އެމެރިކާގެ މަޝްހޫރު އައިސްކްރީމް ބްރޭންޑް ބެން އެންޑް ޖެރީއާއި ބެލެނިވެރި ކުންފުނި، ޔުނިލިވާއާއި ދެމެދު ޣައްޒާ ހަނގުރާމާއާ ގުޅިގެން އޮތް ހިތްހަމަނުޖެހުންތައް އިތުރުވެ، އެ ބްރޭންޑުގެ އެއް ފައުންޑާ ޖެރީ ގްރީންފީލްޑް އިސްތިއުފާ ދީފިއެވެ.
ޖެރީ ވަނީ އެ ބްރޭންޑުގެ ކޯ ފައުންޑާގެ ގޮތުގައި ގާތްގަނޑަކަށް 50 އަހަރު މަސައްކަތްކޮށްފައެވެ.
ޖެރީގެ ވިޔަފާރީގެ ބައިވެރިޔާ ބެން ކޯހެން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޖެރީ އިސްތިއުފާ ދިނީ ޔުނިލިވާއިން އިޖްތިމާއީ މައްސަލަތަކާއިމެދު ޚާއްސަކޮށް އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ދެކޮޅަށް އެ ބްރޭންޑުން ކުރާ މަސައްކަތްތަކާ ދެކޮޅު ހަދާ ކަމަށް ތުހުމަތުކޮށްފައެވެ.
ޖެރީ ބުނީ ބްރޭންޑްގެ އިޖުތިމާއީ މިޝަން ރައްކާތެރި ކުރުމަށް އެގްރީމަންޓެއް ހަދާފައި އޮތް ނަމަވެސް އަނގަ ބަންދުކޮށް އެއްޗެއް ބުނުމުގެ ހައްގު ނުދޭ ކުންފުންޏެއްގެ ދަށުން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
ބެން އެންޑް ޖެރީ އާއި ޔުނިލިވާއާ ދެމެދު ފުރަތަމަ މައްސަލަ ޖެހުނީ 2021 ވަނަ އަހަރު އެ ބްރޭންޑުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އުފެއްދުންތައް ވިއްކުން ހުއްޓާލާނެ ކަމަށް ބުނުމުންނެވެ.
އޭގެފަހުން އިސްރާއީލުގައި އެ މީހުން ހިންގާ ވިޔަފާރިތައް އިސްރާއީލުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް ވިއްކާލައި، ހުޅަނގު އައްސޭރިއާއި އިސްރާއީލުގައި މާކެޓިން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމުން ބެން އެންޑް ޖެރީން ވަނީ ޔުނިލިވާގެ މައްޗަށް ދައުވާކޮށްފައެވެ. ނަމަވެސް އެއްބަސްވުމެއް ދަށުން އެ ދައުވާ 2022 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.
ނަމަވެސް އެ އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށްބުނެ މިދިޔަ އަހަރު ބެން އެންޑް ޖެރީން އަނެއްކާ ވެސް ވަނީ ޔުނިލިވާގެ މައްޗަށް ދައުވާކޮށްފައެވެ.

ބެން އެންޑް ޖެރީ ބްރޭންޑުގެ އައިސްކްރީމް. ފޮޓޯ/އޭއެފްޕީ
އެ ދައުވާގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން ބެން އެންޑް ޖެރީގެ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ބެން އެންޑް ޖެރީގެ މިނިވަން ބޯޑުގެ އަސާސީ ޒިންމާ އޮންނަ ކަމަށް ގަބޫލުކޮށް އިހުތިރާމް ކުރަންޖެހެއެވެ. ނަމަވެސް ބެން އެންޑް ޖެރީ އިން ހަތަރު ފަހަރެއްގެ މަތިން ސުލްހައާއި އިންސާނީ ހައްގުތަކަށް ތާއީދުކޮށް ވާހަކަ ދައްކަން މަސައްކަތްކޮށްފައިވާ ކަމަށާއި އެއިން ކޮންމެ ފަހަރަކުވެސް ޔުނިލިވާއިން އެކަން ހުއްޓުވާފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެއެވެ.
އެގޮތުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ފަލަސްތީނުގެ ރެފިއުޖީން އިނގިރޭސިވިލާތަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ތާއީދުކޮށް، ޣައްޒާގައި އާންމުން މަރުވުމާ ދެކޮޅަށް އެމެރިކާގެ ކޮލެޖުތަކުގައި މުޒާހަރާކުރާ ދަރިވަރުންނަށް ތާއީދުކޮށް، އިސްރާއީލަށް އެމެރިކާއިން ދޭ އަސްކަރީ އެހީ ހުއްޓުވުމަށް ވަކާލާތުކުރަން މަސައްކަތްކުރި ނަމަވެސް ޔުނިލިވާއިން އެކަން ހުއްޓުވާފައިވާ ކަމަށް ބެން އެންޑް ޖެރީއިން ބުނެފައިވެއެވެ.
ނަވާރަ ސަތޭކަ ހަތްދިހަ އަށް ވަނަ އަހަރު ބެން ކޯހެން އާއި ޖެރީ ގްރީންފީލްޑް އުފެއްދި ބެން އެންޑް ޖެރީން އަކީ އިޖުތިމާއީ ކަންކަމުގައި އަޑުއުފުލާ ކުންފުންޏެކެވެ.
ޔުނިލިވާގެ އުފެއްދުންތަކުގެ ތެރޭގައި ޑޯވް ސައިބޯނި، ހެލްމަންގެ މެޔޮނައިޒް، ނޯ ބޮއިލޮން ކިއުބްސް، ސާފް ޑިޓާޖެންޓް އަދި ވެސްލިން ޕެޓްރޯލިއަމް ޖެލީ ހިމެނެއެވެ.