18 ގަޑިއިރު ފަސް: ގިނަ ވަޒީރުންތަކެއް އެއް ފަހަރާ ޞާލިހަށް ހޫނު ރައްދެއް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ކުރެއްވި ޓުވީޓަށް 18 ގަޑިއިރުވީ ފަހުން، ގިނަ ވަޒީރުންތަކެއް އެއް ފަހަރާ މިއަދު ރައްދުދެއްވައިފިއެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުން ދަނިކޮށް، އަދި ބިލާ ދެކޮޅަށް ތަޅުމުގައި އަޑުގަދަ ކުރި އެމްޑީޕީގެ މެންބަރުން ނެރުމަށްފަހު މީޑިއާ ބިލު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްއެވެ.

އެ ބިލު ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލު ދިފާއު ކުރެއްވީ ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި ޕީއެންސީގެ މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުންނެވެ.

އެ ބިލު ފާސްކުރުމާ ގުޅިގެން ޞާލިޙް ރޭ 20:04ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލުގެ މަސައްކަތްތައް އަވަސް ކުރެއްވި ކަމަށެވެ. އަދި ނޫސްވެރިންނާއި އިދިކޮޅު ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތަކުންނާއި އާންމުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ބިލް ފާސްކުރި ގޮތުން، ސަރުކާރުން ޑިމޮކްރެޓިކް ހައްގުތަކަށް ސަމާލުކަން ނުދޭ މިންވަރު ހާމަވާ ކަމަށް ޞާލިޙް ލިޔުއްވާފައިވެއެވެ.

އެ ޓުވީޓަށް 18 ގަޑިއިރުވީ ފަހުން، މިއަދު މެންދުރުގެ މިހާތަނަށް ހަތް ވަޒީރަކު ވަނީ މީޑިއާ ބިލު ދިފާއުކުރައްވައި ޞާލިޙަށް ރައްދު ދެއްވައިފައެވެ. އެ ބޭފުޅުން ރައްދު ދެއްވަން ފެއްޓެވީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ބިލުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިނުވާ ކަމަށާއި ނަމަވެސް ޒިންމާދާރު ނޫސްވެރިކަން ކުރަން ބާރުއަޅާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: ރައީސް ޞާލިޙް ވަނީ މީޑިއާ ބިލުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

އޭގެ ތެރެއިން، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރެއްވި ޕޯސްޓުގައި ވަނީ އިސްލާމު ދީނުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނާގެ ކަރާމާތަށް ކަމަށާއި، ބިލުން ރައްޔިތުން ރައްކާތެރިކޮށްދޭ ކަމަށެވެ. އަދި މިނިވަންކަން ބޭނުންކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރުކުރި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުކޮށް އަމިއްލަ ޓުވީޓުތައް ނުކުރައްވާ އަދި ނޫސްވެރިންނާ ވަރަށް ބީރައްޓެހި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ މީޑިއާ ބިލް ފާސްކުރީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަކޮށްފައި ކަމަށާއި، މީޑިއާތަކަށް ފުރުސަތުތައް ލިބޭ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީޑިއާ ބިލުން އެހެން މީހުންގެ ހައްގުތައް ވެސް ރައްކާތެރިކުރުމާއެކު، ނޫސްވެރިންނަށް ބާރުތައް ލިބިދޭ ކަމަށެވެ. އެއީ ރައީސް ޞާލިޙްގެ ސަރުކާރާ އަޅައިބަލާއިރު ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ، ހެއްކާ ބެހޭ ބިލް އެ ސަރުކާރުގައި ސުޕަމެޖޯރިޓީން ފާސްކުރީ މީޑިއާތަކުން ދެކޮޅު ހަދަމުން ދަނިކޮށްކަން ފާހަގަކުރައްވައިފައެވެ.

ހަމައެއާއެކު އިހުސާންވަނީ، މިދިޔަ ސަރުކާރުގައި އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރިކަން ފާހަގަކުރައްވައިފައެވެ. މި ސަރުކާރުގައި ވެސް، އެއް ދުވަސް ތެރޭ މަޖިލީހަށް ބިލެއް ހުށަހަޅައި، ފާސްކޮށް، ރައީސް ހަމަ އެ ދުވަހު ތަސްދީގުކުރައްވައިގެން ގާނޫނުއަސާސީ ބަދަލުކޮށްފައިވެއެވެ. އެއީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހެވެ.

ޞާލިޙަށް ދެއްވި ރައްދުގައި ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވީ ޑިމޮކްރަސީއެއް ދިރެނީ އެންމެން ވެސް ޒިންމާދާރުކުރުވައިގެން ކަމަށެވެ. އެގޮތުން މީޑިއާ ބިލް ފަރުމާކޮށްފައިވަނީ ހަމަހަމަކަމާއި ދެފުށްފެންނަ ކަމާއި ޒިންމާދާރުކަން ކަށަވަރުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އިގުތިސާދީ ހަމަޖެހުމާއި އިންވެސްޓަރުންގެ އިތުބާރު ހޯދުން ފަދަ ކަންކަމަށް މުހިންމު ކަންތައްތައް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވަނީ، ބިލާ ގުޅޭ ގޮތުން ޞާލިހް ވާހަކަދައްކަވަނީ އެހެން މީހުންނަށް މައުލޫމާތު އޮޅޭ ގޮތަށް ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ.

އޭގެ އިތުރުން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު އައިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވަނީ، ނޫސްވެރިން ޒިންމާދާރުކަމާއެކު މަސައްކަތްކުރާކަން ބިލުން ކަށަވަރުކޮށްދޭ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/211439

ސަރުކާރުގެ ތާއިދާއެކު މީޑިއާ ބިލް ފާސްކުރިއިރު، އެ ބިލާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް ފޮނުވި ޕެޓިޝަން މަޖިލީހުން ވަނީ ބޭރުކޮށްފައެވެ. އަދި ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހުށަހެޅި އިސްލާހުތަކުން، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަށް ސަރުކާރު މެންބަރުން އަންނަނީ ބުނަމުންނެވެ.

ނޫސްވެރިން ވަނީ އެ ބިލުގައި އަދިވެސް ކަންބޮޑުވާ ކަންތައްތައް ހުރި ކަމަށް ބުނެ، ބިލާ ދެކޮޅަށް ސިލްސިލާ ހަރަކާތްތައް ކުރާނެ ކަމަށް ބުނެފައެވެ. އަދި ރައީސް ބިލް ތަސްދީގުނުކުރެއްވުމަށް ނޫސްވެރިން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް