އިންނާނެ ކަމަށް ބުނެ ދިވެހި އަންހެނަކަށް ލަނޑުދީ، ފައިސާ ހޯދި މީހަކު ބަންދަށް

މަގުމަތީގައި ދެ މީހުން: އިންނާނެ ކަމަށް ބުނެ ދިވެހި އަންހެނަކަށް ލަނޑުދިން މައްސަލައެއްގައި ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ

ކައިވެނިކުރާނެކަމުގެ ދަޅަ ދައްކައިގެން، އަންހެނެއް އަތުން އޮޅުވާލައިގެން ފައިސާތަކެއް ހޯދި މީހަކު ގޭބަންދުކުރަން ހުކުމްކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ ދިވެހި ފިރިހެނަކު، ހަމަ އެ ސަރަހައްދުގެ އެހެން ރަށެއްގެ އަންހެނަކަށް، ކައިވެނިކުރާނެކަމުގެ ދަޅަ ދައްކައިގެން އެކި ގޮތްގޮތުން ފައިސާ ހޯދައި އުޅުނު މީހެއްގެ މައްސަލައެވެ.

މި މީހާގެ މައްޗަށް ދައުލަތުން، ޓެކުމުގެ ކުށުގެ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް އުފުލިއެވެ. މި ދެ މައްސަލަ ވެސް މިދިޔަ ހަފުތާގައި، އެ ފިރިހެން މީހާ ނިސްބަތްވާ ރަށުގެ ކޯޓުން ނިންމާފައިވާއިރު، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ސާބިތުނުވެއެވެ. އެކަމަކު، ޓެކުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ ފިރިހެން މީހާއަށްވަނީ ހުކުމް އިއްވާފައެވެ.

މަކަރާއި ހީލަތް ހެދުމުގެ ދައުވާ، މި ފިރިހެން މީހާގެ މައްޗަށް އުފުލާފައިވަނީ އަގުހެޔޮކޮށް ވިއްކާ ޑިންގީއެއް އޮތުމުން، އެ ޑިންގީ ގަނެދޭށޭ ކިޔައިގެން އޭނާ އިންނާނެ ކަމަށް ދަޅަދެއްކި އަންހެން މީހާ އަތުން ފައިސާ ހޯދި މައްސަލައިގައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ފިރިހެން މީހާވަނީ އަންހެން މީހާ އަތުން އޮޅުވާލައިގެން 10،000 ރުފިޔާ ހޯދާފައެވެ.

މި 10،000 ރުފިޔާ، އޭނާ އަންހެން މީހާ ލައްވައި ޖަމާކުރުވާފައިވަނީ އޭނާގެ ރައްޓެއްސެއްގެ އެކައުންޓަށް ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. ފަހުން އަނބުރާ ދޭ ގޮތަށް ހޯދި މި ފައިސާ ރައްދުކޮށްފައެއް ނުވެއެވެ. މި މައްސަލަ އެކަމަކު އެ ފިރިހެން މީހާގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއެވެ.

މި ފިރިހެން މީހާގެ މައްޗަށް ޓެކުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އަގުހެޔޮކޮށް އޭސީތަކެއް ވިއްކާކަމަށް ބުނެ، އެ ގަންނާނެ ބަޔަކު ހޯދައި ދިނުމަށް އޭނާ އިންނާނެ ކަމަށް ދަޅަ ދައްކައިގެން އުޅުނު އަންހެން މީހާ ގާތު ބުނެ، އެކަން ކޮށްފައިވާތީއެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަންހެން މީހާއަށް އޮޅުވާލައިގެން އޭނާ މެދުވެރިކޮށް އޭސީ ގަންނާނެ ބަޔަކު ހޯދައި، އެ މީހުން އަތުން ފައިސާ ވެސް ހޯދުމަށް ފަހު އޭސީ ވެސް އަދި ފައިސާ ވެސް ރައްދުކޮށްފައެއް ނުވެއެވެ.

ޓެކުމުގެ މި މައްސަލަ ސާބިތުވެ، އޭނާގެ މައްޗަށް ނުވަ މަހާއި، 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެކަމަކު، އެ މީހާ ލުއި އަދަބަކަށް ބަދަލުކޮށްދިނުމަށް އެދުމުން ޝަރިއަތުންވަނީ ފަސް މަސް ދުވަހަށް ގޭ ބަންދުކޮށް، 27،600 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ފައިސާ، ފަސް މަހުގެ ތެރޭގައި ދެއްކުމަށް ކޯޓުންވަނީ އެ މީހާއަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް