ރާއްޖޭގެ އެންމެ މަގުބޫލު، އަދި އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކާއި ކުޅުންތެރިން ފެންނަ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގުން އަނެއްކާ ވެސް ސޮއިކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރިގަދަ މުބާރާތް ކުރިއަށްދާނީ ސެޕްޓެންބަރު 18، އިން ފެބުރުވަރީ 5، 2026ގެ ނިޔަލަށް ގަލޮޅު ރަސްމީ ދަނޑުގައެވެ.
ރާއްޖޭގެ އެންމެ މޮޅު 10 ފުޓްބޯޅަ ޓީމު ވާދަކުރާ މި މުބާރާތުގައި މި ފަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް އަދި އޮޑި ސްޕޯޓްސް ކްލަބް ފެންނާނެއެވެ.
"ދިރާގު ދިވެހި ޕްރިމިއާ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ދިވެހީންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީހިނދު، ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކުރުމަށާއި ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވިއެވެ.
"ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވައި، ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމުކޮށް، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން. އަދި، ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށްލަން" އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގް ވިދާޅުވިއެވެ.
ދިރާގުން ދަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުން ދެމުންނެވެ.