ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތަށް ތައްޔާރުވުމަށާއި ފެތުންތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި 'ކްލީން އަޕް އެންޑް ސޯޝަލް ސްވިމް'ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހާއި މި މަހުގެ 15 ވާ ހޮނިހިރު ދުވަހު، މާލޭ ރަސްފަންނު ސަރަހައްދުގައެވެ.
މި ދެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތާއެކުގައެވެ. އެއަށްފަހު، ހުރިހާ ބައިވެރިން އެކުގައި ފެތުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ.
މިއީ ފެތުންތެރިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އާއިލާއާއި ރައްޓެހިންނާ އެކުގައި މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، މިއީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެސް ބާރުއެޅިގެންދާނެ ހަރަކާތެކެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ގައެވެ.
ވީހާވެސް ގިނަ ފެތުންތެރިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރެޖިސްޓްރޭޝަންގެ މުއްދަތު މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މި މުބާރާތުގައި އެއް ކިލޯމީޓަރާއި 500 މީޓަރާއި 250 މީޓަރު އަދި މުޅިން އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ހިމެނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް ސްވިމް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަ ކުރެވޭނެއެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މިފަދަ ކުޅިވަރު ހަރަކާތްތަކަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.