ރައީސް ފުލިދޫ ރައްޔިތުންނަށް: "މަޝްރޫއު ކެންސަލް ވާކަށް ނޭދެން، ލިޔުމުން އެންގުމުން ބިން ހިއްކާނަން"

ރައީސް މުއިއްޒު ފުލިދޫގައި: ވިދާޅުވީ، ފެލިދޫ ބަނދަރާ ގުޅުވައި 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށް ---- ފޮޓޯ/ ހައުސިން މިނިސްޓްރީ

ވ. ފުލިދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ، އެ ކަން ކުރަން ރައްޔިތުން ބޭނުންވާކަން ލިޔުމުން އެންގުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ފުލިދޫއަށް ވަޑައިގެން، އެމަނިކުފާނު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އާބާދީއަށް ބޭނުންވާ ރަށުގައި ބިމެއް ނެތް ކަމަށާއި ފުލިދޫއިން ގޯތި ދޫނުކުރާތާ ވެސް 15 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ.

އެގޮތުން، އެރަށުގެ ބަނދަރުގެ މަޝްރޫއުއާ ގުޅުވައި ބިން ހިއްކުމަކީ ރައްޔިތުން އެންމެ އެދޭ ގޮތްކަން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލިދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުން: އެމަނިކުފާނު ވިދާޅުވީ، އެރަށުން 12 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް ރައީސް ވިދާޅުވި ---- ފޮޓޯ/ ހައުސިން މިނިސްޓްރީ

އަޅުގަނޑު ތިބޭފުޅުންނަށްދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީ ގޮތަށް، މި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މި މައްސަލަ ހައްލުކޮށްދިނުމަށްޓަކައި ބަނދަރާ ގުޅިގެންދާ ގޮތަށް މިރަށަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމުގެ މަޝްރޫއެއް ހިންގައިދޭނަންރައީސް ޑރ. މުޙައްމަދު މުއިއްޒު

އެކަމަކު، އެ މަޝްރޫއު ހިންގާނީ، އެ ކަން ކުރަން ބޭނުންވާކަން ފެލިދޫގެ ރައްޔިތުން ޔަގީންކަން ދިނުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއީ، މިފަހުން ބިން ހިއްކުމަށް ހަވާލުކުރިފަހުން މަޝްރޫއު ކުރިއަށް ނުގެންދެވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެ އިޝާރަތްކުރެއްވީ، ބ. ދޮންފަނު ހިއްކަން ނިންމެވުމަށް ފަހު، އެކަން ހުއްޓާލަން ނިންމުމުން އެރަށުގެ ރައްޔިތުން ބިންހިއްކަން ބޭނުންވާ ކަމަށް ބުނެ މުޒާހަރާ ކުރުމަށެވެ. ރައީސް ދޮންފަނު ނުހިއްކަން ނިންމެވީ، އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށެވެ.

ރައީސް މުއިއްޒު ފެލިދޫގައި: އެރަށުން 12 ހެކްޓަރުގެ ބިން ހިއްކައި ދެއްވާނެ ކަމަށް ވިދާޅުވި ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިތުރަށް ވިދާޅުވީ، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ރައްޔިތުންގެ ލިޔުމެއް ބޭނުންވާނެ ކަމަށެވެ.

އަޅުގަނޑު ބޭނުމެއް ނޫން އަމަލީ މަސައްކަތް ފެށޭ ހިސާބަށްދާއިރު ދާދި މިދާކަށް ދުވަހު އެހެން ރަށެއްގައި ދިމާވިހެން މަޝްރޫއު ކެންސަލް ކުރަން ޖެހޭ ކަހަލަ ކަންތައްތަކެއް ވާހަކަށް. ރައްޔިތުން އެދޭ ގޮތް ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ފޮނުވައިދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއްރައީސް ޑރ. މުޙައްމަދު މުއިއްޒު

އޭރަށް ދޮންފަނުގައި ދިމާވިފަދަ ކަމެއް ދިމާނުވާނެ ކަމަށާއި ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކުރާ ފަދަ ދަނޑިވަޅެއްގައި ހެއްކަކަށް އެލިޔުން ދެއްކެން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ފުޓުބޯޅަ ދަނޑެއް ނޭޅި އޮތީ އެކަށީގެންވާ ބިމެއް އެރަށުގައި ނެތުމުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް