އެންމެ ތުނި، އެންމެ ވަރުގަދަ އައިފޯން ލެނބޭތަ؟

އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ތުނި އައިފޯން -- އައިފޯން އެއާ

އެޕަލްއިން އެންމެ ފަހުން ނެރުނު، އެންމެ ތުނި އައިފޯން ލެނބިދާނެތޯ ނުވަތަ ނޫންތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އައިފޯން އެއާގެ ބޯމިނުގައި 5.6 މިލިމީޓަރު ހުންނައިރު، މީގެ ކުރިން ބެންޑުވުމުގެ މައްސަލަތައް ކުރިމަތިވި އައިފޯން 6 އަށްވުރެ ވެސް މި ފޯނު ތުނިކަން ފާހަގަވެއެވެ.

އައިފޯން 6ގެ ބޯމިނުގައި 6.9 މިލިމީޓަރު ހުރުމާއެކު، އެ ފޯނު ބެންޑްވުމުގެ މައްސަލަތައް ކުރިމަތިވެފައިވެއެވެ. ޚާއްސަކޮށް ޔޫޓިއުބް ވީޑިއޯތަކުގައި ބާރުގެ ބޭނުންކޮށްގެން ފޯނު ބެންޑްކޮށްލާ މަންޒަރުތައް ފެނިފައިވެއެވެ. ނަމަވެސް އައިފޯން އެއާ ތަފާތެވެ.

ޓޮމްސް ގައިޑްގައި އެޕަލްއިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި، އައިފޯން އެއާ ވަނީ 130 ޕައުންޑްގެ ޕްރެޝަރު ދޭ މެޝިނަކަށްލައިގެން ޓެސްޓުކޮށްފައެވެ. އެ ފޯނު މެޝިނަށްލައި، ޕްރެޝަރު ދިނުމުން ފުރަތަމަ ލެނބޭ މަންޒަރު ފެނެއެވެ. ނަމަވެސް ޕްރެޝަރު ދިނުން ހުއްޓާލުމާއެކު، ކުރިން ހުރި ގޮތަށް ފޯނު ބަދަލުވެއެވެ.

މިކަމުން ދައްކަނީ އައިފޯން އެއާ އަކީ ގިނަ ކަންކަމުގައި، ނުވަތަ ހުރިހާ ޙާލަތެއްގައި ވެސް ބެންޑް ނުވާނެ ފޯނެއް ކަމެވެ. ނަމަވެސް މިކަން ކަށަވަރު ކުރުމަށް، އެޕަލްއާ އެއްވެސް ގުޅުމެއް ނެތް މީހުން ކުރާ ޓެސްޓުތަކަށް އިންތިޒާރު ކުރަންޖެހެއެވެ.

އައިފޯން 6 ބެންޑުވީ ގޮތަށް އައިފޯން އެއާ ބެންޑްނުވާނެ ކަމަށް ބުނެވޭ އެއް ސަބަބަކީ، އައިފޯން އެއާގައި ޓައިޓޭނިއަމް ފްރޭމެއް ހުރުމެވެ. އައިފޯން 6 ގައި ހުރީ އެލުމިނިއަމް ފްރޭމެކެވެ. އެޕަލް އިން ބުނާ ގޮތުގައި، އައިފޯން އެއާއަށްވަނީ އެ ކުންފުނީގެ "ބެންޑް ސްޓްރެންތް ރިކުއާމަންޓްސް" އަށްވުރެ މަތީ ފެންވަރެއް ލިބިފައެވެ. އަދި އެއީ މިހާތަނަށް އުފައްދާފައިވާ އައިފޯންތަކުގެ ތެރެއިން އެންމެ ވަރުގަދަ ފޯނު ކަމަށް އެޕަލްއިން ބުނެއެވެ.

މީގެ އިތުރުން، އައިފޯން 17 މޮޑެލްތަކުގައި ބޭނުންކޮށްފައިވާ ސެރަމިކް ޝީލްޑް 2 ފްރަންޓް ކަވަރުގެ ސްކްރެޗް ރެސިސްޓެންސް ޓެސްޓުކުރާ ވީޑިއޯތަކާއި، އައިފޯން 17 ޕްރޯ ޑްރޮޕް ޓެސްޓުކުރާ ވީޑިއޯތައް ވެސް މިހާރުވަނީ އާންމުކޮށްފައެވެ.

މި ވީޑިއޯތައް އެޕަލް އިން ނެރެފައިވާ ވީޑިއޯތަކަށް ވާތީ، ނަތީޖާތައް އެކުންފުންޏަށާއި، ފޯނަށް ފައިދާހުރި ގޮތަކަށް ހުރުން އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ކުންފުނިން ބޭރުން މީހުން އަމިއްލައަށް އިސްނަގައިގެން ވެސް މިކަންކަން ކަށަވަރު ކުރާން ޖެހެއެވެ.

comment ކޮމެންޓް