މައިކްރޯސޮފްޓް ވިންޑޯސް 10 ގެ ސަޕޯޓް އަންނަ މަހު ނިމުމަކަށް އަންނައިރު، ޕީސީ ބޭނުންކުރާ އެތައް މިލިއަން ބަޔަކު ސެކިއުރިޓީއާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވިންޑޯސް 10 އަށް ދެމުން އައި ހިލޭ އަޕްޑޭޓްތަކާއި ޕެޗްތައް އޮކްޓޯބަރު 14 ގައި ނިމުމަކަށް އަންނާނެއެވެ. މިއީ އެއް މަސް ދުވަހަށް ވުރެ ވެސް ކުރު މުއްދަތެކެވެ.
ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރުން ވަނީ ވިންޑޯސް ޕީސީ ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް ކުރިމަތިވާނެ ނުރައްކާތަކަށް އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން ކޮންސިއުމާ ބޮޑީތަކުން ދަނީ މައިކްރޯސޮފްޓްއަށް މި ނިންމުން ބަދަލުކުރުމަށް ގޮވާލަމުންނެވެ.
މި ކޮންސިއުމާ ބޮޑީތަކުން ވަނީ މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާއަށް ސިޓީއެއް ފޮނުވާފައި ކަމަށް ވެއެވެ. އެ ސިޓީގައި ބުނެފައިވަނީ، ވިންޑޯސް 10 ގެ ސަޕޯޓް ނިމުމަކަށް ގެނައުމަކީ، އެކަށީގެންވާ ހައްލެއް ނުދީ އެތައް މިލިއަން ބަޔަކު ސެކިއުރިޓީގެ ނުރައްކާތަކަށް ހުށަހެޅުން ކަމަށެވެ. އަދި މިއީ ސައިބާ ހަމަލާތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
ސަޕޯޓް ނިމުމުން، ވިންޑޯސް 10 ބޭނުންކުރާ ޕީސީތައް ސައިބާ ހަމަލާތަކަށް ނުރައްކާވެ، މައުލޫމާތުތައް ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވާނެއެވެ. ސައިބާ ސެކިއުރިޓީ ކުންފުނި އީސެޓް އިން ބުނެފައިވާ ގޮތުގައި، ހެކަރުން މިހާރުވެސް ދަނީ މިފަދަ ސިސްޓަމްތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ.
މިހާރުވެސް ޕީސީ މާކެޓްގެ 45 އިންސައްތަ ބޭނުންކުރަނީ ވިންޑޯސް 10 އެވެ. ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރުމަށް މައިކްރޯސޮފްޓް އިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން، ގިނަ ޕީސީތަކަށް ވިންޑޯސް 11 އަށް ބަދަލުނުވެވޭނެއެވެ. މީގެ ސަބަބުން އެތައް މިލިއަން ޕީސީތައް ބޭނުންނުކުރެވޭ ހާލަތަކަށް ދާނެއެވެ.
މައިކްރޯސޮފްޓް އިން ވިންޑޯސް 10 އަށް އެއް އަހަރުގެ އެކްސްޓެންޝަން ސަޕޯޓެއް ދެއެވެ. ނަމަވެސް، އެއަށް 30 ޑޮލަރު (ގާތްގަނޑަކަށް 462 ދިވެހި ރުފިޔާ) ހަރަދުވާނެއެވެ.
ޑެޑްލައިން ކައިރިވަމުން އަންނައިރު، މައިކްރޯސޮފްޓް އިން މި ނިންމުން ބަދަލުކުރުމަކީ ދުރުކަމެކެވެ. ނަމަވެސް، ބޭރުގެ ފަރާތްތަކުގެ ޕްރެޝަރުގެ ސަބަބުން މިކަން ބަދަލުވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.