާގޮތަށް މައުލޫމާތު ދެއްވިޔަސް ރަސްމީ ހައިސިއްޔަތުން ޗުއްޕު ވެސް ވިދާޅެއް ނުވާނެއެވެ. ދޮގު ވެސް ކުރައްވައިފާނެއެވެ.

އެ ހާލަތުގައި ރަސްމީކޮށް މައުލޫމާތު ނުލިބޭނެއެވެ. ޖެހޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާށެވެ. އެ ވަރުން ވެސް ނުދީފިއްޔާ ކޯޓަށް ދާށެވެ. އެކަމަކު، ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ކޯޓުގައި އޮތީ ހުއްޓިފައެވެ. ނުހިނގައެވެ. އެހެންވެ، އެއްގޮތަކަށް މައްސަލަ ނުނިމިގެން، އެ ވާހަކަ ލިޔުމުން ވެސް 'އެކަށިގެންވާ މަސައްކަތެއް ނުކުރާ' ކަމަށް ނިންމިދާނެއެވެ. އެ ފުރުސަތު އެބައޮތެވެ.

މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ: އެ ބިލު ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި -- ފޮޓޯ/ އަނޫފް ޖުނައިދު، ދައުރު

ބިލުގައި ހުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކަކީ އެއީއެވެ. ހުރިހާ ކަންބޮޑުވުމެއް ނޫނެވެ. ނޫސްވެރިން ކަންބޮޑުވެގެން އުޅެނީ އެ ކަންކަމާއެވެ. އެއްވެސް ގޮތަކަށް، އަބުރު ހިމާޔަތްކުރާތީއަކީ ނޫނެވެ. ނުނިދިގެން އުޅެނީ ފިތުނަ ނުއުފެއްދިދާނެތީއަކީ ވެސް ނޫނެވެ.

އެ ވަކިވަކި މާއްދާތަކުން މިނިވަން ނޫސްވެރިކަމަށް މި ބުނާ ފަދަ އަސަރުތައް ކުރާނެތީއެވެ. ބާރުތައް ޖަވާބުދާރީކުރުވަން ހުރަސްއަޅަން ދޮރު ހުޅުވޭތީއެވެ.

ގާނޫނުގެ ދަށުން ހަދާ 'މިނިވަން' ކޮމިޝަނަކުން މައްސަލަތައް ނިންމާ، އުސޫލު ހަދައި، ގޮތްކިޔަސް، އާންމުކޮށް އެ ކޮމިޝަންތަކަށް ވާގޮތް ފެންނަން އެބައޮތެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިސާލަކަށް ފުދެއެވެ. އެ ތަން އެބަ ހިނގާ ހެއްޔެވެ؟ ކޮރަޕްޝަން އެބަ ހުއްޓުވޭހެއްޔެވެ؟ ވެރިންގެ އެއްވެސް ނުފޫޒެއް އެ ކޮމިޝަންގައި ނެތްހެއްޔެވެ؟

އަބުރު ރައްކާތެރިކުރަން ތާއީދެވެ. އެކަމަކު، މި ބިލުގައި މިއީ އެ ކަމެއް ނޫނެވެ. މިއީ މަޖިލީސް ގޮތަށް މީޑިއާތައް ވެސް ކޮންޓްރޯލްކުރުން ނޫންހެއްޔެވެ؟ ކަންބޮޑުވުމަކީ އެއީއެވެ.

comment ކޮމެންޓް