ގޫގުލްގެ ޖެމިނައި ޖެމްސް މިހާރު ޝެއާ ކުރެވޭނެ

ޖެމްސް ޝެއާ ފީޗާއަކީ ޖެމިނައި ބޭނުންކުރާ ގިނަބަޔަކު އެދެމުންދާ ފީޗާއެއް --

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމް، ޖެމިނައިގައި ހިމެނޭ 'ޖެމްސް' މިހާރު އެހެން ޔޫޒަރުންނާ ޝެއާ ކުރެވޭނެއެވެ.

މިއީ ޖެމިނައި ބޭނުންކުރަމުންދާ ގިނަ ބަޔަކު އެދިފައިވާ ފީޗާއެކެވެ.

ޖެމިނައި ޖެމްސް ޝެއާ ކުރުމުގެ ފުރުސަތު ލިބިފައިވަނީ ވެބް ބްރައުޒާ މެދުވެރިކޮށެވެ. މޯބައިލް އެޕްލިކޭޝަންތަކުން އަދި މި ފީޗާ ބޭނުންކުރެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވެއެވެ. ޖެމްސް ޝެއާ ކުރުމަށްޓަކައި، ޖެމިނައިގެ ވެބްސައިޓްގައިވާ ސައިޑް ޕެނަލްގައިވާ “އެކްސްޕްލޯ ޖެމްސް” ޕޭޖަށް ގޮސް، “މައި ޖެމްސް” ލިސްޓުގައިވާ ކޮންމެ ޖެމްއެއްގެ ކައިރީގައިވާ ޝެއާ ބަޓަން ބޭނުންކުރެވިދާނެއެވެ.

މި ޝެއާ ކުރުމުގެ މަސައްކަތް ހިންގަނީ ގޫގުލް ޑްރައިވްގެ ނިޒާމް މެދުވެރިކޮށެވެ. އެހެންކަމުން، ޖެމްސް ޝެއާ ކުރުމަށް އީމެއިލް އެޑްރެސް އެއް ޖަހައިގެން ނުވަތަ ލިންކެއް ހޯދައިގެން ވެސް ޝެއާ ކުރެވިދާނެއެވެ.

ޝެއާ ކުރެވޭ ލިންކް ލިބޭ ފަރާތަށް ޗެޓް ޕޭޖް ވަގުތުން ހުޅުވޭނެއެވެ. އަދި ޕްރޮމްޕްޓް ބޮކްސްގެ މަތީގައި ޖެމް ޝެއާ ކުރެވިފައިވާ ކަން އަންގައިދޭ މެސެޖެއް ފެންނާނެއެވެ.

https://sun.mv/211347

ޝެއާ ކުރާ ޖެމް ސޭވް ކުރަން ބޭނުންނަމަ ޕްރޮމްޕްޓެއް ޖެހުމަށްފަހު، އެ ޖެމް “ޝެއާޑް ވިތް މީ” މި ބައިގެ ދަށުން ޖެމް މެނޭޖަރަށް ސޭވް ކުރެވޭނެއެވެ. އިތުރު މެނޫއިން “އިތުރު ކޮޕީއެއް” ކުރުމުގެ އިތުރުން، އިންސްޓްރަކްޝަންތަކަށް ބަދަލު ގެނެސް، އެ ބަދަލުތައް ބެލޭނެއެވެ.

ޖެމްސް ޝެއާ ކުރުމުން އެ ޝެއާ ލިބޭ ފަރާތުގެ، ގޫގުލް ޑްރައިވްގައި އާ ފޯލްޑަރެއް “ޖެމިނައި ޖެމްސް”ގެ ނަމުގައި އުފެދޭނެއެވެ. ގޫގުލް އިން ބުނެފައިވާ ގޮތުގައި ޝެއާ ކުރެވޭ ހުރިހާ ފައިލްތަކެއް މިފޯލްޑާގައި ޖެމިނައިގެ އައިކޮންއާއި އެކު ހުންނާނެއެވެ. އަދި އެއަށް ފިތާލުމުން ޖެމިނައި ގޫގުލް.ކޮމް އިން ހުޅުވޭނެއެވެ.

މި ފީޗާއަކީ ގިނަ ބަޔަކު އެދިފައިވާ ފީޗާއަކަށްވާއިރު، ޚާއްސަކޮށް ތަޢުލީމީ ދާއިރާގައި މިކަމުގެ ބޭނުންތެރިކަން ބޮޑުކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ. މިހާރު މި ފީޗާ ޕާސަނަލް އަދި ވޯކްސްޕޭސް އެކައުންޓްތަކަށް ވެސް ލިބެން ހުރިކަމަށް ވެއެވެ.

ގޫގުލްގެ ޖެމިނައި ޕްލެޓްފޯމްގައި ހިމެނޭ 'ޖެމްސް' އަކީ ޔޫޒަރުންނަށް ވަކިވަކި ޕްރޮމްޕްޓްތައް ނުވަތަ އިންސްޓްރަކްޝަން ސެޓްތައް ރައްކާކޮށް، އަލުން ބޭނުންކުރުމުގެ ފުރުސަތު ދޭ ފީޗާއެކެވެ. މިކަމުގެ ސަބަބުން، ތަކުރާރުކޮށް ބޭނުންކުރަންޖެހޭ ޕްރޮމްޕްޓްތައް ކޮންމެ ފަހަރަކު އަލުން ލިޔާކަށް ނުޖެހެއެވެ. މިސާލަކަށް، ތަޢުލީމީ ދާއިރާގައި ކިޔަވައިދިނުމަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވުމަށް ޚާއްސަ ޕްރޮމްޕްޓްތަކެއް ތައްޔާރުކޮށް، އެ ޖެމްސްތައް އެހެން މުދައްރިސުންނާ ނުވަތަ ދަރިވަރުންނާ ޝެއަރ ކުރެވިދާނެއެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ވަކިވަކި ޓާސްކްތަކަށް ބޭނުންވާ ޕްރޮމްޕްޓްތައް ތައްޔާރުކޮށް، ޓީމުގެ މެންބަރުންނާ ޝެއާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ، މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ.

ޖެމްސް ޝެއަރ ކުރުމުގެ ފީޗާއާއެކު، ގޫގުލް ޑްރައިވް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕްރޮމްޕްޓްތައް ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެއެވެ.

comment ކޮމެންޓް